ވެރިންނަށް ނަސޭހަތެއް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --

ވެރިޔަކު ގޯސް މަގަކުން ހިނގާ ނަމަ، އެ ކަމަކާ ގުޅިގެން އޭނާޔާ މުޚާތަބު ކުރާ އިރު، ހަތަރު ވައްތަރަކަށް ބަސް ބުނާ މީހުން ރައްޔިތުންގެ ތެރޭގައި ތިބޭނެއެވެ. އެއް ވައްތަރަކީ ތެދުވެރިކަމެއް އަދި އިޚްލާސްތެރިކަމެއް ނެތި، ވެރިމީހާގެ ފުށުން ނުހައްގު އަދި ނާޖާއިޒު މަންފާތަކާއި ފައިދާތައް ހޯދައިގަތުމުގެ އެދުމުގައި ޚުޝާމަދު ކޮށްގެން ވެރިމީހާގެ ހިތް ހަމަޖައްސައިދޭން އުޅޭ، އަދި ވެރިމީހާ ހަދަމުންދާ ގޯހަކީ ވެސް ރަނގަޅު ގޮތް ކަމުގައި ބުނެދޭ މީހުންނެވެ. ދެވަނަ ވައްތަރަކީ ތެދުވެރިކަމާއި އިޚްލާސްތެރިކަމާ އެކު، ތެދުބަހުން އަދި ހައްގު ގޮތުގައި، އިހުތިރާމާ އެކު ހައްގު ބަސް ބުނެ، ވެރިމީހާ ހަމަމަގުގައި ސާބިތު ކުރެވޭތޯ އުޅޭ މީހުންނެވެ. ތިންވަނަ ބަޔަކީ ރުޅި އައިސްގެން އެއްޗެތި ގޮވާ އުސޫލުން، ހަރުކަށިކޮށް އަދި ބޭއިހުތިރާމުގެ ބަހުރުވައިން ވެރިމީހާޔަށް ފާޑު ކިޔާ މީހުންނެވެ. ހަތަރުވަނަ ވައްތަރަކީ މީގެ ތެރެއިން ވަކި ބަޔަކަށް ސާފުކޮށް ނުފެތޭ، އިންސާނީ ބަލިކަށިކަމާ އެކު، އެކި ފަހަރު އެކި ވައްތަރުވައްތަރަށް ފެތޭ މީހުންނެވެ.

މީގެ ތެރެއިން ތިންވަނަ ވައްތަރުގެ މީހުން ގަނޑުވަރުން ބޭރު ކުރައްވައި، ދުރުގައި ބައިތިއްބަވާށެވެ. އެމީހުންގެ ވާހަކަ އަޑު ނުއައްސަވާށެވެ. އިވިވަޑައިގަތަސް، އަޅައިނުލައްވާށެވެ. އެއީ ނުރައްކައުތެރި، ނުލަފާ ބައެކެވެ. ދެވަނަ ވައްތަރުގެ މީހުން އަރިއަހުގައި، ކަނާއަތްޕުޅު ފަރާތުގައި ބައިތިއްބަވާށެވެ. އެމީހުންގެ ވާހަކަ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކު އައްސަވާށެވެ. ތިންވަނަ ވައްތަރުގެ މީހުން ކުރިފުޅުމަތީގައި ބައިތިއްބަވާށެވެ. އެއީ ވިޔާނުދާ ބައެކެވެ. ނަމަވެސް ކެތްތެރިކަމާ އެކު އެމީހުންގެ ވާހަކަ އަޑު އައްސަވާށެވެ. ހަތަރުވަނަ ބައިގެ މީހުން ވައަތްޕުޅު ފަރާތުގައި ބައިތިއްބަވާށެވެ. އެމީހުންގެ ވާހަކަ ވެސް އަޑު އައްސަވާށެވެ. ނަމަވެސް އެމީހުންނަކީ ވަކި ވަރަކަށް ވުރެ ބޮޑަށް އިތުބާރު ކުރެއްވުން ރަނގަޅު ބައެއް ނޫނެވެ. މި ހަތަރު ބައިގެ ތެރެއިން އެއްވެސް ބަޔަކާ މެދު ހަރުކަށިކޮށް އަމަލު ނުކުރައްވާށެވެ. އަނިޔާ ނުކުރައްވާށެވެ. އޯގާތެރި ވެވަޑައިގަންނަވާށެވެ. ހުރިހާ އެންމެން އެއްގޮތެއް ނުވާނެއެވެ. އެކި މީހުންގެ ޚަސީލަތާއި މިޒާޖާއި ވިސްނުމާއި އަމަލުތައް ހުންނަ ގޮތް ތަފާތު ވާނެއެވެ. ނަމަވެސް އެ އެންމެންނަކީ ވެސް ރައްޔިތުންނެވެ.

ރާއްޖޭގެ ތާރީޚުގެ ސަފުހާތަކުން، މި ދެންނެވި ވާހަކަތަކާ ގުޅޭ ހާދިސާއެއް ހަނދާނަށް ގެންނަވާ ހިންގަވާށެވެ.

އޯގަސްޓް،26، 1979ގައި، މާލޭގެ މަޝްހޫރު ވިޔަފާރިވެރިޔެއް ކަމުގައިވާ މ. ޔާގޫތުގޭ ޢަލީ ޢަބްދުﷲ، އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ސިޓީއެއް ފޮނުއްވިއެވެ. އެ ސިޓީއަކީ 20 އޯގަސްޓްގައި އޮތް، ރައްޔިތުންގެ މަޖިލިހުގެ އެ އަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާއިން ފާސް ކުރެއްވި ދިވެހިރާއްޖޭގެ އެކްސްޕޯރޓް އިމްޕޯރޓްގެ ބިލާ މެދު އޭނާގެ ޝިކާޔަތުތަކެއް ހިއްސާ ކުރެއްވުމުގެ ގޮތުން ފޮނުއްވެވި ސިޓީއެކެވެ. އެ ސިޓީގައި މައިގަނޑު ގޮތެއްގައި އޭނާ ވިދާޅުވެފައި ވަނީ، އިމްޕޯޓް ޑިޔުޓީ ނަގާން ފެށުމުން، ވިޔަފާރިވެރިންނަށް ލިބޭނެ ގެއްލުންތަކާއި، ގައުމުގެ އިގުތިސާދަށް ކޮށްފާނެކަމަށް އޭނާ ދެކެވަޑައިގަންނަވާ ނޭދެވޭ އަސަރުތަކާއި، އޭގެ ސަބަބުން ނުކުމެދާނެ އެހެނިހެން ނުބައި ނަތީޖާތަކުގެ ވާހަކައެވެ.

އަލްފާޟިލް ޢަލީ ޢަބްދުﷲ މި ސިޓީއެއް ލިޔުއްވެވި ދުވަސްވަރާއި، ހާލަތާއި، ފަސްމަންޒަރަށް ބަލައިލުމުން މެނުވީ، ސިޓީ ލިޔުއްވި ސަބަބުތަކާއި އޭގައި ވިދާޅުވި އެއްޗެއްގައި ހުރި ނަމަ ހުރި ބުރަދަނަކީ ކޮބައިކަން، މިހާރުގެ ޖީލުތަކަށް ފަހަރުގައި ނޭނގިދާނެއެވެ. އެހެންވީމާ، އެ ވާހަކަ ވެސް ޚުލާސާކޮށް ދަންނަވައިލާނަމެވެ. އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި އަލްފާޟިލް އިބްރާހީމް ނާޞިރުގެ ދުވަސްވަރު، ދިވެހިރާއްޖޭގެ އިގުތިސާދު ބައްޓަން ކުރެއްވި ގޮތުން، ރާއްޖެ އޮތީ ފްރީ ޕޯޓެއްގެ ގޮތުގައެވެ. އެބަހީ، އިމްޕޯޓަކުން އަދި އެކްސްޕޯޓަކުން އެއްވެސް ޑިޔުޓީއެއް ނުނަގާ ތަނެއްގެ ގޮތުގައެވެ. މީގެ ސަބަބުން ބޭރުގެ މުދާ ރާއްޖޭގެ ބާޒާރުން ލިބޭ އަގު ހެޔޮ ވުމުން، ރައްޔިތުންނަށް ފައިދާ ކުރުމުގެ އިތުރަށް، ރާއްޖޭގެ ބާޒާރުން ތަކެތި ގަތުމަށް އިންޑިޔާއިންނާއި ސިލޯނުން މީހުން އައުމުގެ ސަބަބުން ވެސް އިގުތިސާދަށް ފައިދާތަކެއް ކުރިއެވެ. އެއިރު އިންޑިޔާގެ ބާޒާރުގައި ބޮޑު އަގުގައި ވިއްކޭ މުދާ، ރާއްޖެއިން ހެޔޮ އަގުގައި ލިބޭތީ އެ ތަކެތި ގަންނާން އަންނަ މީހުންގެ އަދަދު ގިނަވެގެން، އިންޑިޔަން އެއަރލައިންސުން މާލެޔަށް ދުވާލަކު ފްލައިޓަކަށް ވުރެ ގިނައިން ދަތުރުތައް ވެސް ބާއްވާން ފެށިއެވެ. ލަންކާ އަދި އިންޑިޔާގެ އެތައް ބަޔަކު ގަވާއިދުން ރާއްޖެއަށް ތަކެތި ގަންނާން އައިސް، އޭގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ނުހަނު ބޮޑަށް ފައިދާ ކުރިއެވެ.

މިހެން އޮއްވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް 1978 ވަނަ އަހަރު އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިންތިޚާބު ވެވަޑައިގަތުމަށް ފަހު، ސަރުކާރުގެ އިގުތިސާދީ ސިޔާސަތު ބަދަލު ވިއެވެ. އަދި ރާއްޖެ އެތެރެ ކުރެވޭ މުދަލާއި ބޭރު ކުރެވޭ މުދަލުން ޑިޔުޓީ ނުވަތަ މައުމޫލު ނެގުމަށް ނިންމަވައި، އެކަމާ ބެހޭ ގާނޫނެއް ހެއްދެވުމަށް ޓަކައި ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށައެޅުނީއެވެ. އެ ބިލު، ރައްޔިތުންގެ މަޖިލިހުން ފާސް ކުރެއްވުމުން، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވައި ގާނޫނަކަށް ވުމުގެ ކުރިން، އަލްފާޟިލް ޢަލީ ޢަބްދުﷲ ސިޓީއެއް ލިޔުއްވައި އެދިވަޑައިގަތީ، ބިލު ތަސްދީގު ނުކުރެއްވުމަށެވެ.

އަލްފާޟިލް ޢަލީ ޢަބްދުﷲ ލިޔުއްވި ސިޓީގައި ހުރީ ގައުމީ އިގުތިސާދުގެ ނަޒަރުން ބަލާއިރު، އަދި ފަންނީ ތަރާދަކުން ކިރާ އިރު ގޯސް ވާހަކައެއްތޯ ނުވަތަ ރަނގަޅު ވާހަކައެއްތޯ ވަޒަން ކުރުމަކީ އަޅުގަނޑުގެ މަގުސަދެއް ނޫނެވެ. ހަމައެހެންމެ، އޭނާގެ ސިޓީގައި ދައްކަވައިފައި ހުރި ވާހަކަތައް ފެތެނީ ފަށަމުން ދެންނެވި ހަތަރު ވައްތަރުގެ ތެރެއިން ކޮން ވައްތަރަކަށްކަން ކަނޑައަޅާކަށް ވެސް އަޅުގަނޑު ނުއުޅޭނަމެވެ.

ޝައްކެއް ނެތް ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ހިތްޕުޅާ ނުވެދާނެ ވާހަކަތަކެއް އެ ސިޓީގައި ވެއެވެ. މިސާލަކަށް، ބިލް ތަސްދީގު ކުރައްވައިފި ނަމަ ނުކުމެދާނެ ނަތީޖާތަކާ މެދުގައި ވާހަކަ ދައްކަވަމުން، "އަދި އަޅުގަނޑު ދެކޭ ގޮތުގައި އެއީ މަނިކުފާނުގެ ސަރުކާރުގެ ވެއްޓުން ވެސްމެއެވެ" މިހެން ލިޔުއްވައިފައި ވެއެވެ. "މިއަދު އެންމެ ބޮޑު ހަތަރު ޓުއަރިސްޓް ރިސޯޓަކީ ދައުލަތުގެ ތަންތަން ކަމުގައި ވެފައި، ޓުއަރިޒަމް ރާއްޖޭގެ ސަރަހައްދުތަކަށް ބެހެމުން ފުޅާވަމުންދާ ދުވަސްވަރެއްގައި އެނދަކަށް ރެޔަކު ތިން ޔޫއެސް ޑޮލަރު ލިބިފައި، އެނޫންވެސް ބޭރުގެ އެހީތަކާއި، އާމްދަނީން ލިބޭ އެއްޗެއް ބަރާބަރަށް ދައުލަތުގެ ޚަޒާނާޔަށް ވަންނަ އިރު، ދައުލަތް ހިންގުމަށް ދަތި ވެގެން ޑިޔުޓީ ނަންގަވާ ނަމަ، އިގްތިސާދީ ރޭއްވެވުން އުނީއެވެ" މިއީ ވެސް ސިޓީގައި އޮތް އިބާރާތެކެވެ. މީގެ އިތުރުން، އެ ބިލާ އެއްކޮޅަށް ވަކާލާތު ކުރެއްވެވި މަޖިލިސް މެންބަރުންގެ ކިބައިގައި ވިޔަފާރި އާއި އިގުތިސާދުގެ އިލްމާއި އެނގުންތެރިކަން ނެތް ކަމަށް ވިދާޅުވެ، އެ ބޭފުޅުންނާ މެދު ނުރުހުންތެރިކަން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ފައުޅު ކުރައްވައިފައި ވެއެވެ.

ނަމަވެސް އެ ސިޓީގައި ވަރަށް ރަނގަޅު ވާހަކަތައް ވެސް ހުއްޓެވެ. އިގުތިސާދީ ގޮތުން ވެސް ހަމަ ޔަގީނުން ވެސް ކޮންމެވެސް ކަހަލަ ބުރަދަނެއް ހުރި ވާހަކަތައް ހުއްޓެވެ. ޖުމުލަ ގޮތެއްގައި އަޅުގަނޑަށް އެ ސިޓީ ފެނުނީ އެއްވެސް ފޮރުވުމެއް، ވަންހަނާ ކުރުމެއް ނެތި، ފެނިވަޑައިގަންނަވާ އެއްޗެއް ތެދުބަހުން ވިދާޅުވެފައި އޮތް ސިޓީއެއްގެ ގޮތުގައެވެ. އަޅުގަނޑަށް އެ ސިޓީ އެޑިޓު ކުރާން ލިބުނު ނަމަ، އަޅުގަނޑު ކަނޑައިލާނެ ބައެއް އިބާރާތްތަކާއި، ބަދަލު ކޮށްލާނެ ބައެއް އިބާރާތްތައް ހުއްޓަސް، އަޅުގަނޑަށް ގަބޫލު ކުރެވެނީ އެ ސިޓީއަކީ ރަނގަޅު ސިޓީއެއް ކަމުގައެވެ.

ކޮންމެއަކަސް، ޢަލީ ޢަބްދުﷲގެ ސިޓީއާ މެދު ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ހިތްޕުޅު ހަމަނުޖެހުނުކަމަށް މެނުވީ ބުނެވޭކަށް ނެތެވެ. އެހެނީ 28 އޯގަސްޓް 1979ގެ ތާރީޚުގައި، މަޖިލިހުގެ ރައީސަށް އެޑްރެސް ކުރައްވައި ރައީސް އޮފީހުން ލިޔުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ޢަލީ ޢަބްދުﷲގެ ސިޓީއަކީ "އާއްމުކޮށް ރައްޔިތުންގެ މަޖިލިހަށާއި، ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުންނަށާއި އަދި މަޖިލިސްގެ ބައެއް އެހެން މެންބަރުންނާ މެދު ވަރަށް އެކަށީގެންނުވާ އިހާނާތްތެރި އިބާރާތްތަކެއް ލިޔުއްވައިފައިވާ" ސިޓީއެއް ކަމަށެވެ. "މަޖިލިހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން މި ސިޓީއާ މެދުގައި އަމަލު ކުރެއްވުމަށް" ޓަކައި މަޖިލިހަށް ސިޓީގެ ކޮޕީއެއް ފޮނުއްވީ ކަމުގައި ވެސް ސިޓީގައި އޮތެވެ. ސޮއި ކުރައްވައިފައި އޮތީ ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީ ޢަބްދުﷲ ޖަމީލެވެ.

ޢަލީ ޢަބްދުﷲގެ ސިޓީ ކިޔަމުން ދިޔަ އިރު، އަޅުގަނޑު އެންމެ އަޅައިގަތް އެއް ޕެރެގްރާފަކީ، "މާތް މަނިކުފާނުއެވެ! އެ ބިލް ފާސް ވެފައި ވަނީ މަޖިލިހުގެ އުމުރު ހުސްވެހުސްވެ އޮއްވައިކަމާއި، އަދި މަޖިލިހުން ކަމެއް ފާސް ވާނެ އެންމެ ނިކަމެތި ބަލިކަށި ގޮތަށްކަން ވިސްނަވައި، އެ ބިލާމެދު ދެވަނަ ފަހަރަށް ވިސްނަވަން މަޖިލިހަށް އަބުރާ ފޮނުއްވާލެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އެއީ މަނިކުފާނު ދެކެ އަޅުގަނޑު ލޯބި ވާތީއެވެ. ދެވަނަ ފަހަރު ވެސް ފާސް ވެއްޖެނަމަ ކުރާނެކަމެއް ނެތެވެ. މަނިކުފާނަށް ކޮށްދެއްވޭނެ އިތުރު ކަމެއް ނެތްކަމަށް ރައްޔިތުން ގަބޫލު ކުރާން ޖެހޭނެއެވެ." މި ޕެރެގްރާފެވެ. އެހެން ޕެރެގްރާފެއްގައި، ޑިޔުޓީ ނަންގަވާން ފެއްޓެވުމުގެ ކުރިން ރާއްޖެއިން ބޭރުގެ އިގުތިސާދީ މާހިރުން ގެންނަވައިގެން، އެމީހުންގެ ލަފާ ހޯއްދެވުމަށް ވެސް މަޝްވަރާ ދެއްވައިފައި އޮތެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. ޢަލީ ޢަބްދުﷲގެ ސިޓީ ލިބިވަޑައިގަތުމުން، އެ ސިޓީއާ މެދު ރުހިވަޑައިނުގެން ރައްޔިތުންގެ މަޖިލިހަށް ރަސްމީކޮށް މައްސަލައެއްގެ ގޮތުގައި ހުށައެޅުއްވުމުގެ ބަދަލުގައި، އެ ވިދާޅުވާ ފަދައިން ބިލު ތަސްދީގު ނުކުރައްވައި މަޖިލިހަށް ފޮނުވައިލެއްވި ނަމަ ކިހައި ރަނގަޅު ވީސް ހެއްޔެވެ؟ އެއިރުން ޢަލީ ޢަބްދުﷲ އެ ވިދާޅުވި ފަދައިން، އެކަމުގައި ރައީސަށް ކުރެއްވޭން އޮތް ކަމެއް ކުރައްވައިފިކަމުގެ ހިތްހަމަޖެހުން ވިޔަފާރިވެރީންނަށް ވެސް ލިބުނީސްތާއެވެ! ހަމަ އެހެންމެ، އެކަމުގައި އިގުތިސާދީ މާހިރުންގެ ލަފާ ވެސް ހޯއްދެވުނީސްތާއެވެ!

މިހެން މި ދެންނެވީ ކޮންމެހެން ރައީސް މައުމޫނަށް ވެސް ކުޑައިމީސް ބަސްތަކެއް ރައްދު ކުރުމުގެ އެއްވެސް ނިޔަތެއްގައެއް ނޫނެވެ. އެމަނިކުފާނު ގައުމަށް ކޮށްދެއްވެވި ޚިދުމަތްތަކަށް ހުރީ ޝުކުރެވެ. ނަމަވެސް ބައެއް ފަހަރު ގޯސްތަކެއް ހެއްދެވުނުކަން އެއީ ތާރީޚު ދައްކާ ހަގީގަތެވެ. އަދި އެފަދަ އެތައް ގޯސްތަކެއް، ފަހުން އައިސް އެމަނިކުފާނުގެ ގައިކޮޅުގައި "ދަތް އެޅިކަން" އެއީ ވެސް ހަމަ ހަގީގަތެވެ.

ކުރީން ވެސް ދެންނެވި ފަދައިން، ޢަލީ ޢަބްދުﷲ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީގައި، ރައީސަކަށް ހުންނަވާ ބޭފުޅަކު ހިތްޕުޅާ ނުވެދާނެ ބައެއް އިބާރާތްތައް އެބަ ހުއްޓޭ ބުނެވިދާނެއެވެ. ނަމަވެސް އެފަދަ ބަސްތަކެއް ވިޔަސް ރައްޔިތެއްގެ ދުލުން ބުނުމުން، އެކަމާ ރުޅި ނާންނަ، ބަދަލު ނުހިފާ، އޯގާތެރިކަން އިސް ކުރާ، އެ ބަހެއްގައި ވާ ނުބައިކަމަކުން ﷲގެ ހަޒުރަތުން ރައްކައުތެރިކަން ހޯދުމާ އެކު އޭގައި ވާ ހެޔޮކަމަކުން ފައިދާ ލިބިގަންނާނެ ވެރިން، އެއީ ގައުމާއި ރައްޔިތުންނަށް ބޭނުން ވާ ކަހަލަ ވެރިންނެވެ. ރައްޔިތުން ފާޑު ކިޔާނެއެވެ. ބައެއް ފަހަރު ހޫނު އިބާރާތްތަކުންނެވެ. ބައެއް ފަހަރު ކޮރު އިބާރާތްތަކުންނެވެ. ނަމަވެސް ވެރިމީހާޔަށް ހެޔޮކަން ބޮޑު ގޮތަކީ، ރައްޔިތުންގެ ޝަކުވާޔާއި ފާޑު ކިޔުމުގެ ބަސްތަކުގައި ހުންނަ ހޫނުކަމަކަށް، ކޮރު ކަމަކަށް، ގޯހަކަށް މާބޮޑަށް ނުބަލައި، އޯގާތެރިކަމާއި ހިކުމަތްތެރިކަން އިސް ކުރުމެވެ. ރައްޔިތުންނަށް ގޯސް، ވެރިމީހާގެ ރަހުމާއި ހަމްދަރުދީއާއި އޯގާތެރިކަމަށް ވުރެ ވަޒަންކުރުމުގެ ތިލަފަތުގައި ބަރު ނުކުރުމެވެ.

މި ދަންނަވާ ފަދައިން ކަންތައްތައް ކުރުމުގެ އެންމެ ރީތި އެއް މިސާލަކީ މުސްލިމުންގެ މަތިވެރި ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހެވެ. އެއް ދުވަހަކު އެކަލޭގެފާނު މަސްޖިދުއް ނަބަވީގައި ދެއްވި ޚުތުބާއެއްގައި، އަންހެނުން ކައިވަނީގެ ރަން މާބޮޑުކޮށް ކިޔުން އާއްމު ވަމުންދާ ވާހަކަ ވިދާޅުވެ، އެކަން އެހެން ނުކުރުމަށް އެންގެވިއެވެ. އެހިނދު، މިސްކިތުގައި ތިބި މީހުންގެ ތެރެއިން މުސްކުޅި އަންހެނަކު ތެދުވެ އެކަލޭގެފާނުގެ ވާހަކަފުޅަށް އިއުތިރާޒު ކޮށް، ކީރިތި ޤުރްއާނުގައި ކޮންމެ އަދަދަކުން ވެސް ރަން ކިޔުމުގެ ހައްގު އަންހެނުންނަށް ލިބިދީފައި އޮއްވައި، އެ ހައްގު ހަނި ކުރުމަށް ކަލޭގެފާނަށް އޮތީ ކޮން ހައްގެއްތޯއޭ ދަންނަވައި ހަރުކަށި އިބާރާތަކުން ރައްދު ދިނެވެ. ޢުމަރުގެފާނު އެ އަންހެންމީހާގެ ހިތްވަރުގަދަކަމަށް ތައުރީފު ކުރައްވައި، އޭނާގެ ބަސް ގަބޫލުފުޅު ކުރެއްވެވިއެވެ. އެކަލޭގެފާނުގެ ތާރީޚު ފޮތްތައް ބައްލަވައިލެއްވުމުން، މިފަދަ ކިތައްމެ މިސާލުތަކެއް ފެނިވަޑައިގަންނަވާނެއެވެ.

ޢަލީ ޢަބްދުﷲ ލިޔުއްވި ސިޓީއާ ގުޅިގެން ދެން ވީ ކިހިނެއް ހެއްޔޭ، މަޖިލިހުން ކަންތައް ކުރެއްވީ ކިހިނެއް ހެއްޔޭ، ޢަލީ ޢަބްދުﷲ އަށް ވީ ކިހިނެއް ހެއްޔޭ، މި ކަހަލަ ސުވާލުތަކެއް ކިޔުންތެރިންގެ ހިތްޕުޅުތަކުގައި އުފެދޭނެކަން އަޅުގަނޑަށް އެނގެއެވެ. އެ ސުވާލުތަކާ މެދު މި ކޮލަމުގައި ވާހަކަ ދައްކާކަށެއް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. ނަމަވެސް ދެ ސުވާލަކަށް ޖަވާބު ދީފައި މެނުވީ ނިންމައެއްނުލާނަމެވެ. އެ ބިލަށް ދެން ވީ ކިހިނެއްހެއްޔޭ، މިއީ އެއް ސުވާލެވެ. ރައީސް މައުމޫން 15 ސެޕްޓެންބަރު 1979ގައި އެ ބިލް ތަސްދީގު ކުރެއްވުމުން، ބިލު ދިވެހިރާއްޖޭގެ ގާނޫނު ނަންބަރު 79/31 އަށް ވީއެވެ. އެއިރުއްސުރެ، ފަހުން ގެނެވުނު ބައެއް އިސްލާހުތަކާ އެކު އެ ގާނޫނު ރާއްޖޭގައި ހިންގެމުން އެބަދެއެވެ. ދެވަނަ ސުވާލަކީ، ރައީސް މައުމޫނަށް ޝަކުވާގެ ސިޓީ ލިޔުއްވި މ. ޔާގޫތުގޭ ޢަލީ ޢަބްދުﷲ އަކީ ދިވެހިރާއްޖޭގެ ކުރީގެ މަހާރެހެންދި އަލްފާޟިލާ ލައިލާ ޢަލީ ޢަބްދުﷲގެ ބައްޕާފުޅު ބާވައޭ މި ސުވާލެވެ. އާދޭހެވެ! އެއީ އެކަމަނާގެ ބައްޕާފުޅެވެ.

ގުޅޭ ޓެގު
comment ކޮމެންޓް