ކުރީގެ ނައިބް ރައީސްގެ ސޫތުކުޅި ދަތުރުފުޅު

އޮގަސްޓް 5، 2019: ރާއްޖެއިން ފިލައިގެން ދަނިކޮށް ހައްޔަރުކޮށްގެން ރަޢްްޖެގެނައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުލުސް އޮފީހަށް ހާޒިރު ކުރުމާއި، ބައްދައް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުން -- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްޔާސް

ޕީ.ޕީ.އެމްގެ ސަރުކާރު ގެ ދެވަނަ ނައިބް ރައީސް (ޕީ.ޕީ.އެމް.ގެ ފަސް އަހަރު ދުވަހުގެ ވެރިކަމުގައި އިންތިޚާބީ ނައިބް ރައީސް އާއި އެކު ތިންފަހަރު ނައިބް ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ހަމަޖެއްސުނެވެ.) އެންމެ ފަހު ދަތުރުފުޅު ރާއްޖެ އިން ބޭރަށް ކުރެއްވީ ޓަގު ބޯޓެއްގަ އެވެ. ސޫތުކުޅި އަށެވެ. ތައްޓު މަތީ ގައެވެ. ޤާނޫނާ ޚިލާފަށެވެ. ޤަވައިދާ ޚިލާފަށެވެ. އެއްވެސް ބައެއްގެ ހުއްދަަ އެއް ނެތި އެވެ. ބޯޓަށް އަރައި ވަޑައިގަތީ ބޯޓުގައި އެ ވަގުތު ހުރި ވެރި ފަރާތަށް ނޭނގި ކަމުގައި ބެލެވެ އެވެ. އެ މަނިކުފާނުގެ އަތްޕުޅުގައި ބޭރު ދަތުރު ކުރުމަށް މީހުން ބޭނުން ކުރާ އެއްވެސް ބާވަތެއްގެ ޤާނޫނީ ލިއުމެއް އޮތް ކަމުގައި ނުވެ އެވެ. އެ މަނިކުފާނު ދަތުރު ކުރެއްވީ ތަޙްޤީޤަށް ފުލުސް އޮފީހަށް ޙާޒިރުވެ ވަޑައިގަންނަވަން ޖެހިފައި އޮއްވަ އެވެ. އެ މަނިކުފާނުގެ ސިއްރު ދަތުރުފުޅާ ބެހޭ އެއްވެސް މަޢުލޫމާތެއް ޤާނޫނު ތަންފީޒު ކުރާ އެއްވެސް އިދާރާ އަކަށް އެނގިފައި އޮތް ކަމުގައި ނުވެ އެވެ. އަދި ޤައުމުގެ ސަލާމަތީ ބާރުތަކަށް ވެސް އެނގިފައި އޮތް ކަމުގައި ނުވެ އެވެ.

ނައިބް ރައީސް ނަންބަރު ދޭއް އަކީ އާދައިގެ ބޭފުޅެއް ނޫނެވެ. އޭނާގެ އިސްތަށިފުޅުގައި އެޅިފައި އޮތީ ވެސް އާދައިގެ އިލްޒާމްތަކެއް ނޫނެވެ. ރާއްޖޭގެ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން އުޅުމުގެ އިލްޒާމުން ފެށިގެން، މަނީލޯންޑާ ކުރެއްވުމާއި ސަރުކާރުގެ އެތައް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވެވަޑައިގަތުމާއި، ސަރުކާރުގެ މުހިއްމު މުސްތަޤިއްލު މުއައްސަސާތަކަށް ނާޖާއިޒު ނުފޫޒު ފޯރުވުން ފަދަ ބައިވަރު ކަންތައްތައް ކުރެއްވުމުގެ އިލްޒާމް، އެ މަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވިފައި އޮތެވެ. މީގެ ތެރެއިން ބައެއް ކަންތައްތައް ޝަރީޢަތަށް ހުށައެޅި، ކުށް ސާބިތު ވެގެން އެ މަނިކުފާނަށް ވަނީ ޖަލު ޙުކުމެއް ވެސް އައިސްފަ އެވެ. އަދި އެ މަނިކުފާނު ވަނީ ޖަލު ޙުކުމް ތަންފީޒު ކުރައްވަން ވެސް ފައްޓަވައިފަ އެވެ.

ޕީ.ޕީ.އެމް އަށް ވެރިކަން ގެއްލި، އާ ސަރުކާރު ވެރިކަމަށް އައުމާ އެކު މުސްތަޤިއްލު މުއައްސަސާތަކަށް ހީވީ ސުނާމީ އެއް އައި ހެންނެވެ. ކުރިން ނިންމާފައި ހުރި ވަރަށް ގިނަ މުހިއްމު، ކަންތައްތައް ނިއުޅަން ފަށައިފި އެވެ. އަދި ކުރިން ނިންމާ ފައި ހުރި ގޮތާއި ދިމާ އިދިކޮޅަށް ނިންމަން ފެށުނެވެ. ކުރީގެ ނިންމުމުގައި ކުށްވެރިން ކަމުގައިވާ މީހުން ފަހުން ކުށްވެރިންނަށް ނުވާ ކަމަށް ނިންމި އެވެ. ކުރިން ސަރުކާރަށް ދަރާ ފައި ތިބި މީހުން ސަރުކާރަށް ނުދަރާ ކަމަށް ނިންމި އެވެ. އަދި ބައެއް ފަރާތްތަކަށް ސަރުކާރުން ފައިސާ ދައްކަން ޖެހޭ ގޮތަށް ވެސް ނިންމުނެވެ. ނިންމުންތައް ނިންމަން ތިބީ ހަމަ އެއް ބައެކެވެ. ބަދަލުވީ ޙާލާތެވެ. ކުރިން ހުށަނޭޅޭ އާ ހެެއްކެއް، ލިއުމެއް، ޤަރީނާއެއް ވެސް ހުށައެޅުނު ކަމުގައި ނުވެ އެވެ. ކުރީގެ ނައިބް ރައީސް ނަންބަރު ދޭއްގެ މައްޗަށް ނިންމާފައި ހުރި ހުރިހާ ނިންމުންތައް ވެސް ތަފާތު ސަބަބު ދިނުމަށް ފަހު ބާތިލު ވެގެން ދިޔަ އެވެ. ނަތީޖާ އަކަށް ވީ އެ މަނިކުފާނުގެ އެއްވެސް ކުށެއް އޮތްކަމު ގެ އެއްވެސް ޤާނޫނީ ނިންމުމެއް ނެތުމެވެ. މިނިވަން ވީ އެވެ. އެ މަނިކުފާނު ބަންދުގައި ބެހެއްޓޭނެ ގޮތެއް ވެސް ނުވި އެވެ. އެކަމަށް، އެކަން ކުރާ ފަރާތްތަކުން ފެހި ސިގްނަލް ލިބޭ ގޮތް ނުވީ އެވެ.

ކުރީގެ ނައިބް ރައީސް ނަންބަރު ދޭއްގެ ސޫތުކުޅި އަށް ކުރެއްވި ދަތުރުފުޅުވީ ނޫސްވެރިން ނަށް ޚަބަރު ހެދުމާއި، ތަޙުލީލު ކުރުމާއި، ދިރާސާ ކުރުމާއި، ތަފާތު ގޮތްގޮތަށް ވިސްނާ ލިއުމުގެ ޢީދަކަށެވެ. ސަބަބަކީ ކަމާއި ބެހޭ ހުރިހާ ރަސްމީ ފަރާތްތަކުން ވެސް އެކަމާއި ބެހޭ ގޮތުން ހައްޕު ކިޔައިގެން ތިބުމެވެ. ނޫސްވެރިން އަލި އަޅުވާފައި އޮއްވާ އަޅުގަނޑަށް ފެނިފައި ނުވާ ބަޔަކަށް އަލި އަޅުވާލާނަމެވެ.

ކުރީގެ ނައިބް ރައީސް ނަންބަރު ދޭއް ގެ ސޫތިކުޅީ ދަތުރުފުޅަކީ ވަރަށް ގިނަ ބަޔަކު ބައިވެރި ވެގެން ރޭވިގެން ކުރެވުނު ދަތުރެކެވެ. އެ މަނިކުފާނަށް ގިނި ކަންޏާ އެކަން ކަމެއް ނުކުރެއްވޭނެ އެވެ. ޓަގް ބޯޓަށް ގުޅުމާއި، ޓަގު ބޯޓަށް އެރުމާ ބެހޭ ގޮތުން ބައިވަރު ކަންތައް ކުރަން ޖެހޭނެ އެވެ. އަދި އެކަންތައްތައް ކުރަން ޖެހެނީ ސިއްރުންނެވެ. ނަންބަރު ދޭއް އަތުލެވޭ ހިސާބުން އެކަން ނިމިގެން ނުވާނެ އެވެ. އެކަން ކުރުވި ބަޔަކު ހޯދަން ޖެހެ އެވެ. މިކަހަލަ ކަންތައްތައް ގިނަ ގިނަ އިން ތަކުރާރު ވިޔަ ނުދިނުމަށެވެ. މީގެ ކުރިން ފަރަންސޭސި ވިލާތުގެ އަންހެނަކު ވެސް ވަނީ ހަމަ މިކަހަލަ ދަތުރެއް ކޮށްފަ އެވެ. އެ ދަތުުރު އޭނާ ކާމިޔާބު ކުރި އެވެ. މި ގޮތަށް ކަންތައް ތައް ހިގަނީ މިފަދަ ކަންތައްތައް ބަލަހައްޓަން ހަވާލު ކުރެވިފައި އޮންނަ ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތުގެ ދޯދިޔާ ކަމުން ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އިނގިރޭސި ވިލާތުގައި ނަންބަރު ދޭއްގެ ވަކީލުންގެ ޓީމުން ޙަރަކާތްތެރި ވާނީ ވެސް އެ ކަން ކޮށްދިނުމަށް އެދި ބަޔަކު ކުރިން އަންގައި ގެންނެވެ. ނަންބަރު ދޭއްގައި ފައިސާގެ ދަތިކަމެއް ކަމެއް ނުއޮންނާނެ ކަން އެނގެ އެވެ. ޚިޔާނާތްތެރިވި ކަމަށް މިހާރު އެއްބަސްވެ ވަޑައިގެންނެވި ކަމަށް ވިދާޅުވާ ދިވެހި ރައްޔިތުންގެ ބައިވަރު ފައިސާ ހުންނާނެ އެވެ.

ނަންބަރު ދޭއްގެ ކުށެއް ނެތް ކަމަށް ނިންމު މަކީ، އެ މަނިކުފާނު، މިފަދަ މީހުންގެ އަމަލުތައް ސިއްރިޔާތު ގައި ބަލާ ފަރާތްތަކުގެ ރާޑަރުގެ ފޯކަހުން ބޭރު ކޮށްލުމެއް ނޫނެވެ. ސަބަބަކީ އެ ފަދަ ތަންތަނުގެ އެންމެ މުހިއްމު އެއް މަސްއޫލިއްޔަތަކީ މި ގޮތަށް ޤާނޫނީ ދޫ މަޅިއަކުން ދޫވެގެން ނުކުންނަ މީހުން، ދެން އަޅާނެ ފިޔަވަޅުތައް ބަލައި ހުށިޔާރު ވުމެވެ.

ސަރުކާރުން ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަހަހަށް ނުނިންމިގެން އުޅޭ ސަބަބު އަޅުގަނޑުމެންނަށް ވިސްނެ އެވެ. ސަރުކާރުން ބޭނުންވަނީ މައްސަލަތައް ނިންމެނީ ބައިނުލްއަޤްވާމީ ހަމަތަކުން ބަލައިގަންނަ މިންގަނޑުތަކާ އެއްގޮތައް ކަމަށް ވާތީ ވެއެވެ. އަދި މިހާރު މި އޮތް ނިޒާމުގައި ސަރުކާރުން ބޭނުންވާ ހަލުއި ދުވެލީގައި މައްސަލަތައް ކުރިއަށް ގެންދިއުމުގެ ހުރަސްތަކެއް ކުރިމަތިވަނީ އެވެ. އެހެންނަމަވެސް މިހާރު ދިމާވާ މައްސަލަ އަކީ މައްސަލަތައް ނިންމުމުގައި ލަސްވުމުން، މައްސަލަތަކުގައި ޝާމިލުވާ ބޮޑެތި ކުށްވެރިން ފެނަށް ދިރުމުގެ ފުރުޞަތު ބޮޑު ވުމެވެ. އަދި އެމީހުންނަކީ ކުށްވެރިން ނޫން ކަމަށް ޔަޤީންކަމާ އެކު އެމީހުން ދެކެން ފެށުމެވެ.

ނަންބަރު ދޭއްގެ ސޫތިކުޅީ ގެ ދަތުުރުފުޅުގައި އެ މަނިކުފާނުގެ ޖިނާއީ ވިސްނުންފުޅަށް ތަޢުރީފް ޙައްޤެވެ. އަޅުގަނޑުމެންގެ ކަސްޓަމްސް އާއި ޕޯރޓުސް އަތޯރިޓީ އާއި ސިއްރު ފުލުހުން އަލުން ކުލާސް ރޫމް އަށް ދާންވީ ކަން މިހާރު އެނގިއްޖެ އެވެ. ދަސްކުރަންވީ ބައިވަރު ކަންތައްތައް ހުރި ކަން ސާފުވެއްޖެ އެވެ. ކުރިއްސުރެ އަޅުގަނޑުމެން ސަމާލުވެ ތައްޔާރުވެ ނުތިބެއްޖެ ނަމަ، ލާމަރުކަޒީގެ އުޞޫލުން ޤައުމު ހިނގުން ފުޅާ ކުރެވުމުން މިހާރަށް ވުރެ ގިނައިން މި ބާވަތުގެ މައްސަލަތަކާއި ކުރިމަތިލާން ޖެހުމަކީ ކައިރި ކަމެކެވެ.

comment ކޮމެންޓް