ޓެކްސީ އަގުތަކުގެ މައްސަލަ ސިވިލްކޯޓަށް ހުށަހަޅައިފި

މާލެ ސަރަހައްދުގައި ޓެކްސީތަކުން ނަގާ އަގުތަކަށް ސަރުކާރުން ގެނައި ބަދަލާމެދު ހިތްހަމަ ނުޖެހި، އެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

ޑްރައިވާސް އެސޯސިއޭޝަނުގެ ރައީސް އަބްދުﷲ އިބްރާހިމް މިއަދު ސަން އަށް ވިދާޅުވީ އަގުތަކުގެ މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުންް އެދިފައިވަނީ އަލަށް އެކުލަވާލި އަގުތަކަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލަށް އެކުލަވާލި އަގުތަކަށް ބަލާއިރު ހުޅުމާލެ ތެރޭ އަދި މާލެ ތެރޭ ޓެކްސީ ދަތުރު ކުރެވޭނެ އަގަކީ 25 ރުފިޔާ އެވެ. މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރު ކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ އެވެ. މާލެ އަދި ހުޅުމާލެ އިންވެސް ހުޅުލެއަށް ދަތުރުކުރެވޭނީ 60 ރުފިއާ އަށެވެ.

މިހާރު މާލެ އާއި ހުޅުމާލެ އަދި ހުޅުލެ އާ ދެމެދު ކުރާ ދަތުރުތަކަށް ނަގަނީ 100 ރުފިޔާ އެވެ.

ޑްރައިވަރުންގެ އަނެއް ކަންބޮޑުވުމަކީ، ދާގީނާ އަރުވާއިރު މިހާރު އިތުރަށް ނަގާ ފަސް ރުފިޔާ ނެގުން އަލަށް އެކުލަވާލި އަގުތަކުގައި ހިމަނާފައި ނުވުމާއި ރޭގަނޑު 12ގެ ފަހުން 30 ރުފިޔާ އަށް ދަތުރުކުރި ކުރުން އުވާލާފައިވާތީ އެވެ.

އިއްޔެ ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި ދާގީނާގެ އަގުގެ މައްސަލަ ހައްލުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިކަމަށް އަބްދުﷲ ވިދާޅުވިއެވެ.

"އެބޭފުޅުން ވިދާޅުވަނީ އަގުތައް ކަނޑައަޅާފައިވަނީ މަތިން އެންގެވި ގޮތަށް ކަމަށް. ކެބިނެޓުން ނިންމި ނިންމުމެއް ކަމަށް އެއީ. އެކަމާ ގުޅިގެން ރައީސް އަށްވެސް މިހާރު ދަންނަވާފައި ވާނީ އަގުތަކަށް ބަދަލު ގެނެސްދިނުމަށް،" ޑްރައިވަރުންނަށް ލިބޭ އާމްދަނީ މަދުވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަބްދުﷲ ވިދާޅުވިއެވެ.

ޓެކްސީ އަގަށް ބަދަލު ގެނެސް ޓެކްސީ ކުރުމުގެ ކަންތައް އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކުރުމަށް ވަނީ ނިންމައިފައެވެ. އެޕްލިކޭޝަންތަކަށް ބަދަލުވުމަށް ދެ މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު ތިން އެޕްލިކޭޝަނެއް ރާއްޖޭގައި ޓެކްސީތަކުން ބޭނުން ކުރާނެއެވެ. އެއީ "އަވަސް ރައިޑް" "ޕިކްމީ" އަދި "އެ އައީ" އެވެ.

comment ކޮމެންޓް