ދަގަނޑޭގެ ހެޓްރިކުން ނިލަންދޫ ބަލިކޮށް ގްރީން ތިން ވަނައަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ގްރީން ސްޓްރީޓާއި ނިލަންދޫ އެފްސީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// ދިވެހި ޕްރިމިއާ ލީގު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މަހެއްހައި ދުވަހުގެ މެދު ކެނޑުމަކަށްފަހު މިއަދު ހަވީރު އަލުން ފެށި އިރު އަލީ އަޝްފާގު (ދަގަނޑޭ) ގެ ހެޓްރިކަކާ އެކު ނިލަންދޫ އަތުން ގްރީން ސްޓްރީޓު ފަސޭހަ މޮޅެއް ހޯދައިފި އެވެ.

މިފަހަރުގެ ލީގަށް އެންމެ ބޮޑަށް ތައްޔާރުވި އެއް ޓީމުގެ ގޮތުގައި ހިމެނޭ ގްރީން ސްޓްރީޓުން މިއަދު ހަވީރު ކުޅުނު މެޗުން ނިލަންދޫގެ މައްޗަށް ކުރި ހޯދީ 0-6 ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ގްރީނުން ވަނީ ތާވަލުގެ ތިން ވަނައަށް ޖެހިލައިފަ އެވެ. ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަން ޓީސީއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތް ނަމަވެސް ގްރީން ސްޓްރީޓަށް މިވަގުތު ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ގްރީން ސްޓްރީޓާއި ނިލަންދޫ އެފްސީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// ދިވެހި ޕްރިމިއާ ލީގު

މިިއަދުގެ މެޗުން ބަލިވި ނިލަންދޫ އޮތީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެ، ތާވަލުގެ ފުލުގައެވެ. މީގެ ކުރިން އެ ޓީމުން ކުޅުނު މެޗުތަކުގައި، 0-13 ގެ ނަތީޖާ އަކުން މާޒިޔާ އަތުން ބަލިވެފައިވާ އިރު އީގަލްސް ގާތުން ބަލިވެފައި ވަނީ 1-5 ގެ ނަތީޖާ އަކުންނެވެ. އަދި މިއަދުގެ ބޮޑު ބައްޔާ އެކު އެ ޓީމަށް ގެއްލުމުގެ ގޯލުގެ އަދަދު ވަނީ 27 އަށް އަރައިފަ އެވެ.

މިއަދުގެ މެޗު ވަރުގަދަ ސްކޮޑަކާ އެކު ގްރީނުން ފެށި އިރު އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ފަސް މިނަޓުގެ ތެރޭގައި ގޯލެއް ޖަހައި ލީޑު ނަގައިފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭނަގެ ގޯލަށް ފަހު ނިލަންދޫ އިން ވަނީ ކުޅުން ރަނގަޅުކޮށް ޑިފެންސިވް ގޭމެއް ޖައްސަން މަސައްކަތް ކޮށްފަ އެވެ.

ނިލަންދޫ އިން ރަނގަޅަށް ކުޅެމުން ދަނިކޮށް ގްރީން ސްޓްރީޓުގެ އިބްރާހިމް ރިޒުހާން ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ފުޅާ ކޮށްދީފަ އެވެ. ފުރަތަމަ ހާފު އެގޮތުގައި އޮވެ ނިމިގެން ދިޔަ ނަމަވެސް ގްރީނަށް އެ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބި ބޭކާރު ވެގެން ގޮސްފަ އެވެ.

ދެވަނަ ހާފު ފެށިގެން ގްރީނުން އަނެއްކާ ވެސް ޓީމް ކުރިއަށް ޖައްސައި އެޓޭކް ކުރަން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 48 ވަނަ މިނަޓުގައި އެ ޓީމުގެ މުހައްމަދު އުމައިރުވަނީ ގޯލެއް ޖަހައިފަ އެވެ. އެ ގޯލާ އެކު ނިލަންދޫގެ ޑިފެންސް ލައިން އެއްކޮށް ރޫޅުނު އިރު ގްރީނުން އުފައްދަމުން ދިޔަ ހަމަލާ ތަކާ އެކު އެ ޓީމުގެ ކީޕަރު އަބްދުﷲ ޒިޔަޒަންއަށް އޮބި އޮންނަ ވަރެއް ނޫނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ގްރީން ސްޓްރީޓާއި ނިލަންދޫ އެފްސީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// ދިވެހި ޕްރިމިއާ ލީގު

އެ ވަގުތު ކޮޅުގެ ތެރޭގައި ގްރީންގެ ކެޕްޓަން ދަގަނޑޭއަށް ވަނީ މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލުމުގެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. ދަގަނޑޭއަށް ލިބުނު އެ ފުރުސަތު ބޭކާރު ވެގެން ދިޔަ ނަމަވެސް ޖެހިގެން އައި ދެ ބޯޅަ އޭނަ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައި އޭނަގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

މެޗު ނިމުމުގެ ކުރިން ގްރީނުން ވަނީ އަނެއްކާވެސް އިތުރު ގޯލެއްޖަހައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ފޯވާޑް އަބްދުﷲ ޔާމީން އެވެ.

މިރޭ ވެސް ލީގުގައި އިތުރު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަނާއި ވިކްޓަރީ އެވެ.

comment ކޮމެންޓް