މިދިޔަ ކުއާޓަރުގައި އުރީދޫ އަށް 131 މިލިއަން ރުފިޔާގެ ފައިދާއެއް

މާޗް 3، 2019: އުރީދޫގެ 2018ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް 131 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެއެވެ. މިއީ އަހަރުުގެ ފުރަތަމަ ކުއާޓަރާ އާޅާބަލާއިރު މަދުއަދަދެކެވެ. މިދިއަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ވަނީ 163 މިލިއަން ރުފިޔާގެ ފައިދާއެއްވެފައެވެ.

އުރީދޫގެ ފައިދާ ދަށްވި ނަމަވެސް އަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެ ދެވަނަ ކުއާޓަރުގައި އެކުންފުނީގެ އާމްދަނީ ވަނި އިތުރުވެފައެވެ. އާމްދަނީގެ ގޮތުގައި އޭޕްރީލް އިން ޖޫން އަށް އުރީދޫ އަށް 491 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ.

އުރީދޫ އިން ވަނީ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް އީ ސިމް ތައާރަފުކޮށްފައެވެ. މީގެ އިތުރުން ހައި ޑެފިނިޝަން ވޮއިސް ކޯލުގެ ހިދުމަތްވެސް އުރީދޫ އިން ދޭންފެށީ އަހަރުގެ ދެވަނަ ކުއާޓަރުގައެވެ.

އަހަރުގެ ދެވަނަ ކުއާޓަރުގައި ކުންފުނީގެ ޗެއާމަން ކަމަށް ޑޭމިއަން ޗެޕަލް ވަނީ އައްޔަނުކޮށްފައެވެ. މާފުށީ ޖަލުގައި ސްމާޓް ކެމްޕަހެއް ގާއިމްކޮށް ހިދުމަތްދޭން ފެށީވެސް އަހަރުގެ ދެވަނަ ކުއާޓަރުގައެވެ.

ސީއެސްއާރުގެ ދަށުންވެސް ދެވަނަ ކުއާޓަރުގައި އުރީދޫ އިން ވަނީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

ފުވައްމުލަކު ސިޓީ އަކީ ރާއްޖޭގެ ފުރަތަމަ ގިގަބިޓް ސިޓީއަށް ހަދައި އެ ސިޓީ އަށް އުރީދޫ ސުޕަނެޓްގެ ހިދުމަތް ދޭން ފެށުމަކީވެސް ދެވަނަ ކުއާޓަރުގައި ކުންފުނިން ކުރި ފާހަގަކޮށްލެވޭ ކަމެކެވެ.

comment ކޮމެންޓް