ފަރުކޮޅު އެއާޕޯޓުގެ އެއްބަސްވުން ބާތިލު ކުރީ ރަނގަޅަށް: ހައިކޯޓު

ހައިކޯޓު: --- ސަން ފައިލް ފޮޓޯ

ށ. ފަރުކޮޅުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރާއި އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ފަރުކޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 25 ޖޫން 2013 ގަ އެވެ.

އަދި އެ އެއްބަސްވުމުގެ ދަށުން ކުރާ މަސައްކަތުގެ މުގާބިލެއްގެ ގޮތުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް 50 އަހަރު
ދުވަހުގެ މުއްދަތަށް ގއ. އިންނަހެރާ އަދި ގއ. އިންނަހެރާއާ ގުޅިފައިވާ ގއ. މެދަހެރާ އާއި ގއ. މައްތުހެރާއާއި ގއ. މެދުބުރިޔާ
އަދި ގއ. މާފެހެލާ އެކުންފުންޏަށް ކުއްޔަށްދިނުމަށް އެ އަހަރުގެ އޯގަސްޓު މަހުގެ ފަސް ވަނަ ދުވަހު ވަނީ އެއްބަސްވެފަ އެވެ.

ނަމަވެސް 2014 ވަނަ އަހަރު ސަރުކާރުން އެ އެއްބަސްވުން ބާތިލްކޮށްފައި ވަނީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ އެ ރަށުގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ބުނެފައިވާތީ އެވެ.

އަދި އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް އެ މަޝްރޫއު ކުރިއަށް ގެންދިޔުމަކީ، ގާނޫނު އަސާސީއާ ހިލާފު ކަމަކަށް ވާނެތީ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ސިވިލް ކޯޓުން ވެސް އެ އެއްބަސްވުން ބާތިލު ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ހުކުމްގައިވެ އެވެ. ނަމަވެސް އަރާމް ޕްރައިވެޓް ލިމިޓެޑުން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

މައްސަލަ ބެއްލެވުމަށް ފަހު ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މަޝްރޫއެއްގެ ސަބަބުން ގަބޫލު ނުކުރެވޭ ފަދަ އަދި އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ތިމާވެއްޓަށް ކޮށްފާނެކަމަށް މިނިސްޓްރީ އަށް ފާހަގަ ކުރެވިއްޖެ ނަމަ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނުފެންނަ ކަމަށް ނުވަތަ އެ މަޝްރޫއުގެ ބައިތަކަށް ބަދަލު ގެނެސްގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން އެންގިދާނެކަން އެނގެން އޮންނަ ކަމަށެވެ.

އަދި އެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުގެ ފަރާތުން ނިންމާފައި ވަނީ، ކުރިން ހީކުރެވިފައިނުވާ ހާލަތެއް މެދުވެރިވެގެން ކަމާއި އަދި އެ ހާލަތް މެދުވެރިވެފައި ވަނީ ސަރުކާރުގެ އިހްމާލުން ނުވަތަ ކުރި ކުށުގެ އަމަލެއްގެ ސަބަބުން ނޫންކަން އެނގޭ ކަމަށެވެ.

އެހެންކަމުން، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅާފައި ވަނީ ކޮންޓްރެކްޓާބެހޭ ގާނޫނާ ހިލާފަށް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ހުކުމްގައިވެ އެވެ.

އަދި އެއްބަސްވުމުގައިވާ ރަށްތައް އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައި ވަނީ، ފަރުކޮޅުގައި އެއާޕޯޓު ތަރައްގީ ކުރުމުގެ ކޮންސިޑަރޭޝަން އެއްގެ ގޮތުގައި ކަމަށްވާ އިރު، އެ ދެ އެއްބަސްވުމަކީ އެއް އެއްބަސްވުން އަނެއް އެއްބަސްވުމާ ގުޅިފައިވާ އަދި އެއް އެއްބަސްވުމުގެ މައްޗަށް އަނެއް އެއްބަސްވުން ބަރޯސާވެފައިވާ ދެ އެއްބަސްވުންކަން އެނގޭ ކަމަށެވެ.

އެހެންކަމުން ގއ. އިންނަހެރާ އާއި އެރަށާ ގުޅިފައިވާ އެހެން ރަށްތަކާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދިއުމަށް ދިވެހިސަރުކާރުގެ މައްޗަށް ލާޒިމްކުރެވޭނެ ސަބަބެއް ނެތްކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

އެކަންކަމުން ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް، ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް