ހައިކޯޓުގައި ޖިމެއް ހަދަން އެމްއައިޓީޑީސީއިން އަށް ލައްކަ ޚަރަދު ކުރި

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ހައިކޯޓުގައި ޖިމެއް ހަދާ، ޖިމަށް ބޭނުންވާ އިކުއިޕްމެންޓް ގަތުމަށް މޯލްޑިވެސް އިންޓެގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އަށް ސީއެސްއާރުގެ ދަށުން ލިބުނު ފައިސާއިން އަށްލައްކައަށް ވުރެ ގިނަ ފައިސާ ޚަރަދުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން އެމްއައިޓީޑީސީގެ އެމްޑީ މުހައްމަދު ރާއިދު ވިދާޅުވީ އެމްއައިޓީޑީސީއަށް ސީއެސްއާރުގެ ދަށުން ރިސޯޓުތަކުން ދީފައިވާ ފައިސާއިން ހައިކޯޓުގައި ޖިމެއް ހަދާފައިވާ ކަމަށެވެ.

ރާއިދު ފުރަތަމަ ވިދާޅުވީ ދައުލަތުގެ އޮފީހެއްގެ ވަރަށް އިއްޒަތްތެރި ބޭފުޅުންތަކެއް ބޭނުން ކުރުމަށް އެމްއައިޓީޑީސީގެ ސީއެސްއާރު ފައިސާއިން ޖިމެއް ހެދި ވާހަކަ އެވެ. އެއާ އެކު ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ސުވާލު ކުރެއްވީ އެ އިއްޒަތްތެރި ބޭފުޅުންނަކީ ކޮބައިތޯ އާއި އެ އޮފީހަކީ ކޮބައިތޯ އެވެ.

"މި ޖިމް ހަދާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ބޭފުޅުން ބޭނުން ކުރުމަށް. ޖިމް އިކުއިޕްމެންޓްސް ވަނީ ގަނެދީފައި،" ރާއިދު ވިދާޅުވި އެވެ.

މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީގައި އެމްޓީއައިޑީސީގެ އެމްޑީ ރާއިދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ މަޖިލިސް

އޭގެ އިތުރުން އެމްއައިޓީޑީސީގެ ސީއެސްއާރު ޕްރިޖެކްޓެގެ ދަށުން އޭރު ގިނަ ކަންތައްތަކެއް ކުރި ކަމަށް ރާއިދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ދެބުރީ އިމާރާތެއްގެ އޮފީސް ހެދުމަށް 1.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެ އެވެ. އަދި އެޓާނީ ޖެނެރަލް އޮފީހުގެ ކޭސް މެނޭޖްމެންޓް ސިސްޓަމް ހަދަން ސީއެސްއާރުގެ ދަށުން 53،000 ޑޮލަރު ހަރަދު ކުރި ކަމަށްވެސް ރާއިދު ވިދާޅުވި އެވެ.

ސީއެސްއާރުގެ ގޮތުގައި އެމްއައިޓީޑީސީއިން ޚަރަދު ކުރި ފައިސާ އެ ކޯޕަރޭޝަނަށް ވަދެފައިވާ ގޮތުގެ ތަފްސީލެއްވެސް ރާއިދު ދެއްވި އެވެ. އެފައިސާއަކީ އެމްއައިޓީޑީސީއަށް ލިބިފައިވާ ފައިސާއެއް ނޫން ކަމަށް ވިދާޅުވި އެވެ. އެއީ ރިސޯޓުތަކުން ސީއެސްއާރުގެ ގޮތުގައި ޓުއަރިޒަމް މިނިސްޓްރީއަށް ދިން ފައިސާ ކަމަށްވެސް ވިދާޅުވި އެވެ.

"އެފައިސާ އޭރު ޓުއަރިޒަމް މިނިސްޓްރީއިން ޚަރަދު ކުރެވެން ނެތީތީ. އެމީހުންގެ ނަމުގައި ފްރެޑްލޯ ކޮމްޕެނީސްތަކެއް އެބަހުރޭ. އޭގެތެރޭގައި ފްރެންޑްލީ ކުންފުންޏެއް އެމްއައިޓީޑީސީ އަކީ. އެހެންވީމަ އެމްއައިޓީޑީސީގެ ބަޖެޓެއްވެސް ނޫން. އަދި އެމްއައިޓީޑީސީއިން ނަގާފަ ހުރި ލާރިއެއްވެސް ނޫން. ރިސޯޓުތަކުން ސީއެސްއާރުގެ ނަމުގައި ޓުއަރިޒަމް މިނިސްޓްރީއަށް ލާރި ނަގާފައި އެލާރި މި ވައްދަނީ އެމްއައިޓީޑީސީގެ އެކައުންޓަށް،" އެމްއައިޓީޑީސީގެ އެމްޑީ ރާއިދު ވިދާޅުވި އެވެ.

ރާއިދު ވިދާޅުވީ އެއީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށެވެ. އެ މައްސަލަތައް މިހާރު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް ރާއިދު ވިދާޅުވި އެވެ.

ސީއެސްއާރުގެ ގޮތުގައި 14 ރިސޯޓަކުން ޖުމްލަ 2.36 މިލިއަން ޑޮލަރު ލިބިފައިވާއިރު 21 މަސައްކަތަކަށް އެފައިސާ ހަރަދުކޮށްފައިވާ ކަމަށް އެމްއައިޓީޑީސީއިން ބުންޏެވެ.

comment ކޮމެންޓް