ރައީސްގެ ދެކަނބަލުންގެ މޮރިޝަސް ދަތުރުފުޅު ނިންމާލައްވައިފި

ރައީސްގެ ދެކަނބަލުން މޮރިޝަސްގައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މޮރިޝަސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމާލައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެނބުރި ރާއްޖެ ވަޑައިގަތުމުގެ ދަތުރުފުޅު ރައީސްގެ ދެކަނބަލުން މިއަދު ފެއްޓެވީ، މޮރިޝަސްގެ ސާ ސީވޫސަގަރު ރަމްގޫލަމް އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

މޮރިޝަސްއަށް ރައީސް ކުރެއްވި މި ދަތުރުފުޅުގައި ރައީސް ވަނީ، ވަނީ އެގައުމުގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭ ބާލެން ވިޔަޕޫރޭ އަދި އެގައުމުގެ ބޮޑުވަޒީރު ޕްރަވިންދް ޖަގްނައުތް އާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލު ކުރެއްވުންތަކުގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ މޮރިޝަސްގެ ޕޯޓް ލުއީގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. މީގެއިތުރުން ރައީސްގެ ދެކަނބަލުން ވަނީ އައިއޯއައިޖީގައި ދިވެހި ޓީމުތައް ވާދަކުރި ބައެއް ކުޅިވަރުތައް ބައްލަވާލައްވައި ދިވެހި ޓީމުތަކަށް ތަރުހީބު ދެއްވާފަ އެވެ.

މި މުބާރާތުން ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު އިއްޔެ ރަންމެޑެލް ހާސިލްކޮށްފައިވާއިރު ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު ވަނީ ބްރޮންޒް މެޑަލް ހާސިލުކޮށްފަ އެވެ. އެ މެޗްތައް ރައީސްގެ ދެކަނބަލުން ބައްލަވާ ލައްވައި ވަނީ ސަޕޯޓް ކުރުމުގައި ބައިވެރިވެވަޑަައިގެންފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު