ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެ ގައުމީ ފުޓުބޯޅަ ޓީމު ކަޓައިފި

އައިއޯއައިޖީ ގުރޫޕް ސްޓޭޖުގައި މިއަދު މެޔޯޓަ ދެކޮޅަށް ދިވެހި ގައުމީ ފުޓުބޯޅަ ޓީމު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ އިސްމާއިލް ތޯރިގް

މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ، ގައުމީ ފުޓުބޯޅަ ޓީމު ކަޓައިފިއެވެ.

މޮރިޝަސްގެ އެކި ހިސާބުތަކުގައި މިހާރު އައިއޯއައިޖީގެ ގޭމްސްތައް ފޯރިއާ އެކު ކުރިއަށްދާ އިރު ގޭމްސްގައި އެންމެ ފުރަތަމައިން ފެށި އިވެންޓުކަމުގައިވާ ފުޓުބޯޅަ އިވެންޓުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިއަަދު ކުޅުނު އިރު ރާއްޖެއިން އެއްވެސް ޕޮއިންޓެއް ނުލިބި މުބާރާތުން އަލްވަދާއު ކިޔަން ވަނީ ޖެހިފައެވެ.

އައިއޯއައިޖީ ގުރޫޕް ސްޓޭޖުގައި މިއަދު މެޔޯޓަ ދެކޮޅަށް ދިވެހި ގައުމީ ފުޓުބޯޅަ ޓީމު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ އިސްމާއިލް ތޯރިގް

މިއަދު ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ރާއްޖެ ބަލިވީ މަޔޯޓޭއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ރާއްޖެ ހިމެނޭ ގްރޫޕުން ސެމީއަށް ދަތުރުކޮށްފައިވަނީ އެއް ވަނަ ޓީމު ގޮތުގައި ހަތް ޕޮއިންޓާއެކު ރީޔޫނިއަންއެވެ. ދެވަނަ ޓީމު ގޮތުގައި ހަ ޕޮއިންޓާއެކު ސެމީއަށް ދަތުރުކުރީ މަޔޯޓޭއެވެ. ކޮމޯރަސްއަށް ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނަ ލިބުނުއިރު، ރާއްޖެއަށް އެންމެ ޕޮއިންޓެއްވެސް ނުލިބި އޮތީ ފުލުގައެވެ.

މޮރިޝަސްގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހަން ދެޓީމަށްވެސް ވަނީ މިހާފުގައި ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މަޔޯޓޭއިންނެވެ. މި ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި އެޓީމުން ކާމިޔާބުކުރިއިރު، ލަނޑަށްފަހު އެޓީމުން ވަނީ އެޓޭކްތައް ވަރުގަދަކޮށްފައެވެ.

ނަމަވެސް މަޔޯޓޭއިން ރަނގަޅަށް ކުޅެމުންދަނިކޮށް، 22 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމްއެވެ. ނާއިމްގެ މި ގޯލަކީ މުޅި މުބާރާތުގައި ވެސް ރާއްޖެއަށް ޖެހުނު ހަމައެކަނި ގޯލެވެ.


ރާއްޖޭގެ ގޯލާ އެކު މަޔޯޓޭއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު އަނބުރާ ހޯދާފައެވެ.

ދެވަނަ ހާފް ފެށިގެންވެސް މަޔޯޓޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، 55 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ އޮއެވަރު މުޅިން ބަދަލު ކޮށްލައިފަ އެވެ. މި ލަނޑަށްފަހުވެސް އެޓީމުން ވަނީ ފުލުފުލުގައި ގިނަ ހަމަލާތައް އުފައްދައި ރާއްޖޭގެ ޑިފެންސް ބައިބައި ކޮށްލައިފަ އެވެ.

މިފަހަރުގ މި މުބާރާތަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ގައުމީ ޓީމު ދެއްކި އެންމެ ދަށް ކުޅުން ފެނިގެންދިޔަ މުބާރާތް ކަމުގައި ގިނަބަޔަކު ދެކެމުން އަންނަ ިއރު ޓީމުގެ ކޯޗު ޕީޓާރ ސެގާރޓް މީގެ ކުރީ މެޗުތަކުގައި ބުނަމުން އައި ރާއްޖޭގެ ކުޅުންތެރިން އިދިކޮޅު ޓީމު ދެކެ ބިރުން ތިބި ކަމަށެވެ.

މުބާރާތުގައި ރާއްޖެ ކޮޅަށް 10 ލަނޑު ވަދެފައިވާއިރު، ރާއްޖެއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.

comment ކޮމެންޓް