ފާއިތުވި ދެ އަހަރު އީރާންގެ މީހުން މެރީ ހަމައެކަނި އަހަރުމެން: އިސްރާއިލް

އިސްރާއިލްގެ ރީޖަނަލް ކޮޕަރޭޝަން މިނިސްޓަރު ޒަޗީ ހެނެގްބީ(ވ)--- ފޮޓޯ: ރޮއިޓާސް

ފާއިތުވި ދެ އަހަރު އީރާންގެ މީހުން މެރީ ހަމައެކަނި އިސްރާއިލްއިން ކަމަށް އެގައުމުގެ މިނިސްޓަރަކު އިއުތިރާފްވެއްޖެ އެވެ.

އިސްރާއިލްގެ ރީޖަނަލް ކޮޕަރޭޝަން މިނިސްޓަރު ޒަޗީ ހެނެގްބީ އިސްރާއިލްގެ ރޭޑިއޯ ޗެނަލްއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިސްރާއިލުން ސީރިއާގައި ހަރަކާތްތެރިވާ އިރާންގެ މީހުންނަށް އެތަކެއް ސަތޭކަ ހަމަލާ ދީފައިވާ ކަމަށެވެ.

"ބައެއް ފަހަރު އަޅުގަނޑުމެން އެއްބަސްވެފައި ހުންނާނެ. އަނެއް ބައި ފަހަރު މީޑިއާތަކުން ރިޕޯޓްކުރާނެ،" ޒަޗީ ވިދާޅުވި އެވެ.

ސީރިއާއާ ހިޒްބުﷲ ޖަމާއަތަށް އިރާންގެ ސިފައިން އެހީތެރިވާކަމަށް ބުނެ އިސްރާއިލްއިން މީގެ ކުރިން އެތަކެއް ހަމަލާތަކެއް ދީފައިވެ އެވެ.

އިސްރާއިލްއާ އީރާންއާ ކުރިމަތިލުމަކަށް ގޮސްފި ނަމަ އެމެރިކާގެ މަދަދު ނުލިބިދާނެތޯ އެރުމުން ޒަޗީ ވިދާޅުވީ އީރާންއާ އިސްރާއިލްއިން ކުރިމަތިލުމަކަށް ނުދާނެ ކަމަށެވެ.

"އީރާންއިން ބަލާނީ ރައްދުގައި ހަމަލާއެއް ނުދެވޭތޯ. އެއީ ކޮންމެހެން ހަމަލާ ދިނުމުގެ ގާބިލްކަން ނެތިގެނެއް ނޫން. އިރާންއަށް ވެސް އެނގޭ މިއީ ކިހާވަރެއްގެ ކަމެއްކަން،" ޒަޗީ ވިދާޅުވި އެވެ.

އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ދާދި ފަހުން ވިދާޅުވީ އީރާނާ މިވަގުތު ހަނގުރާމަކުރަމުންދާ ހަމައެކަނި ގައުމަކީ އިސްރާއިލްކަމަށެވެ.

ފަހަކަށް އައިސް އީރާނާ އެމެރިކާގެ ގުޅުން ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެެވެ. އީރާނުން ވަނީ އެމެރިކާގެ ޑްރޯންއެއް ވައްޓާލުމުގެ އިތުރުން އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް ވެސް އަތުލައިގެންފަ އެވެ. މީގެ ކުރިން އިނގިރޭސިވިލާތުން ވެސް ވަނީ އީރާނުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓައިފަ އެވެ.

އަލްޖަޒީރާ

comment ކޮމެންޓް