ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުން އެމީހުންނާ ނުބެހޭ ކަންކަމުގައި ގަރާރު ނެރޭނަމަ ފިޔަވަޅު އެޅޭނެކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް މިއަދު އެލްޖީއޭ ހާޒިރުކުރިއެވެ. ކޮމިޓީން ސުވާލުކުރީ ސިޔާސީ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެގެން ސަސްޕެންޑް ކުރި މައްސަލައާ ގުޅިގެންނެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން އެލްޖީއޭގެ ބޯޑު މެމްބަރު އާމިރު އަލީ ވިދާޅުވީ ކައުންސިލުތަކުގައި ވަކި ޕާޓީއެއްގެ މެޖޯރިޓީ އޮވެފައި ދައުލަތް ހިންގަން އެހެން ޕާޓީއެއް އޮތުމުން ދަތިތަކެއް ދިމާވާ ކަމަށެވެ.
"ސަރުކާރުން މި އެންގީ މިސާލަކަށް ދައުލަތުން މިވެނި ކަމެއް މިވެނިހެންނެނޭ އޮންނާނީ. ހަމަ ކައުންސިލަރަކު ތެދުވެލާފައި ކައުންސިލު ލެޓާ ހެޑުގައި މި ނެރެނީ ތި ގަބޫލެއް ނުކުރަމޭ ތިމަންނަމެންނެއް. ދައުލަތުން ތިހެން ބުންޏެއް ކަމަކު ތިމަންނަމެން ތިހެންނެއް ގަބޫލެއް ނުކުރަމޭ،" އެލްޖީއޭގެ ބޯޑު މެމްބަރު އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ ސަރުކާރުން މަސްވެރިންގެ ދުވަސް ފާހަގަކުރާނީ ވަކިރަށެއްގައި ކަމަށް ނިންމުމުން އެ ރަށުގެ ކައުންސިލުން ގަބޫލުނުވެ އެކަން ކުރަން ބޭނުން ނޫންކަމަށް ބުނެ ގަރާރު ނެރޭ ކަމަށެވެ.
"އެ ލެވަލަށް ދިޔައިމަ އުސޫލުތައް މި އަންނަނީ. ކައުންސިލާ ނުގުޅޭ ކަންކަމުގައި. ކައުންސިލާ ނުބެހޭ ކަންކަމުގައި ގަރާރު ނުނެރެވޭނެ. އެ ކައުންސިލުގެ މެންޑޭޓުގައި ނުހިމެނޭ ކަމެއްގެ މައްޗަށް އެ ކައުންސިލުން ގަރާރު ނުނެރޭށޭ. ހަމަ ތިބެލާފަ ގަރާރެއް ނެރިދާނެ މިވެނި މިނިސްޓަރަކު ކަމަކު ނުދެޔޭ،" އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ ސަރުކާރުން ކުރާ ކަންތައްތަކަށް ހުރަސް އަޅައި ސަރުކާރަށް ހިދުމަތްތައް ނުދެވޭ ވަރަށް ކައުންސިލުތަކުން އޭރު ގަރާރު ނެރެމުން ދިޔަ ކަމަށެވެ. އެހެންވެ އެހިސާބަށް ކަންތައް ދިއުމުން ކައުންސިލާ ނުބެހޭ ކަންކަމުގައި ގަރާރު ނުނެރެން ކައުންސިލުތަކަށް އެންގި ކަމަށް އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ ކައުންސިލަރުންނަށް ފިޔަވަޅު އަޅާފައި ހުންނާނީ ކައުންސިލާ ނުބެހޭ ކަމެއްގައި ގަރާރު ނެރިގެން އެ ގަރާރު ބާތިލުކުރަން އެންގުމުންވެސް އެކަން ނުކުރާތީ ކަމަށެވެ.
"މިހާރު ކުރީގެ ސަރުކާރުން ވަރަށް ހިތްހަމަޖެހުނު ކަންތައްތައް އެއީ ސްޕެންޑް ކުރުމާއި ގަވައިދުގެ ތެރެއަށް ފައްތަން ކުރި މަސައްކަތް. އެހެންނަމަވެސް ދެން އަންނަ ސަރުކާރަކަށް އެކަން ކަމުނުގޮސްދާނެ،" ލާމަރުކަޒީ ކޮމިޓީގައި އެލްޖީއޭގެ ބޯޑު މެމްބަރު އާމިރު ވިދާޅުވިއެވެ.
ކޮމިޓީގައި، އެލްޖީއޭ އޮތުމުގެ މަގްސަދާމެދު އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ސުވާލު އުފެއްދެވިއެވެ. އެގޮތުން އެލްޖީއޭގެ ބޭނުމަކީ ފިޔަވަޅު އެޅުންތޯ ނުވަތަ ލާމަރުކަޒުކުރުމަށް ވާގިވެރިވުންތޯ ވައްޑޭ ސުވާލު އެއްސެވިއެވެ.
ޖަވާބުދެއްވަމުން އާމިރު ވިދާޅުވީ އެލްޖީއޭއޭ ބުނީމަ އެއީ ކައުންސިލަރުންނަށް ފިޔަވަޅު އަޅާތަނެއް ކަމަށް ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަ ކަމަށެވެ. އެކަމަކު އެއީ ކައުންސިލު ބާރުވެރިކޮށް ޓްރެއިނިންގް ދީ އުސޫލުތައް ހަދަން އެހީވެދޭ ތަނެއް ކަމަށް ވިދާޅުވިއެވެ.
"އެލްޖީއޭއޭ ބުނީމަ ބައެއް މީހުންނަށް ހަމަ ފީލްވަނީ މިއީ ސަސްޕެންޝަނަށް އޮންނަ ތަނެކޭ. މިއީ އަދަބުދޭތަނޭ. އެކަމަކު އެޔެއް ނޫން އިނގޭތޯ. އަޅުގަނޑުމެން ގަބޫލުކުރަނީ ރައްޔިތުން އަދި ހޮވާފައި ކައުންސިލަރުން ތިއްބެއް ކަމަކު. އެބޭފުޅުންނަށް މުސާރަ އެއީ ހަމަ ރައްޔިތުންގެ ފައިސާ އިނގޭތޯ. އެހެންވީމަ އެބޭފުޅުންގެ ވެސް ސުލޫކީ މިންގަނޑެއް އޮންނަން ވާނެ. ބޭނުންވީމަ އޮފީހަށް ވަދެފަ ސޮއިކޮށްލާފައި މަހަށް ގޮސް އުޅޭކަށް ނުޖެހޭނެ،"
އާމިރު ވިދާޅުވިގޮތުން ކައުންސިލުތައް ބާރުވެރިކުރުމާއި ހަރުދަނާ ކުރުމަށް އެލްޖީއޭއިން ބުރަ މަސައްކަތްތަކެއް ކުރެއެވެ. އަދި ޓްރެއިނިންގް ޕްރޮގްރާމްތައްވެސް ހިންގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެލްޖީއޭއިން، އެމްޑީޕީއަށް ނިސްބަތްވި ގިނަ ކައުންސިލަރުންތަކެއް މުސާރަ ނުލިބޭ ގޮތަށް ގިނަ ދުވަސްތަކަކަށް ސަސްޕެންޑް ކޮށް ހަދާފައިވެއެވެ.