ހޮންކޮންގެ މުޒާހަރާތައް ހުއްޓުވަން ރަބަރު އުންޑަ އާއި ކަރުނަ ގޭސް

ހޮންކޮންގްގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ކަރުނަ ގޭހާއި ރަބަރު އުންޑަ ބޭނުން ކުރި -- ފޮޓޯ: އޭއެފްޕީ

ހޮންކޮންގް (ޖުލައި 22): ހޮންކޮންގްގައި އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގައި، މުޒާހަރާ ރޫޅާލަން ފުލުހުން ކަރުނަ ގޭހާއި ރަބަރު އުންޑަ ބޭނުންކޮށްފި އެވެ.

އިއްޔެގެ މުޒާހަރާތަކުގައި އެންމެ ބޮޑަށް ގޮވާލާފައި ވަނީ ފުލުހުންދޭ އަނިޔާތައް މިނިވަންކަމާއެކު ތަހުގީގު ކުރުމަށެވެ. އަދި ކުރީގެ މުޒާހަރާތަކެކޭ އެއްފަދައިން ހޮންކޮންގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި "ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލް" އަނބުރާ ގެންދިޔުމަށާއި ސަރުކާރުގެ އިސްތިއުފާއަށްވެސް ގޮވާލާފައިވެ އެވެ.

އެމުޒާހަރާ އިންތިޒާމު ކުރި ފަރާތްތަކުން ބުނި ގޮތުގައި މުޒާހަރާގައި 430،000 މީހުން ބައިވެރިވި އެވެ. ނަމަވެސް ފުލުހުން ބުނި ގޮތުގައި މުޒާހަރާގައި ބައިވެރިވީ 138،000 މީހުންނެވެ.

އަދި އިއްޔެ ފުލުހުން ކުރި ޓުވީޓެއްގައިވާ ގޮތުން މުޒާހަރާ ތެރެއަށް ކަރުނަ ގޭސް ޖަހަން ޖެހުނީ އެމީހުން ފުލުހުންނާ ދެކޮޅަށް ގަލާއި ޕެޓްރޯލް ބޮން އުކަން ފެށުމުންނެވެ. އަދި ބައެއް މީހުން ވަނީ ހޮންކޮންގައި ހުންނަ ޗައިނާގެ އޮފީހަށް ބިސްޖަހައި، އޮފީހުގައި ހުރި ޗައިނާގެ ނިޝާނަށް ސްޕްރޭކޮށްފަ އެވެ.

މީގެ އިތުރުން އިއްޔެ މުޒާހަރާ ކުރިއަށް ދިޔަ އިރު މޫނު ފޮރުވައިގެން ތިބި ބަޔަކު ވަނީ ރޭލު ސްޓޭޝަނަކަށް ވަދެ، އެތަނުގައި ތިބި މީހުންނަށް ހަމަލާދީފަ އެވެ.

ހޮންކޮންގެ މީޑިއާތަކުގައިވާ ގޮތުން މޫނު ފޮރުވައިގެން ތިބި މީހުން ހަމަލާ ދިނީ ކަޅު ކުލައިގެ ހެދުން ލައިގެން ތިބި މީހުންނަށެވެ. އެއީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން އާއްމު ގޮތެއްގައި ކަޅު ކުލައިގެ ހެދުން ލައިގެން ތިބޭތީ އެވެ.

އަދި ހޮންކޮންގްގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުގައި އެހަމަލާތައް ހުއްޓުވުމަށް ފުލުހުން ދިޔައީ އެއް ގަޑި އިރަށް ވުރެވެސް ގިނައިރު ފަހުންނެވެ. އަދި ހަމަލާތަކުގައި 45 މީހަކަށް އަނިޔާވެ، އެކަކުގެ ހާލު ވަނީ ސީރިއަސް ވެފަ އެވެ.

އެމުޒާހަރާތަކާ ގުޅިގެން ހޮންކޮންގުން ވަނީ ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލް ފާސްކުރުން ފަސްކޮށްފަ އެވެ. ނަމަވެސް މިދިޔަ މަހު ފެށުނު މުޒާހަރާތައް އަދިވެސް ދަނީ ބާއްވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް