ރަން މެޑަލް ހޯލްޑަރު ސާއިދު ފައިނަލަށް ދަތުރު ކޮށްފި

ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު: އޭނާ ވަނީ މިހާރު މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ފައިނަލަށް ދަތުރު ކޮށްފަ އެވެ. --- އެމްއޯސީ

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން، ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މިއަދު ފައިނަލަށް ދަތުރުކޮށްފިއެވެ.

މޮރިޝަސްގެ އެކި ހިސާބުތަކުގައި މިހާރު އައިއޯއައިޖީގެ ގޭމްސްތައް ފޯރިއާއެކު ކުރިއަށް ދާ އިރު މިއަދު ވަނީ ކުރު ރާސްތާ އަދި ދިގު ރާސްތާ ދުވުމުގެ އިވެންޓުތައް ފަށައިފައެވެ. އެގޮތުން 2015 ވަނަ އަހަރު އޮތް ގޭމްސްއިން 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ހަސަން ސާއިދު ވަނީ މިއަދުގެ ފުރަތަމަ ދުވުމުން ރަނގަޅު ނަތީޖާއެއް ހޯދައި ފައިނަލަށް ދަތުރުކޮށްފައެވެ.

އޭނާ ފައިނަލުން ޖާގަ ހޯދީ މޮރިޝަސްގެ ސްޓޭޑް ޖެރްމައިން ކޮމަރްމޮންގައި މިއަދު ހެނދުނު އޮތް 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ހޯދައިގެންނެވެ.

ނަމަވެސް މިފަހަރުގެ 100 މީޓަރު ދުވުމުގެ އިވެންޓުން ރާއްޖޭގެ އަންހެން ދެ ދުވުންތެރިން ވަނީ ފައިނަލަށް ދަތުރު ކުރެވޭ ގޮތް ނުވެފައެވެ. މިފަހަރުގެ ދުވުމުގެ އިވެންޓުތަކުން ފައިނަލަށް ދަތުރުކުރި އިތުރު ބައިވެރިންނަކީ 1،500 މީޓަރު ދުވުމުން ހުސައިން ރިޒާއާއި 10،000 މީޓަރު ދުވުމުން ހުސައިން ފަޒީލުގެ އިތުރުން ޕެރައޮލިމްޕިކް ދުވުމުން މާޒިންއެވެ.

މި އިވެންޓުތަކުގެ ފައިނަލް މިއަދު އޮންނަ އިރު މި ފަހަރުގެ ގޭމްސްއަށް ރާއްޖޭގެ ދުވުންތެރިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރަނގަޅު ތަމްރީނުތަކެއް ހަދައިފަ އެވެ.

މިއަދު އޮންނަ 100 މީޓަރު ދުވުން އޮންނާނީ ރާއްޖެ ގަޑިން 04:55 ގައެވެ. އަދި 1،500 މީޓަރުގެ ދުވުން 03:40 ގައި އޮންނަ އިރު 10،000 މީޓަރުގެ ދުވުން އޮންނާނީ 17:30 ގައެވެ. މިފަހަރުގެ ޕެރައޮލިމްޕިކް 100 މީޓަރު ދުވުމުގެ ފައިނަލް އޮންނާނީ 16:05 ގައެވެ.

comment ކޮމެންޓް