"ޔުވެންޓަސްއަށް ބަދަލުވީ ރޮނާލްޑޯ ބުނި ބުނަމަކަށް ނޫން"

ޔުވެންޓަސްއާ ގުޅުނު ޒުވާން ޑިފެންޑަރު މެތިއަސް ޑެ ލީޓް --- ފޮޓޯ/ ގާޑިއަން

އަޔެކްސް ދޫކޮށްލުމަށް ފަހު އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވާން ނިންމި ނިންމުމަކީ އެކުލަބުގެ ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯ ބުނީތީ ކުރި ކަމެއް ނޫން ކަމަށާއި އެއީ ހިތް އެދުނު ގޮތް ކަމަށް މެތިއަސް ޑެ ލީޓް ބުނެފި އެވެ.

އަޔެކްސްއިން ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކަޓުވާލުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރި އޭރު އެ ޓީމުގެ ކެޕްޓަން ޑެ ލީޓް ވަނީ ދާދި ފަހުން ޔުވެންޓަސްއަށް ސޮއެ ކޮށްފަ އެވެ. އަދި އެ ޙަބަރާ އެކު ގިނަ ރިޕޯޓުތަކަކުން ބުނަމުން ދިޔަ ވާހަކަ އަކީ ޑެ ލީޓް އެ ޓީމަށް ބަދަލުވީ ރޮނާލްޑޯ އޭނާ ގާތު އެދުމުން ކަމަށެވެ.

ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ކުރިސްޓިއާނޯ ރޮނާލްޑޯއާއި މެތިއަސް ޑެ ލީޓް ބޯޅަ ހޯދަން މަސައްކަތް ކުރަނީ --- ފޮޓޯ// ގާޑިއަން

ގިނަ ބަޔަކު މިކަން ގަބޫލު ކޮށްފައި ވަނީ ނިމިގެން މިދިޔަ ކުލަބު ސީޒަނަށް ފަހު ޔޫރޮޕުގައި ކުޅުނު ނޭޝަންސް ކަޕުގެ ފައިނަލުގައި ނެޑަލެންޑާއި ޕޯޗުގަލް ބައްދަލު ކުރި މެޗަށް ފަހު ޑެ ލީޓް ގާތު ރޮނާލްޑޯ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އެދުވަހުގެ މެޗަށް ފަހު ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް ކުޅެން އިޓަލީއަށް އައުމަށް އެދިފައި ކަމަށް އޭރު ޑެ ލީޓް ބުންޏެވެ.

"ނޭޝަންސް ލީގު ފައިނަލު ކުޅުނު އިރު އަހަރެން ހުރީ ޔުވެންޓަސްއާ ގުޅެން ނިންމައިގެން. ރޮނާލްޑޯ ބުނި ބުނުމަކަށް ނޫން މި ކުލަބާ ގުޅުނީ. އޭނާއެއް ނޫން އަހަރެންގެ އެޖެންޓަކީ،" ޑެ ލީޓް ބުންޏެވެ.

އޭނާ ބުނީ ރޮނާލްޑޯ ވެސް އެނާ ގާތު ޔުވެންޓަސް އަށް އައުމަށް އެދުނު ކަމަށާއި ނަމަވެސް އެއީ އޭނާ ކުލަބު ބަދަލު ކުރަން ނިންމި ސަބަބެއް ނޫން ކަމަށެވެ.

"އަހަރެން ޔުވެންޓަސްއަށް ދިއުމަށް ނިންމީ މި ކުލަބަކީ ފުޓުބޯޅާގައި މިހާތަނަށް އުފެދުނު އެންމެ މޮޅެތި ޑިފެންޑަރުން އުފެއްދި ކުލަބު ކަމަށްވާތީ. މި ކުލަބާ އެކު ރަނގަޅު މުސްތަގުބަލެއް ބިނާކުރެވޭނެ ކަމުގެ އުންމީދު އެބައޮތް،"

މީގެ އިތުރުން ޔުވެންޓަސްއަށް ބަދަލުވުމުގެ ކުރިން ޓީމުގެ ކޯޗު މޯރިޒިއޯ ސަރީއަށް ފޯނުން ގުޅާ ވާހަކަ ދެއްކި ކަމަށް ޑެ ލީޓް ބުންޏެވެ. އޭނާ ބުނީ ޔުވެންޓަސްއަށް އައުމަށް ޝައުގުވެރިކަން އުފެދުނީ ވެސް ސަރީ އެކުލަބާ ގުޅޭނެ ކަން އިނގުނު ހިސާބުން ކަމަަށެވެ.

comment ކޮމެންޓް