ބޮރިސް ޖޯންސަންއަކީ އިސްލާމުންގެ ދުޝްމަނެއް ކަމަށް ސިފަކޮށްފި

ބޮރިސް ޖޯންސަން

ލަންޑަން (ޖުލައި 22) : އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާ އެގައުމުގެ ހަރުކަށި ގައުމީ ފިކުރުގެ ލީޑަރު ބޮރިސް ޖޯންސަން އަކީ އިސްލާމް ދީނާއި އަދި ދުނިޔޭގެ ތާރީޚު އެއްގޮތަކަށް ދެނެވަޑައިގަންވާ ބޭފުޅެއް ނޫންކަމަށް ލަންޑަންގައި ނުކުންނަ "ދަ ގާޑިއަން" ނޫސް އިން ބުނެފި އެވެ.

ލަންޑަންގެ ކުއީން މޭރީ ޔުނިވާސިޓީގެ ސިވިލައިޒޭޝަން އެންޑް ރިނައިސެންސް ސްޓަޑީސް އާ ބެހޭ ދިރާސާތައް ކުރައްވާ ޕްރޮފެސަރެއް ކަމަށްވާ ޖެރީ ބްރޫޓޮން އެނޫހުގައި ލިޔުއްވާފައިވާ މަޒްމޫނެއް ބުނާގޮތުން ބޮރިސް ޖޯންސަން އަކީ އިސްލާމް ދީނާމެދު މުޅިން ޖާހިލު އަދި އިސްލާމް ދީނާމެދު ނަފްރަތުގެ ނަޒަރަކުން ދެކެވަޑައިގަންނަވާ ބޭފުޅެކެވެ. މިގޮތުން ދުނިޔެ އެތައް ގަރުނަކަށް ފަހަތަށް ޖައްސާފައިވަނީ އިސްލާމްދީން ކަމަށާ އިސްލާމްދީނަކީ ތަރައްގީއާއި އިލްމީ ކުރިއެރުމާއި އަދި މިނިވަންކަމަށް ހުރަސްއަޅާ ދީނެއް ކަމަށް ޖޯންސަން ދެކެވަޑައިގަންނަވާކަމަށް ޕްރޮފެސާ ޖެރީ ބްރޫޓޮން ވިދާޅުވެފައިވެއެވެ.

ބްރޫޓޮންގެ މަޒްމޫނުގައި ވަނީ "ދަ ޑްރީމް އޮފް ރޯމް" ގެ ނަމުގައި 2006 ވަނަ އަހަރު ބޮރިސް ޖޯންސަން އިސްލާމް ދީނާ ދެކޮޅަށް ލިޔުއްވާފައިވާ ފޮތުގެ ބައެއް ބައިތައް ހިމަނާފައެވެ. ޖޯންސަންގެ އެ ފޮތުގައި އިސްލާމް ދީން ސިފަކޮށްފައިވަނީ ތަރައްގީއާއި ސައެންޓިފިކް ކުރިއެރުމުގެ އިތުރުން އިންސާނީ ޙަޟާރަތާވެސް އިދިކޮޅު "ކަޓު މުއްލާ ވިސްނުމުގެ" ދީނެއްކަމަށް ސިފަކުރައްވާފައެވެ.

ފާރައިޓް ނުވަތަ ކަނާތު ފިޔައިގެ ހަރުކަށި ޕޮޕިއުލިސްޓް ގެ ފިކުރުގެ ބޭފުޅެއް ކަމަށްވާ ބޮރިސް ޖޯންސަން ފާހަގަކުރެވިފައި ވަނީ އިސްލާމްދީނަށް ނަފުރަތު ކުރެއްވުމުގެ އިތުރުން އެދީނަށް ފާޅުގައި ބަދުބަސްވެސް ވިދާޅުވާ އަދި ކީރިތި ރަސޫލާއަށާ (ސޢވ) އަށާއި އިސްލާމީ ޝަރީއަތަށް ފުރައްސާރަ ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

މިދިޔައަހަރު ޖޯންސަން "ޑެއިލީ ޓެލެގްރާފް" ނޫހުގައި ލިއުއްވި މަޒުމޫނެއްގައި ވަނީ މޫނު ބުރުގާ އަޅާ އަންހެނުންނަކީ "ލެޓަރ ބޮކްސް" ތަކެއް ކަމަށާ އެފަދަ އަންހެނުންނަކީ ބޭންކުން ވައްކަންކުރާ ވަގުންގެ ބައިގަނޑެއް ކަމަށް ސިފަކުރައްވާފައެވެ. ޖޯންސަންގެ މިފަދަ ވާހަކަތަކުގެ ސަބަބުން މުސްލިމުންނާ އަދި އިސްލާމްދީނާ މެދު ނަފުރަތު އުފެދޭނެތީ ޖޯންސަންއަކީ މުސްލިމުންވެސް ހިމެނޭ އިނގިރޭސި މުޖްތަމައަށް ނުރައްކާތެރި ބޭފުޅެއްކަމަށް ޕްރޮފެސާ ބްރޫޓޮން ވަނީ ސިފަކުރައްވާފައެވެ.

ދާދިފަހުން ބޮރިސް ޖޯންސަން ވަނީ އޭނާއަކީ ޔަހޫދީންގެ ހައްދު ފަހަނަޅާފައިވާ އިސްތިޢްމާރީ ފިކުރު ކަމަށްވާ ޒަޔަނިސްޓް ފިކުރަށް ލޯބި ކުރައްވާ ޒަޔަނިސްޓެއް ކަމަށް އަމިއްލައަށް ސިފަކުރައްވާފައެވެ. އަދި ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެ ފަލަސްތީނުގެ ކުށެއްނެތް އާންމުން ގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށް ގަތްލުއާންމުތައް ހިންގަމުން ގެންދާ އަނިޔާވެރި އިސްރާއީލަކީ އެންމެ ލޯބިވާ ގައުމު ކަމަށް ވިދާޅުވެ ޖޯންސަންވަނީ އިސްރާއީލަކީ މާމަތީ ލެވެލްއެއްގެ ގައުމެއް ކަމަށް ސިފަކުރައްވާފައެވެ.

ޖޯންސަންއަކީ މިއަދު ބާއްވާ އިނގިރޭސި ކޮންޒަވެޓިވް ޕާޓީގެ ލީޑާޝިޕް އިންތިޚާބު ކާމިޔާބު ކުރައްވައިގެން އެޕާޓީގެ ލީޑަރުކަމަށާ އަދި އިނގިރޭސި ބޮޑުވަޒީރު ކަމަށްވެސް ވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާ ޝަޚްސިއްޔަތު ކަމުން ޖޯންސަންގެ މި ހަރުކަށި ފިކުރާމެދު ކޮންޒަވެޓިވް ޕާޓީގެ މުސްލިމް ފޯރަމްގެ ކުރީގެ ރައީސް މުޙައްމަދު އަމީން ވަނީ ޖޯންސަން އާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ މުސްލިމުން ގެ ޖަމްއިއްޔާ "މުސްލިމް ކައުންސިލް އޮފް ބްރިޓްން" އިންވެސްވަނީ ބޮރިސް ޖޯންސަން ގެ ހަރުކަށި ފިކުރާމެދު ކަންބޮޑުވުން ފާޅުކޮށް އެފިކުރާ އެއްގޮތަށް ކަންކަން ކުރައްވަން ޖޯންސަން އުޅެފިނަމަ އިނގިރޭސިވިލާތުގައި ހަމަޖުހެން އުފެދިދާނެކަމުގެ އިންޒާރު ދެއްވާފައެވެ.

ބޮރިސް ޖޯންސަން އަކީ ތުރުކީން އިނގިރޭސިވިލާތަށް ހިޖްރަކުރި ތުރުކީގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާގެ ބައްޕަ ފަރާތުގެ މުނިކާފައަކީ ތުރުކީގެ މުސްލިމެކެވެ. އެކަންވަނީ ޖޯންސަންވެސް ދާދިފަހުން ހާމަކުރައްވާފައެވެ. ޖޯންސަންވަނީ ތެރޭސާމޭގެ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރައްވާފައެވެ. އޭގެކުރިން އޭނާވަނީ ލަންޑަންގެ މޭޔަރުކަންވެސް ކުރައްވާފައެވެ.

މިއަދު ބާއްވާ ކޮންޒަވެޓިވް ޕާޓީގެ ލީޑާޝިޕް އިންތިޚާބުގައި އެޕާޓީގެ ލީޑަރުކަމަށް ވާދަކުރައްވަނީ ބޮރިސް ޖޯންސަންއާއި، ޖެރިމީ ހަންޓެވެ. މެދުމިނުގެ ފިކުރެއް ގެންގުޅުއްވާ ހަންޓަކީ މިހާރުގެ ޚާރިޖީ ވަޒީރެވެ. ކޮންޒަވެޓިވް ޕާޓީގެ ލީޑަރުކަމުގެ މަގާމުން މިދިޔަ ޖޫން މަހުގެ 6 ދުވަހު ތެރީސާ މޭ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ވާދަކުރެއްވި 8 ބޭފުޅުންނަށް ހައުސް އޮފް ކޮމަންސްގައި ހިމެނޭ ކޮންޒަވެޓިވް ޕާޓީގެ 313 މެންބަރުންގެ މެދުގައި ވޯޓުލުމުގެ ކަންތައް ކުރިޔަށް ގެންގޮސްފައިވަނީ ކޮންމެ ބުރަކުންވެސް އެންމެ މަދުން ވޯޓު ލިބޭ ބޭފުޅަކު ބާކީވާ ގޮތަށެވެ. މިގޮތަށް ފަހަރަކު ބޭފުޅަކު ބާކީވަމުން ގޮސް މިއަދު ބާއްވާ އިންތިޚާބަށް ކޮލިފައިވެފައިވަނީ ބޮރިސް ޖޯންސަންއާއި، ޖެރެމީ ހަންޓެވެ.

ކޮންޒަވެޓިވް ޕާޓީގެ ލީޑާޝިޕް އިންތިޚާބު ބާއްވަނީ ކޮންޒަވެޓިވް ޕާޓީގެ އާންމު މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ 160 ހާސް މެންބަރުންގެ މެދުގައެވެ. މިއިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބޭ ބޭފުޅަކު ކޮންޒަވެޓިވް ޕާޓީގެ ލީޑަރަކަށް ވުމުގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަންވެސް އެބޭފުޅަކަށް ލިބިވަޑައިގަންނަވާނެއެވެ. ސަބަބަކީ އިނގިރޭސިވިލާތުގައި ވެރިކަންކުރާ ބަރުލަމާނީ (ވެސްޓްމިނިސްޓާ) ނިޒާމު އޮންނަ ގޮތުން އެގައުމުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ވެރިކަންކުރާ ޕާޓީއެއް ލީޑަރުކަމަށްވާތީއެވެ.

ލަންޑަންގެ "ޔޫގޮފް ޓައިމްސް" އިން މިމަހުގެ ކުރީކޮޅު ކޮންޒަވެޓިވް ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ދާދިފަހުން ނެގި ޚިޔާލު ހޯދުމުގެ ސާވޭއަށް ބަލާއިރު ބޮޑު ތަފާތަކުން އެޕާޓީގެ ލީޑާޝިޕް އިންތިޚާބު ކާމިޔާބު ކުރައްވާނީ ބޮރިސް ޖޯންސަން އެވެ. (އިނގިރޭސި ނޫސްތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު