ޔާމީންގެ ހުށަހެޅުންތައް ބަލައިނުގަތް: މައްސަލަ ޝަރީއަތަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ މަޖިލީހަށް ވަޑައިގަތުމަށް އެމަނިކުފާނުގެ ގެ، ހ. ދޫވެހިން ނިކުމެވަޑައިގަތް ކާރުކޮޅަށް އަރައިވަޑައިގަންނަވަނީ --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މަނީ ލޯންޑަރިން މައްސަލައިގައި ކުރާ ދައުވާގައި ޝަރީއަތުގެ ކުރިން އޭނާގެ ފަރާތުން ހުށަހެޅި އެއްވެސް ހުށަހެޅުމެއް ގަބޫލު ނުކުރުމުން މައްސަލަ ޝަރީއަތުގެ މަރުހަލާއަށް ގޮސްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުންނެވެ. އެމަނިކުފާނު ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރަނީ މަނީ ލޯންޑަރިން ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގެ 1،2،3 މި ނަމްބަރުތަކުގައި ބުނާ ކުށްތަކެވެ.

ޔާމީނަށް ކުރާ ދައުވާގައި ބުނަނީ އެމްއެމްޕީއާރްސީގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން ބައި މިލިއަން ޑޮލަރުގެ ދެ ޗެކެއް މެދުވެރިކޮށް، ރައީސް ޔާމީންގެ ޑޮލަރު އެކައުންޓަށް ފައިސާ ޖަމާ ކުރި ކަމަށެވެ. އަދި އެ ފައިސާ ފަހުން އެމަނިކުފާނުގެ ސޭވިން އެކައުންޓަކަށް ބަދަލު ކުރުމަށް ފަހު، ފައިދާ ލިބޭ ގޮތަށް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާ ކުރި ކަމަށް ދައުވާގައިވެ އެވެ. ދައުވާގެ ސީޣާގައި އިތުރަށް ބުނެފައި ވަނީ ޔާމީންގެ މައްޗަށް ދައުވާކޮށްފައި ވަނީ އޭސީސީ އާއި ޔާމީނާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަކަށް ޔާމީންގެ ޑޮލަރު އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރު ނޫން އެހެން ފައިސާއެއް ޖަމާ ކުރުމަށް ފަހު އެއީ ޑޮލަރު އެކައުންޓަށް ވަން ފައިސާ ކަމަށް ދައްކައި އޮޅުވާލާފައިވާ ކަމަށެވެ.

އެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް އޮތީ މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު އެވެ. މިއަދު އޮތް އަޑުއެހުން ވަނީ ޓީވީތަކުން ލައިވްކޮށްފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ޓީވީތަކުން ޝަރީއަތެއް ލައިވް ކުރަން ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ވަނީ ފުރުސަތު ދީފަ އެވެ. ދައުލަތުގެ ފަރާތުން ޝަރީއަތުގެ ކުރިން އެއްވެސް ކަމެއް ހުށަހަޅާފައި ނުވެ އެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ލިބޭ ފުރުސަތަކީ، މައްސަލަ މައުޟޫއީ ގޮތުން ބަލަން ޝަރީއަތަށް ނުގެންދެވޭނެ ސަބަބުތައް ދައްކަން ދިފާއަށް ލިބޭ ފުރުސަތެކެވެ. އެ ފުރުސަތުގައި ދެ ފަރާތުން އެދޭ އެހެނިހެން ކަންތައްތައް ވެސް ހުށަހެޅިދާނެ އެވެ.

ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް:

  1. ދައުވާ ފޯމުގައި ޔާމީން ކުރި ކަމަށް ބުނާ ކުށާއި ކުށުގެ އުންސުރުތައް ސާފުކޮށް ބަޔާންކޮށްފައި ނުވާކަން
  2. ދައުވާގެ ތަފްސީލުގައި ބަޔާންކޮށްފައިވާ ކުށް ކަމަށްވާ "ކޮރަޕްޝަން"ގެ ކުށަކީ ރާއްޖޭގެ އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައިވާ ކުށަކަށް ނުވުން
  3. ދައުވާ ކުރުމުގައި އެންމެންވެސް ހަމަ ހަމަ ވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކުރާ އިރު، ޔާމީންއަށް ދައުވާ ކުރުމުގައި ތަފާތުކޮށްފައި ވާ ކަމަށް ގަބޫލު ކުރުން
  4. މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ ތަންފީޒީ އިދާރާއަކީ އެމްއެމްއޭ ކަމަށްވާއިރު ދައުވާގައި ހިމަނާފައި ނުވުން
  5. ޔާމީންގެ ސަރުކާރުގައި އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތް ހިންގާފައި ވުމުން އެމީހުން ޔާމީނާ މެދު އަދާވާތްތެރި ގޮތަކަށް ދެކޭނެ ކަމަށާއި އެހެންކަމުން އެމީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ގަބޫލު ކުރުން

މި އެންމެހާ ހުށަހެޅުންތަކަށް މިއަދު ވަނީ ގިނަ އިރުތަކެއް ވަންދެން ބަހުސްކޮށްފަ އެވެ. ދައުލަތުގެ ފަރާތުން ވާހަކަ ދެއްކެވީ ވަކީލާ އައިޝަތު މުހައްމަދު އެވެ. ޔާމީންގެ ފަރާތުން ވަކީލުން އާދަމް އާސިފް އާއި އަބްދުﷲ ސިޔާޒު ވަކާލާތު ކުރެއްވި އެވެ. ރައީސް ޔާމީން ވެސް ދެ ފަހަރަކު ބަހުސްގައި ބައިވެރިވެވަޑައިގެން އަމިއްލަ ނަފްސު ދިފާއު ކުރެއްވި އެވެ. އެކަމަކު، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލް ޔާމީންގެ ފަރާތުން ހުށަހެޅި އެއްވެސް ހުށަހެޅުމެއް ބަލައިނުގެންނެވި އެވެ.

ދައުވާގައި ސާފު ނުވާ ކަންކަން

ދައުވާއިން ޔާމީން ކުރީ ކޮން ކުށެއް ކަމެއް ސާފު ނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި ޔާމީންގެ އެއްވެސް އަމަލެއް މަނީ ލޯންޑަރިންގެ ހާލަތަކަށް ފެތޭ ގޮތެއް ދައުވާގެ ސީޣާގައި ބަޔާންކޮށްފައި ނެތް ކަމަށް ވިދާޅުވި އެވެ. ސީޣާގައި ތަފްސީލުކޮށް ކުށް ބަޔާންކޮށްފައި އޮންނަން ޖެހޭކަން ވެސް ފާހަގަކުރި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ މަނީ ލޯންޑަރިން ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގެ 1،2،3 މި ނަމްބަރުތަކުގައި ބުނާ ކުށްތައް ޔާމީން ކުރި ކަމަށެވެ. އަދި އެކަމުގެ ތަފްސީލެއް އޭނާ ދެއްވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ޔާމީންގެ އެކައުންޓަށް ވަން ފައިސާ އަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުން އެސްއޯއެފްއަށް ވަން ފައިސާ ކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ހާލަތުގައި ވެސް އެ ފައިސާއަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އެއީ މަނީ ލޯންޑަރިން ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރުގައިވާ ކުށް ކަމަށް ވިދާޅުވި އެވެ. އެކައުންޓަށް ޖަމާވި ޑޮލަރުން މަންފާ ހޯދުމަށް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށް 36 މަހަށް އެ ފައިސާ އިންވެސްޓް ކޮށް މަނީ ލޯންޑަރިން ގާނޫނުގެ ފަސް ވަނަ މާއްދާގެ ތިން ވަނަ ނަމްބަރުގައި ބުނާ ކުށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓުގެ ހުރި ފައިސާ އެސްކްރޯ އެކައުންޓަށް ޓްރާންސްފާ ކުރުމުގެ ބަދަލުގައި އެހެން އެކައުންޓަކުން އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާ ކުރުމަކީ އެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުގައި ބުނާ ކުށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ދައުވާގައި ޔާމީން ކުރި ކަމަށް ބުނާ ކުށް ކުރި ގަޑި ބަޔާންކޮށްފައި ނުވާތީ އެއީވެސް ދައުވާ ފުރިހަމަ ނުވާ ކަމެއް ކަމަށް ދިފާއުން ވިދާޅުވި އެވެ. އެކަމަކު ދައުލަތުގެ ވަކީލު ވިދާޅުވީ، މައްސަލައިގެ ގޮތުން ކޮންމެ މައްސަލައެއްގެ ދައުވާ ސީޣާގައި ކުށް ކުރި ގަޑި ހުރުން ކޮންމެހެން ލާޒިމު ނޫން ކަމަށެވެ. ގާޒީ ހައިލަމް އެކަމުގައިވެސް ނިންމެވީ ދައުލަތާ އެއްކޮޅަށެވެ.

ކޮރަޕްޝަންގެ ކުށެއް

ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ އެކައުންޓަށް ވަން ފައިސާ އަކީ ކޮރަޕްޝަނުގެ ފައިސާ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެ ފައިސާ އަކީ ފަޅު ރަށެއް ކަމަށްވާ ގއ. ވޮޑަމުލާ ޓޫރިޒަމްއަށް ތަރައްގީ ކުރުމަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ކަމަށް ދައުލަތުން ސާބިތުކޮށްދޭން މަސައްކަތް ކުރެއެވެ.

ދިފާއުން ވިދާޅުވީ، ކޮރަޕްޝަނަކީ އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައިވާ ކުށެއް ނޫން ކަމަށެވެ. އަދި ޔާމީންއަށް އެ ފައިސާ ލިބުނީ ކޮރަޕްޝަނުން ކަމަށް ދައުވާގައި ބުނާ އިރު އެކަމަކީ ކުށެއް ނޫންކަން ފާހަގަ ކުރިއެވެ.

އެކަމަކު ދައުލަތުން ވިދާޅުވީ، ކޮރަޕްޝަންގެ ކުށްތަކަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގައިވާ ކުށްތައް ކަމަށް އޭސީސީގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އަދި ދިފާއުގެ ހުށަހެޅުމަކީ މައްސަލަ ނުބެލޭނެ ކަމަށް ނިންމޭނެ ސަބަބެއް ނޫން ކަމަށް ދައުލަތުން ދެކޭ ކަމަށް ވިދާޅުވި އެވެ.

"ހަމައެކަނި ދައުވާކޮށްފައި ވަނީ ޔާމީނަށް"

ޔާމީނަށް ތަފާތު ކޮށްފައިވާ ކަމަށް ބުނެ އޭނާގެ ފަރާތުން ހުށަހެޅުއްވީ، އެސްއޯއެފް ކުންފުނިން ފައިސާ ލިބުނު 150 އަށް ވުރެ ގިނަ މީހުން އޭސީސީ އިން ނެރުނު ރިޕޯޓުން އެނގޭ އިރު އޭގެ ތެރެއިން ހަމައެކަނި ދައުވާކޮށްފައި ވަނީ ރައީސް ޔާމީނަށް ކަމަށް ބުނެ އެވެ. އަދި އެސްއޯފް އިން ފައިސާ ޖަމާވި އެހެން މީހުންނެކޭ އެއްފަދައިން ރައީސް ޔާމީންގެ އެކައުންޓަށް ވަނީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް އޭސީސީއިން ވެސް ބުނެފައި ނުވާކަން ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.

ރައްދުގައި ދައުލަތުން ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި އޭސީސީއާއި ފުލުހުން ހުށަހެޅި މައްސަލަތަކާ ގުޅިގެން އެތައް ބަޔަކަށް ޕީޖީއިން ދައުވާކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއްވެސް ވަރަކަށް ތަފާތުކޮށްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވަކީލު ވިދާޅުވި އެވެ.

އެމްއެމްއޭގެ ނިންމުމެއް ނެތް

ޔާމީންގެ ފަރާތުން މިއަދު ބުނީ މަނީ ލޯންޑަރިންގެ މައްސަލަތަައް ބެލޭނީ އެމްއެމްއޭގެ ފައިނޭންޝަލް އިންވެސްޓިގޭޓިވް ޔުނިޓުން ހުށަހަޅާ ސަސްޕެކްޓިވް ޓްރާންސެކްޝަން ރިޕޯޓަކަށް ކަމަށެވެ. އަދި ޔާމީންގެ މައްސަލައިގައި އެފަދަ ރިޕޯޓެއް ހުށަހެޅިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގޭ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މައްސަލައިގެ ތަހުގީގު ފެށިިގެން އައީ އެފްއައިޔޫގެ ޓްރާންސެކްޝަން އެނަލިސިސް ރިޕޯޓަކާ ގުޅިގެން ކަމަށެވެ. ދައުވާ ލިބޭ ފަރާތާ ހިއްސާކޮށްފައި ނުވަނީ އެ ރިޕޯޓަކީ ކޮންފިޑެންޝަލް ރިޕޯޓެއް ކަމުން ކަމަށް ވިދާޅުވިއެވެ. އަދި އެ މައްސަލަ ބަލަން ފެށިފައި ވަނީ ގާނޫނުގައި ބުނާ ގޮތަށް ކަމަށް ދައުލަތުގެ ފަރާތުން ވިދާޅުވިއެވެ.

"އަދީބާއި ޒިޔަތު އަކީ އަދާވާތްތެރިން"

ދިފާއީ ވަކީލުން ވިދާޅުވީ، ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިވެރިންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒަޔަތުގެ މައްސަލަ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުން އިސްނަގައިގެން ބެލުމަކީ ޔާމީނާ މެދު އަދާވާތްތެރި ގޮތަކަށް އެމީހުން ބަލާނެ ކަމެއް ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ޔާމީން ވެސް ވަނީ އެ މޭރުމުން ވާހަކަފުޅު ދައްކަވައިފަ އެވެ. އެމީހުން ހެކިންގެ ގޮތުގައި ތިބުމަކީ މައްސަލަ ނުބެލޭނެ ކަމެއް ކަމަށް ދިފާއުން ގަބޫލު ކުރެއެވެ.

އަދީބާއި ޒިޔަތަކީ ރައީސް ޔާމީންގެ އަދާވާތްތެރިންގެ ގޮތުގައި ދައުލަތުން ގަބޫލެއް ނުކުރިއެވެ. ވަކީލު ވިދާޅުވީ، އެ މީހުން މަގާމުން ވަކި ކުރީ ޔާމީން ނޫން ކަމަށާއި އެއީ ތަހުގީގު ކުރަން ޖެހޭ ގޮތަށް ތަހުގީގުކޮށްގެން ވަކި ކޮށްފައިވާ ބައެއް ކަމަށެވެ.

ދިފާއުން ހުށަހެޅި އެއްވެސް ހުޝަހެޅުމެއް ބަލައިނުގަނެ މައްސަލަ ޝަރީއަތަށް ގެންދަން ހައިލަމް މިއަދު ނިންމެވި އެވެ. މިއަދު ދައުލަތުން ވަނީ ޔާމީނާ ދެކޮޅަށް ހުރި ހެކިތައް އިއްވައިފަ އެވެ. ދިފާއުގެ ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ވެސް ދިނެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ އިތުރު ދެ ހެކިވެރިން ޔާމީނާ ދެކޮޅަށް ހުށަހަޅާފަ އެވެ. އެއީ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މުހައްމަދު އައްލާމް ލަތީފާއި އިޝްފާހު އަލީ އެވެ. ނަމަވެސް، ދިފާއުން އިޖުރާއި މައްސަލަތަކެއް ފާހަގަ ކުރުމުން ހައިލަމް ނިންމީ އެ ދެމީހުން ހެކީންގެ ގޮތުގައި ބަލައިނުގަތުމަށެވެ.

ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައި ވަނީ ޝަފަވީ އަށް ހެއްކިވެރިންނެވެ. އެއީ އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތު ބީއެމްއެލްގެ ބޯޑް މެމްބަރުން މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފެވެ. އޭގެ އިތުރުން މުހައްމަދު ވަސީމް އިސްމާއިލް ނަމަކަށް ކިޔާ މީހަކުވެސް ވަނީ ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅައިފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ އެމަނިކުފާނުގެ މައްޗަށް އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރީމާނާ އަކާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނުވަތަ ލޯންޑާ ކުރި ފައިސާގެ އަދަދުގެ ފަސް ގުނައަށް ވުރެ މަދު ނުވާ އަދަދަކުން ކުރާ ޖޫރީމާނާއަކާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

comment ކޮމެންޓް