ހޮންކޮންގައި ފުލުހުންގެ އަނިޔާއާ ދެކޮޅަށް އެތައް ހާސް މީހުން މުޒާހަރާ ކުރަނީ

ހޮންކޮންގައި ފުލުހުންގެ އަނިޔާއާ ދެކޮޅަށް އެތައް ހާސް މީހުން މުޒާހަރާ ކުރަނީ -- ފޮޓޯ: އޭޕީ

ހޮންކޮންގް (ޖުލައި 21): ހޮންކޮންގްގައި މުޒާހަރާ ކުރާ ފަރާތްތަކަށް ފުލުހުންދޭ އަނިޔާތައް، މިނިވަންކަމާ އެކު ތަހުގީގު ކުރުމަށް ގޮވާލާ އެތައް ހާސް މީހުން މުޒާހަރާ ކުރަން ފަށައިފި އެވެ.

އެމުޒާހަރާތައް ކުރިއަށް ގެންދަނީ ހޮންކޮންގްގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި "ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލާ" ދެކޮޅަށް މިދިޔަ މަހު ފެށި މުޒާހަރާތަކާ ގުޅުވައިގެންނެވެ. އެމުޒާހަރާތަކުގެ ސަބަބުން ބިލް ފާސް ކުރުން ފަސްކޮށްފައިވީ ނަމަވެސް، މުޒާހަރާގެ ބައިވެރިން ދަނީ ބިލް އަނބުރާ ގެންދިޔުމަށާއި ސަރުކާރުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

"މިހިނގާލުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ މިނިވަން ތަހުގީގަކަށް ގޮވާލުމަށް. ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ނުހުއްޓުވުނު ތަނުގައި، އެމައްސަލަ ވަނީ އިތުރަށް ގޯސްވެފަ،" މިއަދުގެ މުޒާހަރާ އިންތިޒާމު ކުރި ސިވިލް ހިއުމަން ރައިޓްސް ފްރޮންޓް (ސީއެޗްއާރުއެފް)އިން ބުންޏެވެ.

ހޮންކޮންގްގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިނގައި، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވެސްވެ އެވެ. އަދި މިމަހުގެ އެއް ވަނަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި ބަޔަކު ވަނީ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެ، ގެއްލުންތަކެއް ދީފަ އެވެ.

މިދިޔަ މަހުގެ 20ގައި އެމަޖިލީހުގައި ވޯޓަށް އަހަން އޮތް ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލު ފާސް ކުރި ނަމަ، ހޮންކޮންގްގައި ތިބި ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް، އެމީހުން ޗައިނާއާ ހަވާލު ކުރެވޭނެ އެވެ.

ނަމަވެސް ގިނަ އަދަދެއްގެ މީހުން ވަނީ އޭގެ ސަބަބުން ހޮންކޮންގްގައި ޗައިނާގެ ނުފޫޒު އިތުރުވާނެ ކަމަށާއި އެގައުމުގެ ޝަރުއީ ނިޒާމަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް