ހަރަމައިން އަށް އިިތުރަށް ފައިސާ ދައްކާފައިވާނަމަ އެކަން ހިއްސާކުރުމަށް ފުލުހުން އެދެފި

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހައްޖަށް ދިޔުމަށް ހަރަމައިން ގްރޫޕަށް ފައިސާ ދެއްކި އިރު އިސްލާމިކް މިނިސްޓްރީ އިން ހުއްދަ ދިން އަދަދަށްވުރެ އިތުރަށް ފައިސާ ދައްކާފައިވާނަމަ އެކަން ހިއްސާކޮށްދިނުމަށް ފުލުހުން އެދެފިއެވެ.

ފުލުހުން މިއަދު ބުނީ ހަރަމައިން ގްރޫޕަށް އިސްލާމިކް މިނިސްޓްރީ އިން ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް އެއްވެސް މީހެއްގެ އަތުން ފައިސާ ނަގާފައިވާނަމަ އެކަން ފުލުހުންނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހަރަމައިންއަށް ހުއްދަ ދީފައިވަނީ 69،965 ރުފިޔާއަށެވެ. ނަމަވެސް އެ ގްރޫޕުން މީހުންގެ އަތުން ނެގީ އެއް ލައްކަ ރުފިޔާ ކަމަށް ފައިސާ ދެއްކި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު ފުލުހުން ވަނީ ބައެއް މީހުންގެ ބަޔާންވެސް ނަގައިފައެވެ. ހަރަމައިން އިން އިތުރަށް ފައިސާ ނަގާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ޖަމާއަތުގެ އޮފީހުގައި ބަޔަކު ހަރަކާތްތެރިވާ ވީޑިއޯ އެއްވެސް ވަނީ އާންމުވެފައެވެ.

ފުލުހުން ބުނީ ހަރަމައިން އިން އިތުރަށް ފައިސާ ނެގި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އެ މައްސަލާގައި ވަކި ގޮތެއް ނިމިފައިނުވާއިރު ހައްޖުވެރިން މިއަދު ވަނީ ސައުދީ އަށް ފުރަންފަށައިފައެވެ.

comment ކޮމެންޓް