ބްރިޓިޝް އެއާވޭސްއިން ގާހިރާއަށް ކުރާ ދަތުރުތައް ހަފްތާއަކަށް ހުއްޓާލައިފި

ބްރިޓިޝް އެއާވޭސްއިން ވަނީ ގާހިރާއަށް ކުރާ ދަތުރުތައް ހަފްތާއެއް ވަންދެން ހުއްޓާލަން ނިންމާފަ -- ފޮޓޯ: ރޮއިޓާސް

ލަންޑަން (ޖުލައި 21): އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސް އިން މިސްރުގެ ވެރިރަށް ގާހިރާއަށް ކުރާ ދަތުރުތައް ހަފްތާއެއް ވަންދެން ހުއްޓާލައިފި އެވެ.

ބްރިޓިޝް އެއާވޭސްއިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ކުރިއަށް އޮތް ހަތް ދުވަހު ގާހިރާއަށް ދަތުރު ނުކުރަން ނިންމީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ. ނަމަވެސް އެފިޔަވަޅު އަޅަން ޖެހުނީ ކީއްވެގެން ކަމެއް އެ އެއާލައިނުން ހާމަ ނުކުރެ އެވެ.

އަދި ގާހިރާ އެއާޕޯޓު ކޮމްޕެނީގެ ޗެއާމަން އަހުމަދު ފައުޒީ ވިދާޅުވި ގޮތުގައި ސަލާމަތީ މައްސަލައަކާ ބެހޭ ގޮތުން ނުވަތަ ފްލައިޓުތައް ކެންސަލް ކުރުމާ ބެހޭ ގޮތުން ބްރިޓިޝް އެއާވޭސް އިން އެ ކުންފުންޏަށް އަންގާފައެއް ނުވެ އެވެ.

ބްރިޓިޝް އެއާވޭސް އިން ގާހިރާއަށް ކުރާ ދަތުރުތައް ހުއްޓާލިކަން ފާހަގަ ކުރަމުން އިއްޔެ ބްރިޓިޝް ފޮރިން އޮފީހުން ވަނީ ވައިގެ ދަތުރުފަތުރަށް އަމާޒުކޮށް ޓެރަރިޒަމްގެ ހަމަލާއެއް ދިނުމުގެ ނުރައްކާ އިތުރުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި މިސްރުން އިނގިރޭސިވިލާތަށް ދާ ފްލައިޓުތަކުގެ ސަލާމަތީ ފިޔަވަޅުތައް އިތުރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

މިސްރުގެ ރިޒޯޓު ރަށެއް ކަމަށްވާ ޝަރުމުއް ޝައިހުން ނައްޓާލި ރަޝިއާގެ މަތިންދާބޯޓަކަށް އައިއެސް އިން 2015 ވަނަ އަހަރު ދިން ހަމަލާއާ ގުޅިގެން އެގައުމަށް ކުރާ ދަތުރުތައް މެދުކަނޑާލި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތްވެސް ހިމެނެ އެވެ. އެހަމަލާގައި ބޯޓުގައި ތިބި 224 މީހުން މަރުވި އެވެ.

comment ކޮމެންޓް