ފިރިހެން ޓީމު ދެމެޗުން ބަލިވި ނަމަވެސް އަންހެން ޓީމު ދައްކަނީ އުންމީދީ ކުޅުމެއް

އައިއޯއައިޖީގައި އިއްޔެ ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމު ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ޓީމް އިވެންޓުގައި އިއްޔެ ކުޅުނު ދެ މެޗުން ވެސް ދިވެހި ފިރިހެން ޓީމު ބަލިވި އިރު ދިވެހި އަންހެނުންގެ ޓީމުން ކުޅުނު ދެ ވަނަ މެޗުގައި މޮރިޝަސް ގާތުން ތާރީހީ މޮޅެއް ހޯދައިފި އެވެ.

މޮރިޝަސްގެ އެކި ހިސާބުތަކުގައި މިހާރު އައިއޯއައިޖީގެ ގޭމްސްތައް ފޯރިއާ އެކު ކުރިއަށްދާ އިރު އިއްޔެ ކުޅުނު ބެޑްމިންޓަން ޓީމު އިވެންޓުތަކުން ރާއްޖޭގެ ފިރިހެން ޓީމު ވަނީ ބޮޑު ނާކާމީޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ ޓީމުން ފުރަތަމަ މެޗުގައި ރީޔޫނިއަންއާ ވާދަކުރި އިރު އެ މެޗު ނިމުނީ 1-4 ގޭމުން ބަލިވެގެންނެވެ.

އައިއޯއައިޖީގައި އިއްޔެ ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ޖެހިގެން އައި މެޗުގައި ފިރިހެން ޓީމު ބައްދަލު ކުރީ މުބާރާތް ބާއްވާ މޮރިޝަސްއާ އެވެ. އެ މެޗުން ވެސް ދިވެހި ޓީމު ބަލިވީ 4-1 އިންނެވެ.

މޮރިޝަސްއާ ވާދަކޮށް ޖުމްލަ ފަސް ގޭމު ކުޅުނު އިރު ދިވެހި ޓީމަށް ކާމިޔާބުކުރެވުނީ ސިންގަލްސްގައި އަޖްފާން ކުޅުނު މެޗު އެކަންޏެވެ. މިމެޗު އަޖްފާން ކާމިޔާބުކުރީ ފުރަތަމަ ސެޓު ގެއްލިފައިވަނިކޮށް ފަހަތުން އަރައި ޖެހިގެން ކުޅުނު ދެސެޓު ކާމިޔާބުކޮށްގެންނެވެ. އެއީ 14-21، 21-17، 21-18 އިންނެވެ.

ރާއްޖޭގެ ފިރިހެނުންގެ ބެޑްމިންޓަން ޓީމުން އެންމެ ފަހުގެ ގޭމްސްގައި މި އެވެންޓުން ރިހި މެޑަލް ހޯދި ނަމަވެސް މިއަހަރުގެ ގޭމްސްގައި ދެއްކުނީ ވަރަށް އާދައިގެ ކުޅުމެކެވެ. އެހެން ނަމަވެސް ދިވެހި އަންހެން ޓީމުން ވަނީ އުންމީދީ ކުޅުމެއް އިއްޔެގެ މެޗުތަކުގައި ދައްކައިފަ އެވެ.

އެގޮތުން ދިވެހި އަންހެން ޓީމްވަނީ އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ރީޔޫނިއަން އަތުން ބަލިވި ނަމަވެސް ހިއްވަރާ އެކު ކުޅެ މޮރިޝަސް އިން ގިނަ ދުވަސްތަކެއް ވަންދެން މި އިވެންޓުގައި ދަމަހައްޓަމުން އައި ބަލި ނުވެ އައުމުގެ ރެކޯޑަށް ވަނީ ނިމުން ގެނެސްފަ އެވެ.

ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމުން ވަނީ މިމެޗުގައި ކުޅުނު ސިންގަލްސް ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށްފަ އެވެ. އެއީ އެންމެ ފުރަތަމަ ކުޅުނު ދެމެޗެވެ.

އައިއޯއައިޖީގައި އިއްޔެ ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމު ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

މިގޮތުން ފުރަތަމަ މެޗުގައި ދިވެހި ޓީމުން ކުޅެން ނިކުތީ ނަބާހާ އެވެ. މިމެޗު ނަބާހާ ކާމިޔާބުކުރީ މޮރީޝަސްގެ ފުރަތަމަ ކުޅުންތެރިއާ ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. އެއީ 21-18، 21-17ނެވެ.

ދެވަނަ މެޗުގައި ދިވެހި ޓީމުން ކުޅެން ނިކުތީ ނީލާއެވެ. މިމެޗުގެ ފުރަތަމަ ސެޓު ނީލާ އަތުން ގެއްލުނީ 18-21އިންނެވެ. ފުރަތަމަ ސެޓު އަތުން ގެއްލުނު ނަމަވެސް ނީލާ ވަނީ ޖެހިގެން އައި ދެ ސެޓު ނަގާ މެޗު ކާމިޔާބުކޮށްފަ އެވެ. އެއީ 21-14 އަދި 21-15 އިންނެވެ.

މޮރީޝަސް އާއި ބައްދަލުކުރި ސިންގަލްސް ތިން ވަނަ މެޗުގައި ދިވެހި ޓީމުން ކުޅެން ނިކުތީ ނަބީހާ އެވެ. މިމެޗު ނަބީހާ އަތުން ގެއްލުނީ ފުރަތަމަ ސެޓު ނަގާފައި ވަނިކޮށެވެ. މެޗުގެ ސެޓުތައް ދިޔައީ 21-16، 14-21، 17-21 އިންނެވެ.

ޑަބަލްސްގައި ރާއްޖެ ކުޅުނު ދެމެޗުގެތެރެއިން އެއްމެޗު ކާމިޔާބުކުރި އިރު އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. ރާއްޖެ މޮޅުވީ ޑަބަލްސްގެ ދެވަނަ ޕެއާގައި ކުޅުނު މެޗުންނެވެ. މިމެޗުގައި ރާއްޖެ ޓީމުން ކުޅެން ނިކުތީ ނަބާހާއާއި މައިސާ އެވެ. މި ދެ ކުޅުންތެރިން ވަނީ މޮރީޝަސްގެ ދެވަނަ ޕެއަރ ފަސޭހަ ކަމާއެކު ބަލިކޮށްފަ އެވެ. އެއީ 21-17، 21-15 އިންނެވެ.

ނަބީހާއާއި ނީލާގެ ޕެއަރ ނުކުތީ މޮރީޝަސްގެ އެއްވަނަ ޕެއާއާ ދެކޮޅަށެވެ. މިމެޗުން ރާއްޖެ ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 17-21 ކާމިޔާބުކުރީ މޮރީޝަސްގެ ޕެއާ އެވެ.

އެހެންނަމަވެސް ދެވަނަސެޓު 21-17 ހޯދީ ނަބީހާއާއި ނީލާގެ ޕެއާ އެވެ. އަދި ތިން ވަނަ ސެޓު 10-21 ކާމިޔާބުކޮށް މެޗު ގެންދިޔައީ މޮރީޝަސްގެ ޕެއާ އެވެ.

comment ކޮމެންޓް