އެޕޯލޯ 11ގެ ތިން ވީޑިއޯއެއް 1.8 މިލިއަން ޑޮލަރަށް ވިކިއްޖެ

ނީލަމުގައި ވިއްކި ވީޑިއޯތަކުން އެމެރިކާގެ ދިދަ ހަނދުގައި ޖަހާ މަންޒަރު ފެންނާނެ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ޖުލައި 21): މީގެ 50 އަހަރު ކުރިން އިންސާނުން ފުރަތަމަ ފަހަރަށް ހަނދަށް ދިޔަ މަންޒަރު ފެނިގެންދާ ނާސާގެ އޮރިޖިނަލް ތިން ވީޑިއޯ ނީލަމެއްގައި 11.8 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ.

އެނީލަން އިންތިޒާމު ކުރި ސޮތެބީސް ކުންފުނިން ބުނި ގޮތުގައި އެއީ އެއްވެސް ބަދަލެއް ގެނެސްފައި ނުވާ، ހަނދުގައި އިންސާނުން އެޅި ފުރަތަމަ ފިޔަވަޅުތައް ދައްކުވައިދޭ އެންމެ ސާފު ވީޑިއޯތަކެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ކާމިޔާބީއާ ބެހޭ ގޮތުން ހަނދާންވާ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ރެކޯޑު ކުރެވިފައި ވަނީ މިޓޭޕުތަކުގައި،" ސޮތެބީސްގެ ނައިބު ރައީސް އަދި ސީނިއާ ސްޕެޝަލިސްޓު ކަސެންޑްރާ ހެޓަން ވިދާޅުވި އެވެ.

އެވީޑިއޯތައް ގަނެފައި ވަނީ ކާކު ކަމެއް ސޮތެބީސްއިން ހާމަ ނުކުރެ އެވެ.

ދެ ގަޑި އިރާއި 24 މިނިޓަށް ދެމިގެންދާ އެވީޑިއޯތަކުން އެސްޓްރޮނޯޓް ނީލް އާމްސްޓްރޯންގާއި ބަޒް އަލްޑްރިން ހަނދުގައި ހިނގާ މަންޒަރާއި އެމެރިކާގެ ދިދަ ހަނދުގައި ޖަހާ މަންޒަރު ފެނިގެންދެ އެވެ. އެވީޑިއޯ ރެކޯޑު ކުރީ އެޕޯލޯ 11ގެ ދަތުރު ދުނިޔެއިން މޮނިޓާ ކުރަމުން ދިޔަ ޖޯންސަން ސްޕޭސް ސެންޓަރުގެ މިޝަން އޮޕަރޭޝަންސް ކޮންޓްރޯލް ރޫމްގަ އެވެ.

ހަނދަށް ދިޔުމަށްޓަކައި އެޕޯލޯ 11 ލޯންޗު ކުރީ 16 ޖުލައި 1969ގަ އެވެ. އަދި އާމްސްޓްރޯންގާއި އަލްޑްރިން ހަނދުގައި ހިނގީ ޖުލައި 20ގަ އެވެ. އޭރު ތިންވަނަ އެސްޓްރޮނޯޓު މައިކެލް ކޮލިންސް އިނީ އެމީހުން ދަތުރު ކުރި ޖައްވީ އުޅަނދުގެ ޕައިލެޓުގެ ގޮތުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް