ސަރަހައްދީ މުބާރާތަކުން ރާއްޖޭގެ ތިން ބޮޑީ ބިލްޑަރުން ރަން މެޑަލް ހޯދައިފި

ރާއްޖޭގެ ބޮޑީ ބިލްޑަރު މުހައްމަދު މޫސާ ކެޓަގަރީއިން އެއްވަނަ ހޯދުމަށްފަހު --- ފޮޓޯ// ހާފްކޯޓް

ނޭޕާލުގެ ކަތުމަންޑޫގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިޔާގެ 12 ވަނަ ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުގައި ރާއްޖެއަށް ނިސްބަތްވާ ތިން އެތުލީޓަކު ރަން މެޑަލް ހޯދައިފި އެވެ.

މިފަހަރުގެ އެ މުބާރާތުގައި ދެކުނު އޭޝިޔާގެ ބޮޑެތި ގައުމުތަކާ ވާދަކޮށް ރާއްޖެއިން ހޯދި ތިން ރަން މެޑަލް ހޯދައިފައި ވަނީ 55 ކިލޯ ކެޓަގަރީން މުޙައްމަދު މޫސާއާއި ޖޫނިއާ މެންސް އޯޕަން ބޮޑީބިލްޑިން ކެޓަގަރީއިން އަހްމަދު މާހިލް ސައީދުގެ އިތުރުން މެންސް ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ކެޓަގަރީން އަޒްނީން ރަޝާދެވެ.

ރާއްޖޭގެ ބޮޑީ ބިލްޑަރު މުހައްމަދު މޫސާ --- ފޮޓޯ// ހާފްކޯޓް

މީގެ އިތުރުން މި މުބާރާތުގައި ރާއްޖެއިން ވާދަ ކުރި އިތުރު ދެ އެތުލީޓަކު ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އެއީ ފިޒިކްސް އެތުލެޓިކްސް ކެޓަގަރީއިން އަހްމަދު ފަޒީލް އާއި އެތުލެޓިކްސް ފިޒިކްސްގެ 167 ސެންޓިމީޓަރު ކެޓަގަރީން ފަތުހުﷲ ސައީދެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ކެޓަގަރީއަކުން ރާއްޖެއިން ވާދަ ކުރާއިރު ރާއްޖޭގެ ބޮޑީ ބިލްޑިން ޓީމުގެ ކޯޗަކީ މުހައްމަދު އިބްރާހީމެވެ.

ސަރަހައްދީ ބޮޑެތި ގައުމުތައް ކަމަށްވާ އިންޑިއާ އަދި އަފްޢާނިސްތާނަކީ ދުނިޔޭގެ ފެންވަރުގެ ބޮޑީ ބިލްޑިންގ މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ގައުމުތައް ކަމަށްވާ އިރު ދިވެހި ރާއްޖެއިން އެ ގައުމުތަކާ ވާދަކޮށް ރަން މެޑަލް ހޯދުމަކީ މި ގައުމަށް ލިބުނު ވަރަށް ބޮޑު ފަޙުރެކެވެ.

އަންނަ އަހަރު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވާނީ ރާއްޖޭގަ އެވެ. ރާއްޖޭން މި މުބާރާތް ބޭއްވުމުގެ ބިޑް މިއަހަރު ތެރޭ ކާމިޔާބުކޮށްފައިވާއިރު، އަންނަ އަހަރުގެ އެ މުބާރާތް ޖުމްލަ 400 އެތުލީޓުންނާ އެކު މި މުބާރާތް ރާއްޖޭގައި ބާއްވަން މަސައްކަތްކުރާނީ މާލޭން ބޭރުގައި ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މީގެ އިތުރުން ސަރަހައްދުގެ މައި ބޮޑީބިލްޑިން ފެޑެރޭޝަނުގެ ދެ މަގާމަށް ވެސް ދާދި ފަހުން ވަނީ ރާއްޖޭގެ ދެ ބޭފުޅަކު އައްޔަނުކޮށްފައެވެ. އެގޮތުން ބޮޑީބިލްޑިން ފެޑެރޭޝަނުގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކޮށްފައިވަނީ އިބްރާހިމް ހަމީދެވެ. އަދި އެ ފެޑެރޭޝަނުގެ އެގްޒެގެޓިން ކޮމެޓީ (އެކްސްކޯ) މެމްބަރަކަށް އައްޔަނު ކޮށްފައިވާ އަލީ ރިފާއު އެވެ.

comment ކޮމެންޓް