އެމެރިކާގެ އެތަށް ސަތޭކަ ސިފައިން ސައޫދީ އަރަބިއާ އަށް ފޮނުވަނީ

ވޮޝިންޓަން (ޖުލައި 18) : އެމެރިކާގެ އެތަށް ސަތޭކަ ސިފައިން ސައޫދީ އަރަބިޔާއަށް ފޮނުވުމަށް ޕެންޓަގަން އިން ތައްޔާރުވަމުންދާކަމަށް އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އާ ހަވާލާދީ ސީއެންއެން އާއި ބްލޫމްބާގް ބުނާގޮތުން އެމެރިކާގެ ފައްސަތޭކައެއްހާ ސިފައިން ސައޫދީ ވެރިރަށް ރިޔާޒްގައި ހުންނަ ޕްރިންސް ސުލްތާން ވައިގެ ބޭހަށް ފޮނުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރުދަނީ ވަމުންނެވެ. ޕްރިންސް ސުލްތާން ވައިގެ ބޭހަކީ ޔަމަންގެ ހޫޘީން ސައޫދީ އަށް ދެމުންގެންދާ ވައިގެ ހަމަލާތައް އެރުމުގެ ފުރްސަތު ކުޑަ ތަނެއްކަމަށް ޕެންޓަގަންގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވައެވެ.

ސައޫދީ އަރަބިޔާއަށް ގިނަ އަދަދެއްގެ ސިފައިން ފޮނުވަން ގަސްދުކުރާ ކަމުގެ އިޝާރާތްތައް އެމެރިކާގެ މަސްއޫލުވެރިންވަނީ ވަރަށް ކުރީއްސުރެ ދެއްވާފައެވެ. ނަމަވެސް އެކަމުގެ މަގްސަދެއް އަދި ބޭނުމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އެމެރިކާގެ ފައްސަތޭކަ އެއްހާ ސިފައިން ރިޔާޒްގައި ހުންނަ ޕްރިންސް ސުލްތާން ވައިގެ ބޭހަށް ފޮނުވަން އެމެރިކާ މަސައްކަތް މިކުރަނީ އެމެރިކާއިން ސައޫދީއަށް ވިއްކާފައިވާ އެތަށް ސަތޭކަ ބިލިޔަން ޑޮލަރުގެ ހަތިޔާރުންވެސް ސައޫދީ އަށް ހިމާޔަތް ނުލިބޭމައްސަލާގައި ސައޫދީ މަސްއޫލުވެރިން ކަންބޮޑުވެވަޑައިގެން އެކަމުގެ ޝަކުވާ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ސައޫދީ ސިފައިން ޔަމަނަށް ދޭ ހަމަލާތަކުގެ ރައްދުގައި ޔަމަންގެ ހޫޘީން ސައޫދީ އަށް ހަމަލާތައް ސައޫދީ ގެ ދެކުނާއި މެދުތެރޭގެ ގިނަ ސަރަހައްދުތަކަށް އަރަމުންދާއިރު އެމެރިކާ ސައޫދީ އަށް ވިއްކާފައިވާ ދިފާއީ ނިޒާމުތައްވަނީ އެ ހަމަލާތައް ދިފާއު ކުރުމުގައި ނާކާމިޔާބުވެފައެވެ.

ހޫޘީން ވަނީ ޔަމަނާ ދެކޮޅަށް ސައޫދީ ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާނުލާނަމަ ސައޫދީގައި ބޯފެން އުފެއްދުމަށް ބޭނުންކުރާ ޑެސިލިނޭޝަން ޕްލާންޓްތަކަށްވެސް ހަމަލާތައް ދޭނެކަމުގެ އިންޒާރުތައް ދީފައެވެ. ހޫޘީންގެ ހަމަލާތައް އެތަންތަނަށް އަރައިފިނަމަ ސައޫދީ އަށް ފެނުގެ ބޮޑު ކާރިސާއެއް ކުރިމަތިވާނެކަމުގެ ބިރު އެގައުމުން ގެންދަނީ އިހްސާސް ކުރަމުންނެވެ.

ސައޫދީ އަކީ އެގައުމަށް ބޭނުންވާ ފެނުގެ ފަސްދޮޅަސް އިންސައްތަ އުފެއްދުމަށް ޑެސިލިނޭޝަން ޕްލާންޓްތަކަށް ބަރޯސާވާ ގައުމެކެވެ. އެމެރިކާ ސައޫދީ އަށް ސިފައިން ފޮނުވުމުގެ މައިގަނޑު ބޭނުމަކީ އެމެރިކާގައި އުފައްދާ ޕެޓްރިއަޓް މަރުކާގެ ދިފާއީ އިތުރު ނިޒާމުތަކެއް ސައޫދީގައި ރުކުރުވާލުމުގެ އަމަލީ މަސައްކަތް ކުރުން ކަމަށް ބްލޫމްބާގް ނޫސްއެޖެންސީ ބުނެއެވެ.

ޕެޓްރިއަޓް މަރުކާގެ ދިފާއީ އެތަށް ނިޒާމެއް ސައޫދީ ގައި މިހާރުވެސް ރުކުރުވާލާފައިވެއެވެ. އެނިޒާމުތައް ބޭނުންކޮށްގެން ހޫޘީން ދޭ ބައެއް މިސައިލްތަކާއި ރޮކެޓް ހަމަލާތައް މައިތިރި ކުރެވުނު ނަމަވެސް އެނެއްބައި ހަމަލާތައް މައިތިރި ކުރުމުގައި އެމެރިކާގެ ނިޒާމުތައްވަނީ ފޭލްވެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް