ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީއަކަށް މާއްޓޭ އައްޔަންކޮށްފި

މާއްޓޭ ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރި ދުވަސްވަރު ---

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަަށް ރާއްޖެ ދުއް އެންމެ މޮޅު އެއް ފުޓުބޯޅަ ކޯޗު އަދި ކުރީގެ މަޝްހޫރު ގޯލް ކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) އައްޔަން ކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މާއްޓޭގެ އިތުރުން ސްޕޯޓްސް ކޯޕަރޭޝަނުގެ އިތުރު ދެ މަގާމަކަށް ވެސް ބަދަލުގެނެސްފައިވާ ކަމަށެވެ. އެ ގޮތުން ކުރިން ޒީޝާން އަބްދުލް ރަހީމް އާއި މުހައްމަދު ފިޝާވިން ސަލީމް ފުރަމުން އައި ޑިރެކްޓަރުގެ މަގާމަށް ވަނީ އިސްމާއިލް ފާރިޝް އާއި އަބްދުލް ލަތީފް އަބްދުލް ހަކީމް ހަމަޖައްސައިފަ އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ މާއްޓޭ، އަކީ މީގެ ކުރިން އޭނާ ކުޅުނު ކުލަބު ކަމަށްވާ ވިކްޓަރީގެ ވައިސް ޗެއާމަނެވެ. އޭނާ ވަނީ ދާދި ފަހުން އެކުލަބަށް ދިމާވި ބޮޑެތި މާލީ މައްސަލަތަކާއި އެފްއޭއެމްގެ ތެރޭގައި ޖެހުނު މައްސަލަތަކަށް ހައްލެއް ހޯދުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން އެންމެ އިސްމަގާމުތަކަށް ބޭފުޅުން އައްޔަން ކުރި އިރު އެ ކުންފުނީގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސައިން މުހައްމަދެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވީ އަބްދުއް ރައްޒާގު އިބްރާހިމެވެ.

މާއްޓޭ އަކީ 1991 ވަނަ އަހަރު ސާފް ގޭމްސްގެ ރަނަރަޕް ރާއްޖޭގެ ގައުމީ ޓީމުން ހޯދި އިރު ގޯލް ކީޕަރެއްގެ މަގާމު ފުރުއްވަމުން ދިޔަ ފަރާތެވެ. އޭނާ ވަނީ ފުޓުބޯޅަ ކުޅުމުން ރިޓަޔާ ކުރުމަށްފަހު އޭނަ ކުޅުނު ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗުކަމާ ހަވާލުވެ އެކުލަބަށް ރަން ވަނަތަކެއް ހޯދައިދީފަ އެވެ. މާއްޓޭ ވިކްޓަރީއަށް ހޯދައިދިން ގިނަ ކާމިޔާބީތަކާ އެކު އޭނާ ފާހަގަ ވެފައި ވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކޯޗުގެ ގޮތުގަ އެވެ.

ނަމަވެސް މާއްޓޭ ވަނީ ވިކްޓަރީއަށް ގައިގަނޑަކަށް 12 ވަރަކަށް ތަށި ހޯދައިދިނުމަށްފަހު 2007 ވަނަ އަހަރު ކޯޗުކަމުން ރިޓަޔާ ކޮށްފަ އެވެ.

މާއްޓޭ ކްރައިފް އިންސްޓިޓިއުޓުން ތައުލީމް ހާސީލްކޮށް ގްރެޖުއޭޓްވުމުގެ ތެރެއިން ----

މާއްޓޭ ވަނީ ސްޕެއިނުގެ ޔޮހާން ކްރައިފް އިންސްޓިޓިއުޓުން ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސާޝިޕް އިން މާސްޓާސް އަދި ސްޕޯޓްސް ސްޕޮންސާޝިޕުން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ހާސިލްކޮށްފަ އެވެ. އަދި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރި މާއްޓޭ ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް ވެސް ފުރައިފަ އެވެ.

މީގެ އިތުރުން މާއްޓޭ އަކީ ވިކްޓަރީން 1985 ވަނަ އަހަރު ގައުމީ ފުޓްބޯޅަ މުބާރާތް މިލްކުކުރިއިރު އެ ޓީމުގެ ގޯލު ބެލެހެއްޓި ކުޅުންތެރިޔާ އެވެ. އޭގެ ފަހުން ކޯޗިން ކެރިއަރު ފަށައި މާއްޓޭ ވަނީ ކޯޗެއްގެ ގޮތުގައި ވިކްޓަރީ އަށް 2002 ވަނަ އަހަރުގެ ގައުމީ ތަށި އަލުން އަނބުރާ މިލްކުކޮށްދީފަ އެވެ.

comment ކޮމެންޓް