ކީރިތި ޤުރްއާނުގެ މުސްހަފުތަކެއް ގަނެ ބެހުމަށް އިންޑިޔާގެ ކޯޓަކުން ހިންދޫ ދީނުގެ ކުއްޖަކަށް އަމުރުކޮށްފި

ރިޗާ ޕަޓޭލް -- ފޮޓޯ/ ބީބީސީ

ފޭސްބުކުގައި އިސްލާމް ދީނަށް ނިސްބަތްކޮށް ބަދުބަސްތަކެއް ލިޔުނު ކަން ސާބިތު ވާ ކަމަށް ކަނޑައަޅައި، އެ ކަމުގެ އަދަބެއްގެ ގޮތުން ކީރިތި ޤުރްއާނުގެ މުސްހަފުތަކެއް ގަނެ ބެހުމަށް އިންޑިޔާގެ ކޯޓަކުން ހިންދޫ ދީނުގެ ކުއްޖެއް ކަމަށް ވާ ރިޗާ ޕަޓޭލްގެ މައްޗަށް އަމުރުކޮށްފިއެވެ.

ކޯޓުން މި ގޮތަށް އަމުރު ކުރި ނަމަވެސް، އެ އަމުރަށް ތަބާ ވުމުގެ ވިސްނުމެއް ރިޗާ އަދި ނުގެންގުޅޭކަން މި ކަމާ ގުޅޭ ގޮތުން އޭނާ ލިޔެފައި ވާ ސްޓެޓަސް އިން އެނގެއެވެ.

"ފޭސްބުކް ޕޯސްޓަކާ ގުޅިގެން އެހެން ދީނެއްގެ (އިސްލާމް ދީނުގެ) ދީނީ މަރުކަޒަކަށް ގޮސް، ޤުރްއާނުގެ ކޮޕީތަކެއް ބެހުމަށް ކުރި އަމުރުން އަހަރެންނަށް މި ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ލިބިފައި. މި ކަމުން އަހަންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް އިހުސާސް އެބަ ކުރެވޭ. ފަނޑިޔާރުގެއިން ކުރި ހުކުމަށް އަހަރެން އިހުތިރާމް ކުރަން. އެހެންނަމަވެސް، ހުކުމް ކުރި ފަނޑިޔާރުގެއަށް ވުރެ މަތީ ފަނޑިޔާރުގެއެއްގައި އެ ހުކުމް އިސްތިއުނާފު ކުރުމުގެ ހައްގު އަހަންނަށް ލިބިގެންވޭ. ކިހިނެއް އެއްވެސް މީހަކު އަހަރެންގެ އަސާސީ ހައްގެއް ނިގުޅައި ގަންނާނީ؟ ފޭސްބުކުގައި އަހަރެންގެ އަމިއްލަ ދީނުގެ ވާހަކަ ލިޔުން ކުށަކަށް ވާން ވީ ކީއްވެ؟ އަހަރެންނަކީ ކިޔަވާ ކުއްޖަކަށް ވީ އިރު ވެސް ކުއްލިއަކަށް އަހަރެން ހައްޔަރު ކުރީ." ރިޗާ ލިޔެފައިވެއެވެ.

ރާންޗީ ވިމެންސް ކޮލެޖުގެ ދަރިވަރެއް ކަމުގައިވާ ރިޗާ ބާހރަތީ (އާއްމު ނަމުން ނަމަ ރިޗާ ޕަޓޭލް) ބީބީސީއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، އިސްލާމްދީނަށް ނިސްބަތްކޮށް ބަދުބަސްތަކެއް ލިޔެވުނު ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށާއި، އޭނާ ލިޔުނީ އޭނާގެ އަމިއްލަ ދީނާއި އަގީދާއާ ގުޅުން ހުރި ވާހަކަތަކެއް ކަމުގައެވެ.

އެއްވެސް ދީނަކަށް ނިސްބަތްކޮށް ބަދުބަސް ބުނެފި ކަމަށް ކޯޓުގައި ސާބިތު ވެއްޖެ ނަމަ، އެ ކަމުގެ ބަދަލުގައި، އެ ބަސްތައް ރައްދުވި ދީނުގެ މީހުން ހިތްހަމަ ޖެހޭ ފަދަ ކަންކަން، ކުރުމަށް އެ ބަހެއް ބުނި މީހެއްގެ މައްޗަށް ހުކުމް ކުރުމަކީ އިންޑިޔާގެ ކޯޓުތަކުން ކުރާ ކަމެކެވެ.

comment ކޮމެންޓް