ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރި ތެޔޮ ޓޭންކަރެއް ގެއްލިއްޖެ

ވޮޝިންޓަން (ޖުލައި 16) : ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރި ޔޫއޭއީގެ ތެޔޮ ޓޭންކަރެއް މީގެ ދެދުވަސްކުރިން ގެއްލިފައިވާކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ކަށަވަރުކޮށްދީފި އެވެ.

އެމެރިކާގެ ނޫސް އެޖެންސީ އެއްކަމަށްވާ އެސޯސިއޭޓެޑް ޕްރެސް ބުނާގޮތުން އެއީ "ރިޔާ" ނަމަކަށްކިޔާ ޓޭންކަރެއްކަމަށާ އެ ޓޭންކަރު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރު ކުރަމުން ދިޔައީ ޔޫއޭއީގެ ފުޖައިރާ ބަނދަރާ ދިމާއަށެވެ.

ޕެނަމާގެ ދިދަ ނަގާފައިވާ އެޓޭންކަރަށް ވީގޮތް ސާފުކޮށްދޭން އެމެރިކާ ވެސް އަދި ޔޫއޭއީ ވެސް ބޭނުން ނުވާ ކަމަށާއި ނަމަވެސް އެ ޓޭންކަރު ގެއްލިފައިވާކަން ޔުއޭއީގެ ނަންހާމަ ކުރަންނޭދޭ މަސްއޫލުވެރިއަކު ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔޫއޭއީގެ ތެޔޮ ޓޭންކަރު އެންމެ ފަހުން ފެނިފައި ވަނީ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް އީރާނާ ދިމާއަށް ދަނިކޮށެވެ. ނަމަވެސް އެ ޓޭންކަރު ގެއްލުނު މައްސަލާގައި ޔޫއޭއީގެ ސަރުކާރުން ވެސް އަދި ގަލްފަށް ހަނގުރާމައިގެ މަނަވަރުތައް ފޮނުވައި އީރާނަށް ބިރުދައްކަމުން ގެންދާ އެމެރިކާއިން ވެސް ރަސްމީ ސިފައެއްގައި ބަޔާނެއް ނެރެފައެއް ނުވެ އެވެ. ނަމަވެސް ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވަނީ ގެއްލިފައިވާ ތެޔޮ ޓޭންކަރު ވަގަށްނެެގީ އީރާނުން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ގަލްފުގެ ހުރްމުޒް ކަނޑުއޮޅި އާއި ގަލްފަށް ވަންނަ ދޮރުމަތީގައިވާ އޮމާން ކަނޑުއޮޅިން ދަތުރުކުރި ބައެއް އާގު ބޯޓުތަކަކަށާއި އަދި ތެޔޮ ޓޭންކަރުތަކަށް ދާދިފަހުން ހަމަލާތަކެއް ދީފައިވެ އެވެ. އެ ހަމަލާތައް ދިނީ ވެސް ކޮން ފަރާތަކުންކަން މިހާތަނަށް ސާފުވެފައެއް ނުވެ އެވެ. އެމެރިކާ އިން އެކަމުގެ ތުހުމަތު އީޜާން ގެ ބޮލުގައި އަޅުވާފައިވާއިރު ޔޫއޭއީން އެކަން ދޮގު ކުރެ އެވެ. އަދި އީރާނުން އެފަދަ އަމަލެއް ހިންގި ކަމަށް އިންކާރު ކުރެ އެވެ. (އެސޯސިއޭޓެޑް ޕްރެސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު