ސަފާ އާއި މަރުވާ ވަކިކުރަން 50 ގަޑިއިރުގެ އޮޕަރޭޝަންތަކެއް

ބޮލުން ގުޅިފައިވާ ސަފާ އާއި މަރުވާ ވަކި ކުރުމުގެ އޮޕަރޭޝަން ވަނީ ކާމިޔާބުވެފަ -- ފޮޓޯ: ޕީއޭ

ލަންޑަން (ޖުލައި 16): ބޮލުން ގުޅިފައިވާ އެއްމާބަނޑު ދެ ކުދިން ކަމަށްވާ ސަފާ އާއި މަރުވާ އުލާހު ވަކިކުރަން ޖުމްލަ 50 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކޮށްފައިވާ ކަމަށް އެކުދިންނަށް ފަރުވާދޭ ޑޮކްޓަރުންގެ ޓީމަކުން ބުނެފި އެވެ.

ހަތެއް ޖެނުއަރީ 2017ގައި ޕާކިސްތާނުގެ ޕިޝާވަރަށް އުފަންވި ސަފާ އާއި މަރުވާގެ އޮޕަރޭޝަން ކުރީ އިނގިރޭސިވިލާތުގައި ހުންނަ ގްރޭޓް އޯމޮންޑް ސްޓްރީޓް ހޮސްޕިޓަލްގަ އެވެ. އެދެ ކުދިން އުފަންވި އިރު ވަނީ ބޮލުގެ ނާށިގަނޑާއި ލޭ ނާރުތަކުން ގުޅިފަ އެވެ.

އެދެކުދިންގެ ފުރަތަމަ އޮޕަރޭޝަން ކުރީ މިދިޔަ އަހަރެވެ. އަދި ދެ ކުދިން ވަކި ކުރުމަށް އެންމެ ބޮޑު އޮޕަރޭޝަން ކުރީ މިދިޔަ ފެބްރުއަރީ މަހު 11އިގަ އެވެ. އޭގެ ފަހުން ދެ ކުދިންގެ ދިރިއުޅުން އިތުރަށް ފަސޭހަ ކުރުމަށްޓަކައި ކުދި އޮޕަރޭޝަންތަކެއް ވަނީ ކޮށްފަ އެވެ.

އެކުދިންނަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުން ބުނި ގޮތުގައި ދެ ކުދިންގެ އޮޕަރޭޝަންތަކަށް މިހާތަނަށް 50 ގަޑިއިރަށް ވުރެ ގިނަ ވަގުތު ވަނީ ހޭދަ ކުރެވިފަ އެވެ. އަދި އެމަސައްކަތުގައި 100އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

ބޮލުން ގުޅިފައިވާ ސަފާ އާއި މަރުވާ ވަކި ކުރަން އޮޕަރޭޝަން ކުރީ ލަންޑަނުގައި -- ފޮޓޯ: ޕީއޭ

އެކުދިންގެ އޮޕަރޭޝަން ކުރުމުގެ ކުރިން ޑޮކްޓަރުން ވަނީ ދެ ކުދިންގެ ބޮލުގެ ނާށިގަނޑާއި ލޭ ނާރުތައް ގުޅިފައިވާ ގޮތުގެ ކޮމްޕިއުޓާ މޮޑެލްއެއް ހަދައި، 3ޑީ ޕްރިންޓިން ބޭނުންކޮށްގެން ދެ ކުދިންގެ ބޮލުގެ ޕްލާސްޓިކް މޮޑެލްތައް ހަދާފަ އެވެ. އަދި އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތް ފަރިތަކޮށްފަ އެވެ.

އެއޮޕަރޭޝަންތައް ކުރިއަށް ގެންދިޔަ އިރު ބައެއް ނުރައްކާތެރި ހާލަތްތަކާ ދިމާވި ނަމަވެސް، ދެ ކުދިން ވަނީ ކާމިޔާބުކަމާ އެކު ވަކިކޮށްފަ އެވެ. އަދި އެއަށް ފަހު ދެ ކުދިންގެ ކަށި ބޭނުންކޮށްގެން ބޮލުގެ ނާށިގަނޑު ވަނީ ހަދާފަ އެވެ.

އެއޮޕަރޭޝްނަތަކަށް ފަހު މިމަހުގެ އެކެއްގައި ސަފާ އާއި މަރުވާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. އަދި އެކުދިންގެ ދިރިއުޅެމުން ދަނީ މަންމަ ޒައިނަބު ބީބީ އާއި ކާފަ މުހައްމަދު ސަދާތު އާއި ބޮޑުބޭބެ މުހައްމަދު އިދުރީސްއާ އެކު ލަންޑަނުގަ އެވެ. ޒައިނަބު އެދެ ކުދިންނަށް ބަލިވެ އިންދާ، ދެ ކުދިންގެ ބައްޕަ ވަނީ މަރުވެފަ އެވެ.

އެކުދިންގެ އޮޕަރޭޝަންތަކަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް ހަދިޔާކޮށްފައި ވަނީ ޕާކިސްތާނުގެ މުއްސަނދި ވިޔަފާރިވެރިއެއް ކަމަށްވާ މުރުތަޒާ ލަކާނީ އެވެ. އަދި އެކުދިން މިހާރު ވެސް ދަނީ ލަންޑަނުގެ ހޮސްޕިޓަލުން ޕިޒިއޮތެރަޕީ ހަދަމުންނެވެ.

ސަފާ އާއި މަރުވާ ވަކި ކުރުމަށް ކުރި އޮޕަރޭޝަން ވަނީ ކާމިޔާބުވެފަ -- ފޮޓޯ: ބީބީސީ

އެކުދިންނަށް ފަރުވާ ދިން ޓީމުގައި އިސްކޮށް ހުންނެވި ނިއުރޯސާޖަން ނޫރުލް އުވާސީ ޖިލާނީއަކީވެސް ޕާކިސްތާނަށް އުފަން ޑޮކްޓަރެކެވެ. އެޓީމުން ނެރުނު ބަޔާނެއްގައި ވަނީ ސަފާ އާއި މަރުވާއަށް އެހީތެރިކަން ފޯރުކޮށްދެވުނީތީ އުފާ ކުރާ ކަމަށް ބުނެފަ އެވެ. އަދި އެކުދިންގެ ހިތްވަރުގަދަ ކަމަށް ތައުރީފުކޮށް، ދެ ކުދިންނާއި ހޮސްޕިޓަލް ޓީމުން ކުރި މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށް ބުނެފަ އެވެ.

"ދެކުދިންނަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ކުދިން ކުރި ހިތްވަރާއި [އަޅުގަނޑުމެންނަށް] ކުރި އިތުބާރު ވަރަށް މުހިއްމު ދައުރެއް އަދާ ކުރި. އެދެ ކުދިންނާ މެދު ވަރަށް ފަހުރުވެރިވަން. އަދި ފާއިތުވި 10 މަސް ތެރޭ މިހޮސްޕިޓަލުގެ ޓީމުން އެކުދިންނަށް ދިން ފަރުވާއާ މެދުވެސް ވަރަށް ފަހުރުވެރިވަން. މިހޮސްޕިޓަލަކީ އެގޮތަށް ގުޅިފައިވާ ދެކުދިން ވަކިކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ތަޖުރިބާ ހުރި، ވަރަށް މަދު ހޮސްޕިޓަލްތަކުގެ ތެރެއިން އެއް ހޮސްޕިޓަލް،" ލަންޑަނުގެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައިވެ އެވެ.

ސަފާ އާއި މަރުވާގެ މަންމަ ޒައިނަބުވެސް ވަނީ އެޓީމަށް ޝުކުރު އަދާކޮށްފަ އެވެ. އެއާއިލާ އެނބުރި ޕާކިސްތާނަށް ދާން ހަމަޖެހިފައި ވަނީ އަންނަ އަހަރެވެ.

މީގެ ކުރިން ގްރޭޓް އޯމޮންޑް ސްޓްރީޓް ހޮސްޕިޓަލުން ވަނީ 2006 ވަނަ އަހަރާއި 2011 ވަނަ އަހަރުވެސް ބޮލުން ގުޅިފައިވާ ދެ ކުދިން ވަކި ކުރުމަށް ކާމިޔާބު އޮޕަރޭޝަންތަކެއް ކޮށްފަ އެވެ.

comment ކޮމެންޓް