"ކުޅުން ހުއްޓާލުމަށް ފަހު ފެންނާނީ އަޔެކްސްގެ ޑިރެކްޓަރުގެ ރޯލުން"

އެމެރިކާގެ އެލް އޭ ގެލެކްސީގެ ފޯވާޑް ޒްލަޓަން އިބްރަހިމޯވިޗް --- ފޮޓޯ// ޕެޓްރިކް ރިޖް

އެމެރިކާގެ އެލް އޭ ގެލެކްސީއަށް ކުޅެމުން އަންނަ ޒްލަޓަން އިބްރަހިމޯވިޗް ރިޓަޔާ ކުރުމަށް ފަހު، ދެން އެންމެ ބޭނުންވަނީ އޭނާ ކުރިން ކުޅުނު ކުލަބެއް ކަމަށްވާ އަޔެކްސްގެ ޑިރެކްޓަރުގެ މަގާމަށް ދިއުމަށް ކަމަށް އޭނާ ބުނެފި އެވެ.

އިބްރަހިމޯވިޗުގެ ފުޓުބޯޅަ ހަޔާތުގެ ކުރީ ކޮޅު އޭނާ ކުޅުނު އަޔެކްސްއަކީ އަބަދުވެސް އޭނާއަށް ވަރަށް ހާއްސަ ކުލަބެއް ކަމަށް އޭނާ ބުނެ އެވެ. ފުޓުބޯޅައިގެ ދުނިޔޭގައި އިބްރާހިމޯވިޗް އެންމެ ފުރަތަމައިން ވިދާލީ ވެސް އަޔެކްސްގައި ކުޅުނު ދުވަސްވަރު ޖެހި ތަފާތު ސޯލޯ ގޯލަކުންނެވެ.

ނަމަވެސް އޭނާ އެ ކުލަބުގައި ކުޅުނީ އެންމެ ތިން ސީޒަނެވެ. އެ ތިން ސީޒަނުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޑަޗް ލީގު ކާމިޔާބުކޮށް އެ ލީގުގެ ކަޕު ވެސް އޭނާ ވަނީ އިޓަލީގެ ޔުވެންޓަސްއަށް 2004 ވަނަ އަހަރު ބަދަލުވުމުގެ ކުރިން ހޯދައިފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިހާރު އަޔެކްސްގެ ކެޕްޓަނަކަށް ހުރި މެތިއަސް ޑެ ލީޓް ވެސް އަންނަނީ އިބްރަހިމޯވިޗު ހިނގަމުން ދިޔަ މަގުން ހިނގުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން އޭނާ ވެސް އަޔެކްސްއާ އެކު ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް ފަހު އުމުރުން އެންމެ 20 އަހަރުގައި އެ ކުލަބު ދޫކޮށްލާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ. ބެލެވޭ ގޮތުގައި ޑެ ލީޓް ވެސް ބަދަލުވުން އެންމެ ގާތީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ އެވެ.

ޒަމާނުން ސުރެއް އަޔެކްސް ފާހަގަ ވެފައި އޮންނަނީ ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަށް ފަހު ވިއްކާލައި ކުލަބެއްގެ ގޮތުގަ އެވެ. ކޮންމެ ސީޒަނެއްގައި ވެސް އެކުލަބުން ކުޅުންތެރިން ވިއްކައިގެން ވިޔަފާރީގެ ބޮޑު ފައިދާއެއް ހޯދަމުން ދިޔަ ނަމަވެސް ޖެހިގެން އަންނަ ސީޒަނަށް ރަނގަޅު ސްކޮޑެއް އެކުލަވާލުމަށް އުނދަގޫތަކަކާ ކުރިމަތިވެ އެވެ. އެކުލަބުން މިދިޔަ އަހަރު ހޯދި ބޮޑު ކާމިޔާބީއެއް އަލުން ތަކުރާރު ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދަނީ ވެސް މި ސަބަބަށްޓަކަ އެވެ.

ނަމަވެސް އަޔެކްސްގެ ޑިރެކްޓަރު ކަމަށް ޝައުގުވެރިކަން ފާޅު ކޮށްފައިވާ އިބްރާހިމޯވިޗް ބުނީ އޭނާއަށް އެކަން ހައްލު ކުރަން އެނގޭނެ ކަމަށާއި އެ ކުލަބަށް ދެމެހެއްޓެނިވި ކާމިޔާބީއެއް ހޯދުމުގައި އެންމެ ގާބިލް މީހަކީ އޭނާ ކަމަށެވެ.

"އާއްމު ގޮތެއްގައި އަހަރެން މިއީ ކުރިން ކުޅުނު ކުލަބުތަކައް އެނބުރި ދާނެ މީހެއް ނޫން. އެކަމަކު ކުޅުން ހުއްޓާލައި ހިސާބުން މި ވިސްނަނީ އަޔެކްސްއަށް އެނބުރި ގޮސް ޑިރެކްޓަރެއްގެ ރޯލު ފުރިހަމަ ކުރަން،" އިބްރަހިމޯވިޗް ބުންޏެވެ.

އޭނާ ބުނީ އަދިވެސް އޭނާއަށް އެންމެ ހާއްސަ އެއް ކުލަބަކީ އަޔެކްސް ކަމަށެވެ. އަދި އެކުލަބުން އުފައްދަމުން އަންނަ ހުނަރުވެރި ކުޅުންތެރިންނަކީ ދުނިޔޭގައި ވިދަމުންދާ މޮޅެތި ކުޅުންތެރިން ކަމަށް ވެސް އޭނާ ބުންޏެވެ.

"ޔޫރަޕުގައި އެ ކުލަބުން ދައްކަނީ ރަނގަޅު ނަމޫނާއެއް. ކުލަބަށް ބޭނުން ވަނީ އަހަރެން ފަދަ ޑިރެކްޓަރެއް."

comment ކޮމެންޓް