ބޮމުގެ ހަމަލާތައް ދިނީ ޑްރަގް ގޭންގުތަކުން: ސިރިސޭނާ

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވި ގޮތުގައި ހަމަލާތަކުގެ ފަހަތުގައި ވަނީ ޑްރަގް ގޭންގުތައް -- ފޮޓޯ: ރޮއިޓާސް

ކޮލަމްބޯ (ޖުލައި 16): މިދިޔަ އޭޕްރިލް މަހު ސްރީލަންކާގައި ބޮމުގެ ހަމަލާތައް ދިނީ ބައިނަލްއަގުވާމީ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގުތަކުން ކަމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ސިރިސޭނާ އެފަދައިން ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ލަންކާއިން މަރުގެ އަދަބު ދޭން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިން ލަންކާގެ ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި އޭޕްރިލް 21ގައި ބޮން ގޮއްވާލީ އެގައުމުގެ ދެ ޓެރަރިސްޓު ޖަމާއަތް ކަމަށްވާ ނެޝަނަލް ތައުހީތު ޖަމާއަތާއި ޖަމާއަތީ މިއްލަތު އިބްރާހިމް ގުޅިގެން ބޭރުގެ އެހީއާ އެކުގައެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް)އިން ވަނީ އެހަމަލާގެ ޒިންމާ ނަގާފައެވެ.

ނަމަވެސް އިއްޔެ ސިރިސޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް ހަމަލާ ދިނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔެކެވެ.

"މިހަމަލާ ދިނީ، އަޅުގަނޑު މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓުވުމަށާއި އަޅުގަނޑުގެ އަގު ވައްޓާލުމަށް، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކު. ނަމަވެސް އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން،" ސިރިސޭނާގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

ނަމަވެސް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ތަރުޖަމާނަކު ވަނީ އެ ހަމަލާތަކުގެ ފަހަތުގައި ވަނީ ޑްރަގް ޑީލަރުންތަކެއް ކަމަށް ފުލުހުން ނުބުނާ ކަމަށް ވިދާޅުވެފަ އެވެ.

"ފުލުހުން ވަނީ ދެ ހަފްތާ ތެރޭ ތަހުގީގުތައް ނިންމާފަ. އެތަހުގީގައި ޑްރަގް ޑީލަރުންގެ ވާހަކައެއް ނެތް. އަދި އަޅުގަނޑުމެންގެ އިންވެސްޓިގޭޓަރުންގެ [ގާބިލުކަމާމެދު] ޝައްކު ކުރަންވީ ސަބަބެއް ނެތް،" ތަރުޖަމާނު ސުދަރުޝަނާ ގުނަވަރުދަނ ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިކްރަމަސިންހަ ވަނީ އޭނާއާއި އޭނާގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)އިން މަރުގެ އަދަބު ދިނުމަށް ތާއިދު ނުކުރާކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި ޕާލަމެންޓުގެ ހަތަރު ޕާޓީއަކުންވެސް މަރުގެ އަދަބާ ދެކޮޅުކަމަށް ވިދާޅުވިއެވެ.

ނަސާރާއިން ފާހަގަކުރާ ދުވަހަކާ ދިމާކޮށް ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 250އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އަދި އެގައުމުގެ ފުލުހުން ބުނާ ގޮތުގައި ހަމަލާތަކާ ގުޅިގެން މިހާރު 100 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ލަންކާގައި އަލުން މަރުގެ އަދަބު ތަންފީޒުކުރަން އުޅޭކަން ސިރިސޭނާ އިއުލާން ކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގައެވެ. އެއީ ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭއާ ބައްދަލުކުރެއްވުމަށް ފަހު، އެގައުމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

comment ކޮމެންޓް