ޒަވާޖީ ހަޔާތް ބާއްޖަވެރި ކޮށް ދޭ ކާނާ!

ޒަވާޖީ ހަޔާތް ބާއްޖަވެރި ކުރުމުގައި ކެއުމުގެ ވައްޓަފާޅި މުހިއްމު -- ފޮޓޯ/ ގެޓީއިމޭޖަސް

ޒަވާޖީ ހަޔާތް ބާއްޖަވެރި ވުމަށް ޓަކައި، ދެމަފިރީންގެ ޖިސްމާނީ ދުޅަހެޔޮކަން ރަނގަޅު ވުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ހާއްސަކޮށް ޖިސްމާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަކީ ފިރިހެނުން ވަރަށް ބޮޑަށް ސަމާލުކަން ދޭ ކަމެކެވެ.

ގަދީމީ ދިވެހި ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ވެސް ފިރިހެނުންނަށް ހާއްސަ ބޭސްތައް ފާހަގަ ކޮށްފައި އޮންނަނީ ބޭސްވެރިކަމުގެ މުސްތަގިއްލު ވަކި ދާއިރާއެއްގެ ގޮތުގައެވެ.

ޒަވާޖީ ހަޔާތުގައި ފިރިހެނުންގެ ދުޅަހެޔޮކަމުގެ މައުލޫގައި ދުނިޔޭގެ ހުރިހާ ހިސާބެއްގައި އަބަދުވެސް ދިރާސާތައް ދަނީ ކުރެވެމުންނެވެ. މި ދިރާސާތަކުން އެންމެ ފާހަގަ ކޮށް ލެވޭ އެއް ކަމަކީ ބައެއް ކަހަލަ ކާނާގެ ބާވަތްތައް ބޭނުން ކުރުމުން ކުރާ ފައިދާތަކުގެ ވާހަކައެވެ.

ސުވާލަކީ ޒަވާޖީ ހަޔާތް ބާއްޖަވެރި ކުރުމުގައި ކެއުމުގެ ވައްޓަފާޅި މުހިއްމު ހެއްޔެވެ؟ ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ރަނގަޅު ކާނާ ބޭނުން ކުރުމަކީ ދެމަފިރީންގެ ދުޅަހެޔޮކަން ވެސް ރަނގަޅު ކޮށް ދޭ ކަމެކެވެ.

ތަޖްރިބާކާރު ޑައެޓީޝަނަކު ވިދާޅުވި ގޮތުގައި "ބެލެންސް ޑައެޓް" އެއް ނެގުމަކީ ހުރިހާ ބާވަތެއްގެ ދުޅަހެޔޮކަމަކަށް ވެސް މުހިއްމުކަމެކެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ފިރިހެނުންގެ ޒަވާޖީ ދުޅަހެޔޮކަމަށް ބަލާއިރު ވިސްނާން ޖެހެނީ، ނާރުތަކުގެ ދުޅަހެޔޮކަމަށާއި ލޭ ދައުރުވުން ރަނގަޅު ވުމާއި، ސަރުބީގެ މިންވަރު ރަނގަޅަށް ދެމެހެއްޓުމާއި، ޕްރޮސްޓޭޓުގެ ސިއްހަތަށެވެ. ވީމާ، ކާނާގެ ތެރެއިން މި ދާއިރާތަކުން ފައިދާ ލިބޭ ކާނާއަށް އިސްކަން ދިނުމުން ތަފާތު ފެންނާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

އެހެން ޑޮކްޓަރަކާ ސުވާލު ކޮށްލުމުން ވިދާޅުވީ ވަޒަންހަމަކޮށް ކެއުމާއި ހަރަކާތްތެރިކޮށް އުޅުން ނުވަތަ ކަސްރަތު ކުރުމާއި ޖިސްމާނީ ސިއްހަތުގެ އިތުރުން ނަފްސާނީ ސިއްހަތަށް ސަމާލުކަން ދިނުމަކީ ޒަވާޖީ ހަޔާތުގައި ފިރިހެނުންގެ ދުޅަހެޔޮކަން ރަނގަޅު ކޮށް ދޭނެ ކަންކަން ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ ގިނައިން ހަކުރު އެކުލެވޭ ކާނާއާއި އެނާޖީ ޑްރިންކްސް ބޭނުން ކުރުމަކީ ދިގު މުއްދަތަކަށް ބަލާއިރު ފިރިހެނުން ބަލިކަށި ވުމުގެ ސަބަބެއް ކަމުގައެވެ.

ގަދީމީ ޔޫނާނުގެ މީހުން ގަބޫލު ކުރާ ގޮތުގައި ރިނދައްޔަކީ ފިރިހެނުންގެ ދުޅަހެޔޮކަން ރަނގަޅު ކޮށްދޭ އެއްޗެކެވެ. އެހެންނަމަވެސް ރިނދަލި ބޭނުން ކުރުމުން ތަފާތެއް އަންނަކަން ދިރާސާތަކުން މިހާ ތަނަށް ސާބިތު ކުރެވިފައެއް ނުވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ޒިންކް ހިމެނޭ ކާނާ ބޭނުން ކުރުމުން ދަރީން ލިބުމުގެ މައްސަލަ ދިމާވެފައި ވާ ފިރިހެނުންނަށް ފައިދާ ކުރެއެވެ. މިގޮތުން މިފަދަ ކާނާގެ ސަބަބުން ދަރިފަނީގެ ސިއްހަތު ރަނގަޅު ވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ކަޅު ޗޮކްލެޓަކީ ވެސް ރަނގަޅު އެއްޗެއް ކަމަށް ތަޖްރިބާއިން އެނގިފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ.

ދިވެހި ބޭސްވެރިއަކު ވިދާޅުވި ގޮތުގައި ކަނޑު މަހަކީ ވެސް މުހިއްމު ބާވަތެކެވެ. އަދި ކެއުމުގައި ރޯ މިރުސް ބޭނުން ކުރުމުން ވެސް ތަފާތު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ލޮނުމެދާއި، މާމުޔަކީ ވަރަށް ވެސް މުހިއްމު ދެ ބާވަތް ކަމުގައެވެ.

މިހާރު ވެސް އިޝްތިހާރުތަކުގައި "ފިރިހެން ބޭފުޅުންނަށް ހާއްސަ މާމުއި" ގެ ވާހަކަ ފެނެއެވެ.

ޔޫނާނީ ބޭސްވެރިކަމާއި އަޔުރްވެދިކް ބޭސްވެރިކަމާއި ދިވެހިބޭސްވެރިކަން ވެސް ކިޔަވައި ވިދާޅުވެގެން މިހާރު ވެސް ބޭސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވީ، ކެއުމުގައި މޭވާއާއި ތަރުކާރީ ބޭނުން ކުރުމަކީ ފިރިހެނުން ބަލިކަށިވުމުން ދުރުކޮށް ދޭ ކަމެއް ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ ކަނޑައެޅޭ މިންގަނޑަކަށް ކަރާ، ސްޓްރޯބެރީ، ލުނބޯ، އޮރެންޖް އެއްކޮށްގެން ހަދާ ޖޫހަކުން ވަރަށް ބޮޑަށް ފައިދާ ކުރާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ތަފާތު ބާވަތްތަކުގެ ބަދަނާއި މަދު އަދި ޒައިތޫންޏާއި ޒައިތޫނި ތެލާއި، ރަތްކެބެޖާއި، ބަށީގެ އިތުރުން ދޮންކޭލަކީ ވެސް އެ ބޭނުން ކުރުމުގެ ސަބަބުން ތަފާތު ފެންނަ ތަކެތި ކަމުގައި އޭނާ ވިދާޅުވިއެވެ.

ދިވެހި ބޭސްވެރީންނާއި ޑޮކްޓަރުން ވެސް އިއްތިފާގު ވާ ގޮތުގައި މަސްތުވާތަކެތި ބޭނުން ކުރުމަކީ ހިއްސު ކެނޑި، ނާރުތަކުގެ ބާރު ދެރަވެ، އޭގެ ސަބަބުން އިޔާދަ ނުކުރެވޭ ގެއްލުންތަކެއް ސިއްހީ ގޮތުން ފިރިހެނުންނަށް ވެސް އަދި އަންހެނުންނަށް ވެސް ކުރިމަތި ކުރުވާ ކަމެކެވެ.

ރަނގަޅު ޒަވާޖީ ހަޔާތަކަށް ޓަކައި ރަނގަޅު ސިއްހަތެއްގައި ދެމި ހުންނާން ޖެހޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ވަޒަންހަމަކޮށް ކާނާ ބޭނުން ކުރައްވާށެވެ. ކަސްރަތު ކުރައްވާށެވެ. ސިކުނޑިއަށް ބާރު ބޮޑުވާ ކަންކަމުން ދުރުހެލި ވާށެވެ. އޭރުން ދެމަފިރީންގެ ދުޅަހެޔޮކަން ވެސް ރަނގަޅު ވެ، ތަފާތު ފެންނާނެއެވެ.

comment ކޮމެންޓް