ދަރިވަރުން ހޭނެތޭ މައްސަލަ ބޮޑުވެ، އެޑިއުކޭޝަންގެ ޓީމެއް ތުޅާދޫއަށް

ތުޅާދޫ ސުކޫލުގެ ބެލެނިވެރިން ބުރާސްފަތި ދުވަހު އިހުތިޖާޖު ކުރަނީ ---

ބ. ތުޅާދޫ ސްކޫލުގެ ދަރިވަރުން ސްކޫލުގެ ތެރޭގައި ހޭނެތޭތީ އެ މައްސަލަ ބަލަން އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެ ރަށަށް ހިނގައްޖެއެވެ.

ފަހަކަށް އައިސް ތުޅާދޫ ސްކޫލުގެ ދަރިވަރުން ހޭނެތި ގޮތްގޮތްވާ މައްސަލަތައް ވަނީ އާންމުވެފައެވެ. އެކަމާ ގުޅިގެން ބުރާސްފަތި ދުވަހު ބެލެނިވެރިން އިހުތިޖާޖުވެސް ކުރިއެވެ.

އެ ރަށު ސްކޫލުގެ ބެލެނިވެރިން، ކުދިން ހޭނެތޭ މައްސަލަ ގުޅުވަނީ ރޫހާނީ ކަންކަމާއެވެ. ބެލެނިވެރިން ބުނާ ގޮތުގައި އެކަން ހިނގަނީ ސްކޫލު ތެރޭގައި ހުންނަ ނިކަ ގަހެއްގެ ސަބަބުން، ކުދިންނަށް ޖިންނި ޝައިތާނުންގެ އުނދަގޫ ކުރިމަތިވެގެންނެވެ. އެ މައްސަލައިގައި ނިކަގަސް ކަނޑާލަން ބެލެނިވެރިން ބޭނުންވެއެވެ.

މި ކަންތަކާ ގުޅިގެން، މައްސަލަ ބަލަން މިއަދު ހެނދުނު އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ވަނީ ތުޅާދޫއަށް ގޮސްފައެވެ. އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ "ސަން"އަށް ވިދާޅުވީ، އެ ޓީމުން ސްކޫލުގެ މެނޭޖްމަންޓާއި، ބެލެނިވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

ނިކަ ގަސް ކަނޑާލަން ނުވަތަ އެހެން ފިޔަވަޅެއް އަޅަންވެސް މިނިސްޓްރީއިން ނިންމާނީ މަޝްވަރާކޮށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށް އަލީ ވިދާޅުވިއެވެ.

ކުދިން ހޭނެތޭތީ ތުޅާދޫ ސްކޫލުގެ ބެލެނިވެރިން ނުކުމެ ސްކޫލު ބަންދުކޮށްފައިވާ ކަމަށް ދެކެވުނު ވާހަކަ އަލީ ދޮގުކުރެއްވިއެވެ. އެކަމަކު، ހަފްތާ ބަންދުގައި ސްކޫލުގެ އެއްވެސް އިތުރު ހަރަކާތެއް ނުގެންދަން އެޑިއުކޭޝަނުން ލަފާދިނުމުން އެގޮތަށް ސްކޫލުން އަމަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތުޅާދޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޖިންނީގެ މައްސަލަ ދިމާވާ 12 ވަރަކަށް ކުދިން އެރަށު ސުކޫލުގައި އުޅެ އެވެ. އަދި މައްސަލަ ދިމާވެ ބައެއް ފަހަރު ރަނގަޅުވާން އެތައް ދުވަހެއް ނަގާ ކަމަށްވެސް ބުންޏެވެ. އެކަމަކު، ރުގްޔާކޮށްގެން ރަނގަޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އަހަރުތަކެއް ކުރިންވެސް ކުދިންނަށް ޖިންނި އަވަލުން ފަދަ ކަންތައްތައް ބޮޑުވެގެން ތުޅާދޫ ސުކޫލުން ވަނީ ގަހެއް ކަނޑާލާފައެވެ.

comment ކޮމެންޓް