އިންސާނީ ރައްކާތެރި ކަމަށް އަޅާނުލެވެނީ ކީއްވެ؟

ސިމެތިން ޖަމްބޯއެއް ވެއްޓުނު ސަރަހައްދު --- ފޮޓޯ/ ޕޮލިސް

ރާއްޖޭގައި ހިނގާ ކަންތައްތަކަށް ބަލާ އިރު އިންސާނީ ރައްކާތެރިކަމަށް އަޅާލުން ވަރަށް ކުޑަ އެވެ. މީހެއްގެ އިހުމާލުން ނުވަތަ މަސައްކަތް ކުރާ ކުންފުންޏެއްގެ އިހުމާލުން އިންސާނެއްގެ ފުރާނަ ގެއްލުމަކީ، އެކަންތައްތައް ބަލަހައްޓަން ހަވާލު ވެފައި ތިބޭ މީހުންނަށް މާ ބޮޑު ކަމަކަށް ވާ ހެން ހީ އެއް ނުވެ އެވެ. އެފަދަ ޙާދިސާއަކާ ގުޅިގެން ލިބޭ ދެރައިގެ އެއްވެސް އިހްސާސެއް އެކަންތައްތައްް ބަލަހައްޓަން ތިބޭ މީހުން ނަށް ކުރެވޭ ބާވައެވެ. އެ ތަންތަނުގެ އަމަލުތައް ހުންނަ ގޮތުންނެވެ. އެފަދަ ކަންތައްތައް ތަކުރާރު ވިޔަ ނުދިނުމަށް އެއްވެސް ހަރުދަނާ ފިޔަވަޅެއް ނޭޅޭތީ ވެ އެވެ. މިސާލަކަށް ދަންނަވާ ނަމަ އައްޑޫ ސިޓީގެ ލިންކް ރޯޑްއާއި ހައްދުންމަތީގެ ލިންކް ރޯޑް ނަގަމާތޯ އެވެ. ވަރަށް ފަހަކާ ޖެހެންދެން އެތަން ތަނުގައި އެކްސިޑެންޓުތައް ހިނގައިގެން މީހުން މަރުވުމާއި، އެކްސިޑެންޓުވާ މީހުން ނަށް ބޮޑެތި އަނިޔާ ވެގެން ބައެއް މީހުން ނުކުޅެދޭ މީހުންނަށް ވުމުގެ ޚަބަރަކީ ވަރަށް ގިނައިން އިވުނު އަޑެކެވެ. އެފަދަ ކަމެއް ހިގައިފި ނަމަ، ދުއްވާ އެއްޗެތި ދުއްވާ މީހުން އެއްޗެތި ދުއްވަނީ ގަވައިދާ އެއްގޮތަށް ބެލުމުގެ ފޯވައްސެއް ކުރިއަށް ގެންދެ އެވެ. އެ ހިސާބުން އެ ކަންތައް ނިމުނީ އެވެ. އަނެއްކާ ވެސް ދުވަސް ކޮޅަކަށް ފަހު އިވެނީ ހަމަ އެ ސަރަހައްދުގައި އިތުރު އެކްސިޑެންޓެއް ހިިގި ޚަބަރެވެ. އިތުރު މަރެކެވެ. އަނިޔާ ވި އިތުރު ބަޔެކެވެ. ޚާއްޞަކޮށް އައްޑޫ ސިޓީގަ އެވެ. ނޫސްތަކުގައި އެ ޙާދިސާއަކާ ބެހޭ ގޮތުން ތަފާތު ނަޒަރިއްޔާ އިން މަޒުމޫނުތައް ލިޔެ އެވެ. ޤާނޫނީ ރައްކާތެރި ކަމުގެ ނަޒަރުންނާއި އިންސާނީ ޙައްޤުތަކުގެ ނަޒަރުން ނެވެ. ނޫސް ކިޔާ ޢާއްމުން އެކަމުގައި ހޭލުންތެރި ކުރުވަ އެވެ. ނޫސްވެރިން ނަށް ވެސް ނުކުރެވޭ ކަމަކީ ސަރުކާރުގެ ކަމާ ބެހޭ ފަރާތުން ނުވަތަ ފަރާތްތަކުން ދެވަނަ ފަހަރަށް އެފަދަ ކަމެއް ހިނގިއަ ނުދިނުމަށް ފިޔަވަޅު އެޅުވުމެވެ. އެކަމަކު އެ ތަންތަނުގައި މަސައްކަތް ކުރާ މީހުން ވެސް ނޫސް ކިޔާނެ އެވެ.

މިހާރު އަޅުގަނޑުމެން ނަށް ކުރިމަތި ވެގެން މި އުޅެނީ ގެއިން ބޭރަށް ނުކުންނަ ކޮންމެ މީހަކަށް ކުރިމަތި ވެދާނެ މައްސަލަ އެކެވެ. ކުރިން ދެންނެވުނު، މަގު މަތީގައި ހިނގާ އެކްސިޑެންޓުތަކަށް ވުރެ މާ ބޮޑު މައްސަލަ އަކާއެވެ. އެކަމުން ރައްކާތެރި ވުމަށް އަޅުގަނޑުމެން ނަށް އަމިއްލަ އަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު ވެސް އެ ނުރައްކާތެރިކަމާއި ކުރިމަތި ލުމަށް އަޅުގަނޑުމެންގެ ޙާލަތު މަޖުބޫރު ކުރުވާނެ އެވެ. އަޅުގަނޑު މެންނަށް ރައްކާތެރި ކަމެއް ލިބޭނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތުގެ ނުވަތަ ފަރާތްތަކު ން ދޭ އެއްބާރު ލުމާއި އެ ފަރާތްތަކުން އަޅާ ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުން ނެވެ. ނުވަތަ ފިޔަވަޅުތަކުން ނެވެ. އަޅުގަނޑު މި ދަންނަވަނީ މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތުގެ ވާހަކަ އެވެ. އިމާރާތް ކުރުމުގެ ވިޔަފާރި އަކީ މިހާރު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން ދާ ވިޔަފާރި އެވެ. ފަތުރުވެރިކަމުގެ ވިޔަފާރި ފިޔަވައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރި އެވެ. އަދި އާމްދަނީ އަށް ލިބޭ ފައިސާގެ ބޮޑު ބައެއް ރާއްޖޭގައި ހަރުލާފައި އޮންނަ ވިޔަފާރި އެކެވެ. މި ވިޔަފާރި ހިންގުމުގައި ވެރިންގެ ގޮތުގައި އިސްކޮށް އުޅޭ ގިނަ ފަރާތްތަކަކީ ދިވެހިންނެވެ. އެހެންނަމަވެސް މަސައްކަތް ކުރުމަށް މުޅިން ކަހަލަ ގޮތަކަށް ގެން ގުޅެނީ ބިދޭސީން ނެވެ. މަސައްކަތަށް ބޭނުން ވާ ވަރަށް ދިވެހިން ނުލިބެނީ ކަމުގައި ވެ އެވެ. މީހުން ނެތީ އެއް ނޫނެވެ. ތަފާތު ސަބަބުތަކާ ހުރެ މި މަސައްކަތުގައި ދިވެހިން އުޅެން ބޭނުން ނުވަނީ އެވެ. އެކަމަކު ދިވެހިން އުޅެން ބޭނުން ވަނީ ކޮން މަސައްކަތެއްގައިތޯ އެވެ. އިމާރާތް ކުރުމުގެ މަސައްކަތަކީ، އެ މަސައްކަތުގައި މިހާރު އުޅޭ ގިނަ ފަރާތްތައް ވަރަށް ކުޑަކޮށް ފަށައިގެން ފުޅާ ކޮށްފައި އޮތް މަސައްކަތެކެވެ. އެހެންނަމަވެސް އަދިވެސް ހަރުދަނާ ޤާނޫނެއް، ޤަވައިދެއް އޮތް ޞިނާޢަތެއް ނޫނެވެ. ޚިދުމަތް ލިބި ގަންނަ ފަރާތް ޙިމާޔަތްކޮށް ދޭ ޤާނޫނެއް، ޤަވައިދެއް ނުއޮވެ އެވެ. ޤަވައިދުތައް އޮންނަނީ މަސައްކަތް ކޮށްދޭ ފަރާތައް ރައްކާތެރި ކަން ލިބޭ ގޮތަށެވެ. މަސައްކަތް ކުރާ ތަންތަނުގައި މީހުން މަސައްކަތް ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ނޫން ކަން އެމީހުން މަސައްކަތް ކުރާ ތަން ފެނުމުން އެނގެ އެވެ. ހަދަމުން ދާ އިމާރާތްތަކުގެ ކައިރިން ޢާއްމު ރައްޔިތުން ހިނގުމަކީ ވެސް މިހާރު ނުރައްކާތެރި ކަމެކެވެ. ސިމެންތި ބަސްތާތަކެއް ނުވަތަ ޑަބިޔާ އެއް ނުވަތަ ދަނގަނޑެއް ބޯ މައްޗަށް ވެއްޓޭނީ ކޮން އިރަކު ކަން ނޭގޭނެ އެވެ. މާލޭގެ ނިސްބަތުން ފުޅާ މަގެއްގެ ދުވާރު މަތިން ހިނގާ ފައި ދިޔަ ބަންގުލަދޭޝްގެ ކުޑަ އަންހެން ކުއްޖާ އަށް ވީ ގޮތް ބައްލަވާށެވެ. ސިމެންތި ބަސްތާތަކެއް ވެއްޓި އެ ތުއްތު ކުއްޖާ މަރުވީ އެވެ. މި ފަދަ ކަން ކަމާ ބެހޭ ސަރުކާރުގެ އެއް އޮފީހެއްގެ ވެރިއަކު ވިދާޅުވީ ސިމެންތި ބަސްތާ ވެއްޓުނު ތަނަށް ވަޑައިގެން ބެއްލެވި އިރު އެ ތަނުގެ ކަންތައް ތައް ހުރީ ރަނގަޅަށް ކަމަށެެވެ. ކަންތައްތައް ރަގަޅަށް ހުރި ނަމަ ސިމެންތި ބަސްތާ ވެއްޓިގެން ނުވާނެ އެވެ. ކޮންމެވެސް ކަމެއްް ދިމާވެގެން ބަސްތާ އެއް ވެއްޓޭ އިރު ވެސް ރައްކާތެރި ކަމަށް އަޅާފައި ހުންނަ އައްޓެއްގެ މައްޗަށް އެ ބަސްތާ އެއް ވެއްޓޭނެ ގޮތަށް ހެދިފައި ހުންނަން ވާނެ އެވެ. މަގުމަތީގައި ހިނގާ މީހުން ރައްކާތެރި ކުރުމަށެވެ. އިމާރާތްތަކުން މިހާރު ވެއްޓެނީ ހަމަ އެކަނި ސިމެންތި ކޮތަޅާއި، ވެލި ގޯންޏެއް ނޫނެވެ. ކުޑަ ދޮރުވެސް ވެއްޓެ އެވެ. ދަގަނޑު ވެސް ވެއްޓެ އެވެ. ބެލްކަނީ ވެސް ވެއްޓެ އެވެ. ފާރު ވެސް ވެއްޓެ އެެވެ. ބައެއް އިމާރާތްތަކުން ބެލްކަނި ފަދަ ތަންތަން ވެއްޓެނީ އިމާރާތް ބާކަމުން ކަމުގައި ކަމާއި ބެހޭ ފަރާތުން ބުނެ އެވެ. އެ ފަރާތުން އެކަމަށް ހައްލެއް ވެސް ހޯދައި ދިނެވެ. އެންމެ ފަސޭހަ އަގު ހެޔޮ ހައްލެވެ. އެއީ ޢާއްމުކޮށް ސަރުކާރުގެ ބައެއް އޮފީސްތަކުން ހައްލު ހޯދައި ދޭ ގޮތެވެ. ބާ އިމާރާތެއް ކަމަށް އަޅުގަނޑުމެންނަށް ފެންނަ ތަނެެއްގެ މަޢުލޫމާތު، އަޅުގަނޑުމެން ކަމާ ބެހޭ އޮފީހަށް ސިޓީ އަކުން އަންގަން ވީ އެވެ. ނުވަތަ އީމެއިލް ކުރަން ވީ އެވެ. ނުވަތަ ފޭސްބުކްގައި ލިޔަން ވީ އެވެ. ބާ އިމާރާތެއް ކަމަށް އަޅުގަނޑުމެންނަށް ފެންނަ އިމާރާތް މަރާމާތު ކުރުން ވެސް އަޅުގަނޑުމެން އަމިއްލަ އަށް ކުރުމަށް ގޮވާލަންވީ ނޫންތޯ އެވެ. ސަރުކާރުން ބާ އިމާރާތްތައް މަރާމާތުކޮށް ދީ އިމާރާތުގެ ވެރިންގެ އަތުން އަގު ހޯދާނެ ކަމަށް ބުނާ ގޮތަށް އެކަމެއް ނުކުރެވޭނެ އެވެ. ސަރުކާރުން ބުނިކަމަށް ނޫސްތަކުގައި ލިޔެފައި އޮތް ގޮތަށް ކަންތައް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ވެސް ލިބެން ވާނެ އެވެ. ޤާނޫނެއްގެ ސިފައިގަ އެވެ.

ސަރުކާރުގެ މުއައްޒަފުން ނަށް އަޅުގަނޑުމެން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ އިން މުސާރަ ދެނީ އަޅުގަނޑުމެން ރައްޔިތުންނަށް ކަން ކަން ފަހި ކުރުމަށެވެ. ރައްކާތެރިކަމާ އެކު އަޅުގަނޑުމެން ނަށް ދިރިއުޅެޥޭނެ މަގު ތަނަވަސް ކޮށް ދިނުމަށެވެ. ސަރުކާރުން ގެންގުޅޭ، ނުވަތަ ގެންގުޅެން ޖެހޭ ރައްކާތެރި ކަމުގެ މިންގަނޑަށް އިމާރާތް ތައް ހުރިތޯ ބަލާނެ ކަމަށް މިހާރު ސަރުކާރުން ބުނެފި އެވެ. އެކަމަކު ބަލަން ވާނީ ކަމުގެ ތަޖުރިބާކާރުން ފޮނުވައިގެން ނެވެ. ދުނިޔޭގެ އެހެން ތަންތާގައި ވެސް އެފަދަ ކަންތައް ކުރާގޮތަށެވެ. މަގުމަތީގައި ހިނގާފައި ދާ އިރު މިހާރު ބިރު ގަންނަނީ ކުޑަދޮރެއް ނުވަތަ ބެލްކަންޏެއް ވެއްޓި ދާނެ ތީ އެކަންޏެއް ނޫނެވެ. ވަރަށް ގިނަ އިމާރާތްތަކުގައި އެއަރކަންޑިޝަން ޔުނިޓްތަކުން ފައިބާ ފެން ހުންނަނީ މަގު މައްޗަށް އެޅޭ ގޮތަށް ހަދާފަ އެވެ. ހޮޅިއެއް ގުޅައިގެނެއް ނޫނެވެ. ނަތީޖާ އަކަށް ވަނީ ޔުނިޓުން ފައިބާ ފެންތިކި މަގުމަތީގައި ހިނގާ ފައި ދާ މީހާ ގެ ބޮލަށް ޖެހުމެވެ. ބައެއް ފަހަރަށް މިގޮތަށް ވަރަށް ހަޑި ފެން ފައިބާ ގޮތަށް ވެސް ހަދާފައި ހުރެ އެވެ.

އިމާރާތް ކުރުމުގެ ޞިނާޢަތުގައި ހަމައަކަށް އަޅުވަން ޖެހޭ، ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުއްޓެވެ. އަވަހަށެވެ. ރައްޔިތުންގެ ސަލާމަތަށެވެ.

comment ކޮމެންޓް