އިމްރާންގެ ދިފާއުގައި ފުލުހުންގެ އިދާރާ ތެދުވެއްޖެ

މިނިސްޓަރު އިމްރާން މަޖިލީހުގައި ވާހަކަ ދައްކަވަނީ

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުވާދީ ހަމަލާގެ މޭސްތިރިޔާ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިޒުނަ ނުލިބިގެން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތައް ކުރީގެ ޕޮލިސް ކޮމިޝަނަރުން ދޮގުކުރައްވާފައިވަނިކޮށް މިނިސްޓަރުގެ ވާހަކަތައް ދިފާއުކުރާ ފަދަ ބަޔާނެއް ފުލުހުންގެ އިދާރާ އިން ނެރެފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މިނިސްޓަރު އިމްރާން މި މަހުގެ އަށްވަނަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރި ސުވާލަށް ޖަވާބުދެއްވަމުން، ދައްކަވާފައިވާ ވާހަކަތައް ބިނާކޮށްފައި ވަނީ ފުލުހުންގެ އިދާރާއިން ފޯރުކޮށްދިން ރެކޯޑުތަކުގެ މައްޗަށް ކަމަށެވެ.

"ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހުކުމަށް ފިލައިގެން އުޅުނުއިރު އޭނާ ހައްޔަރުކޮށްގެން މާލެ ގެނެވިފައި ނުވާ ސަބަބާއި ފުލުހުން އެކަމުގައި ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަފުޅުތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސްގައި އެ މަސައްކަތްތަކާ ގުޅޭގޮތުން ފެންނަން ހުރި ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް ޕޮލިސް ސާވިސް އިން އަރުވާފައިވާ މައުލޫމާތާ އެއްގޮތަށް މިނިސްޓަރު އިމްރާން އަބްދުﷲ ދައްކަވާފައިވާ ވާހަކަފުޅުތަކެކެވެ،" ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ލުތުފީ ފިލި ފަހުން ފުލުސްގެ އިސް މަގާމުތަކާއި ހޯމް މިނިސްޓަރު ކަމުގެ މަގާމު ވެސް ގިނަ ބޭފުޅުންތަކެއް އަދާކުރައްވައިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ލުތުފީ ހޯދަން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތްތަކުގެ ތަފްސީލް ރެކޯޑުތަކާއި އެ މަސައްކަތްތަކާ ގުޅޭގޮތުން ނިންމުނު ނިންމުންތައް އެ މަސައްކަތް ހިންގަމުން ދިޔަ ޑިޕާޓްމަންޓުތަކުގައި ލޮގް ކޮށް ރައްކާކުރެވިފައި އެބަހުރި ކަމަށެވެ.

އަދި އެ ނިންމުންތައް ނިންމި އިރު ހާޒިރުވެ ތިބި އޮފިސަރުން މިވަގުތުވެސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެހެންކަމުން އެ މަސައްކަތްތަކާ ގުޅޭގޮތުން އިތުބާރު ހިފޭ ފަދަ މައުލޫމާތު ފުލުހުންގެ އިދާރާގައި ހުރިކަމުގެ ޔަގީންކަން ވެސް ދީފައިވެއެވެ.

ޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ 2014 ވަނަ އަހަރު ލުތުފީ ހުރިތަނުގެ މައުލޫމާތު ލިބުމުން، އޭނާ އަނބުރާ ރާއްޖެ ގެނައުމަށް ގިނަ މަސައްކަތަކެއް ދިވެހި ފުލުހުން ކުރި ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވީ އުމަރުގެ އިޒުނަ ނުލިބިގެން ކަމަށެވެ. އަދި ލުތުފީ އަނބުރާ ގެނައުމަކީ މުހިންމުކަމެއް ނޫން ކަމަށް އުމަރު އަނގަބަހުން ވިދާޅުވިކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އެހެން ނަމަވެސް ކުރީގެ ތިން ޕޮލިސް ކޮމިޝަނަރުން ކަމަށްވާ އަހްމަދު އަރީފް، ހުސެއިން ވަހީދު އަދި އަބްދުﷲ ރިޔާޒް ވެސް ވަނީ އިމްރާންގެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

comment ކޮމެންޓް