ބްރެޒިލްއާއި އާޖެންޓީނާ ވާދަކުރި މެޗުގައި ވީޑިއޯ ރެފްރީ ލަފާ ދިނީ ގޯސްކޮށް: ރެފްރީ

އާޖެންޓީނާއާއި ބްރެޒިލް ބައްދަލު ކުރި މެޗަށްފަހު މެސީ ރެފްރީއާ ވާހަކަ ދައްކަނީ --- ފޮޓޯ/ރަޔާން ބެންސަން

ނިމިގެންދިޔަ ކޮޕާ އެމެރިކާގައި އާޖެންޓީނާއާއި ބްރެޒިލް ބައްދަލު ކުރި މެޗުގެ ނިންމުންތަކުގައި ވީޑިއޯ ރެފްރީން ލަފާ ދިނީ ގޯސްކޮށް ކަމަށް އެ މެޗުގައި ރެފްރީކަން ކުރި އިކުއެޑޯގެ ރޮޑީ ޒަމްބްރާނޯ ބުނެފި އެވެ.

ދުނިޔޭގެ ފުޓުބޯޅާގައި އެންމެ ވާދަވެރި ދެ ގައުމުގެ ގޮތުގައި ޒަމާނުއްސުރެން ފާހަގަ ވެފައި އޮންނަ ބްރެޒިލްއާއި އާޖެންޓީނާ އެންމެ ފަހުން މި އަހަރުގެ ކޮޕާ އެމެރިކާގައި ބައްދަލު ކުރި މެޗު ބްރެޒިލް ކާމިޔާބު ކުރި އިރު އާޖެންޓީނާއިން ވަނީ މެޗުގައި ހިނގައިދިޔަ ކަން ކަމުގެ ސަބަބުން އެ މެޗުގެ ރެފްރީއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އެ މެޗުގައި ގިނަ ހަމަނުޖެހުންތަކެއް އުފެދުނު އިރު މެޗުގައި އާޖެންޓީނާއަށް ވަނީ ގިނަ ކާޑުތަކެއް ވެސް ދައްކައިފަ އެވެ.

އާޖެންޓީނާއާއި ބްރެޒިލް ބައްދަލު ކުރި މެޗަށްފަހު މެސީ ރެފްރީއާ ވާހަކަ ދައްކަނީ --- ފޮޓޯ/ރަޔާން ބެންސަން

އެ މެޗަށް ފަހު ވާހަކަ ދައްކަމުން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނީ މުބާރާތް ރާވާފައި ވަނީ ބްރެޒިލްއަށް ތަށި ދިނުމަށް ކަމަށެޗެ. އަދި ރެފްރީންނާއި މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކުން ވެސް މަސައްކަތް ކުރަނީ އެކަން ހާސިލު ކުރަން ކަމަށް މެސީ ބުންޏެވެ.

ޖުމްލަ ގޮތެއްގައި މޮޅަށް ކުޅެ އާޖެންޓީނާއިން ބްރެޒިލް ހުއްޓުވަން ބޮޑެތި މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ވަނީ އެ ޓީމަށް އެދުވަހު ކާމިޔާބު ނުވެފަ އެވެ. ނަމަވެސް އެ މެޗުގައި އާޖެންޓީނާއަށް ލިބެން ޖެހޭ ޕެނަލްޓީތަކެއް ނުލިބި ދިޔަކަން އެ ޓީމުން އޭރު ވެސް ދިޔައީ ފާހަގަކޮށް މައްސަލަ ޖައްސަމުންނެވެ.

އެ މައްސަލާގައި މެސީގެ ރުޅިގަނޑު ފަޅައިގެން ގޮސް ދެއްކި އެވާހަކަތަކުން ބްރެޒިލްގެ ކުޅުންތެރިންނާއި މުބާރާތް ހިންގާ ކެންމްބޯލް އިން ވެސް ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

ނަމަވެސް އެ މެޗުގައި އިންސާފު ކުރި ރެފްރީ ވަނީ މެޗުގެ ނިންމުންތަކަށް ވީޑިއޯ ރެފްރީން ނުފޫޒު ފޯރުވި ކަމަށް ބުނެފަ އެވެ. އޭނާ ބުނީ މެޗުގައި ހިނގި ބޮޑެތި އެއްވެސް ކަމެއްގައި ޝައްކެއް އުފެދިގެން ވީޑިއޯ ރެފްރީން ގާތު ބުނުމުން އެ މީހުން އެކަމަށް ލަފާ ނުދޭ ކަމަށް ބުނި ކަމަށެވެ.

"އެދުވަހު އާޖެންޓީނާއިން އެންމެ ބޮޑަށް ޖެއްސި އެއް މައްސަލަ އަކީ އޮޓަމެންޑީއަށް އާތުރު ފައުލު ކުރި ކަމުގެ ޝަކުވާ. އަހަރެންނަށް އެތަން ރަނގަޅަކަށް ނުފެނުން. ވީމާ ވިޑިއޯ ރެފްރީންނާ އެވާހަކަ ހިއްސާ ކުރުމުން ބުނީ މާބޮޑު ކަމެއް ނުވާ ކަމަށް. އެކަމަކު ފަހުން އެ ވީޑިއޯ ބަލާލުމުން އިނގޭ އެއީ ޕެނަލްޓީއެއް ދެވޭ ވަރު އެއްޗެއްކަން." ރޮޑީ ޒަމްބްރާނޯ ބުންޏެވެ.

comment ކޮމެންޓް