ފަޔަރ އެންޑް އައިސް (17)

ފަޔަރ އެންޑް އައިސް

"ބައްޕާ. އަޅުގަނޑަށް ނޭގޭ. މިހެން ދިމާވާންވީ ސަބަބެއް. ބިރުވެރި ހުވަފެންތައް ފެންނަނީ. ވަރަށް ރިއަލްކޮށް. އަދި ކޮޓަރީގައި ހުންނަ ތަކެތި ބަހައްޓާތަނުން މޫވްކުރާ މީހެއް އެބަހުރޭ. ހެލުސިނޭޝަންއެއްކަމެއް ނޫނީ ހަގީގަތުގައި ނުފެންނަ ބާރަކުން ހިންގާ އަމަލެއްކަމެއް ނޭގޭ. އައިމް ސްކެއާޑް ޑޭޑް. ދުވަހަކަށްވުރެ ދުވަހެއް މިކަންތައް ބޮޑުވަމުން ދަނީ................." އާޔާ ހިންދިރުވައިލިއެވެ.

ގޭތެރޭގެ ހިމޭންކަން މުގުރައިލީ ބަލްސަމްގެ ހަޅޭކުގެ އަޑެވެ. އަހާ ކޮންމެ ފަހަރަކު ބުނާނީ ބިރުވެރި ފުރޭތައެއް އުދަގޫކުރަނީ ކަމަށެވެ. އެބުނާ ފުރޭތަ އެހެން މީހުންނަށް ފެންނަކަމަކަށް ނުވެއެވެ. ފުރުގާންގެ ހިތާމައަކީ އަންހެނުންނާއި ކުދިންކޮޅުވެސް ނަފްސާނީ މައްސަލަޖެހި އެންމެންގެ ދިރިއުޅުން ބަރުބާދުވެފައިވާ ކަމެވެ. ސިއެނާ ބައިންދާފައި އިންނަނީ ކޮޓަރިއެއްގައި ވަކިންނެވެ. ސްކިޒޮފްރީނިއާގެ ވަކިތަކުގެ ދަށުގައި އޭނަގެ އާއިލާ ހައްޔަރުވެ ހިތް ކުދިކުދިވެގެން ދާއިރު އެމީހުންނަށް އެހީވާނެގޮތެއް އޭނަގެ ސިކުނޑިއަކަށް ނާދެއެވެ. ނަފްސާނީ ޑޮކްޓަރަކަށްވެ އޭނަ އުގެނިފައި ހުރި އިލްމަކުން އާއިލާއަށް އެހީތެރިކަމެއް ނުދެވެއެވެ. ކުރާ ބޭހަކުން އަސަރެއް ނުކުރެއެވެ. އެކަމާއިހުރެ އޭނަ ކުރާ ހިތާމަތައް ދެނެވޮޑިގެންވަނީ ހަމައެކަނި ހެއްދެވިފަރާތެވެ.

ބަލްސަމް މަސަލަސްކޮށްފައި ފުރުގާން އާޔާއާއި ވާހަކަދައްކާލަން ވަނެވެ.

"އަޅުގަނޑަށް ހީވާގޮތުން ދޭ އާ ރިއަލް"

"ދަރިފުޅާ. އެއީ އަހަރެމެން ތެރޭ އުޅޭ އެއްޗެއް ނޫނޭ ކިތައް ދުވަހު ބުނީމަ ގަބޫލުކުރާނީ. ތި ހުރިހާ ފިއާސްތަކުން އަރައިގެން އާޔާ ހިތްވަރުގަދަ ކުއްޖަކަށްވެއްޖެކަމަށް ބައްޕަ ހީކުރީ. އެކަމަކު ބައެއްފަހަރު ނަފުސްތައް ބަލިކަށިވެދާނެ. އެއީ ތަބީއީކަމެއް. ހަޔާތުގައި އަންނަ އަޑިގުޑަންތަކުން އެންމެ ވަރުގަދަ ނަފުސްތަކަށްވެސް ލޮޅުން އަރުވަފާނެ. ވީއިރު އަހަރެންގެ ކުޑަކުޑަ ދަރިފުޅަށް ވެސް މިއައީ އެފަދަ ދުވަސްތަކެއް. ދަރިފުޅު ކިޔައިދީބަލަ. ކޮންކަމެއް ގޯސްވަނީ. ކޮންކަހަލަ އެއްޗެއް ފެންނަނީ................................" ފުރުގާން އާޔާގެ އިސްތަށިގަނޑުގައި އޯގާތެރިކަމާއިއެކު ފިރުމައިލިއެވެ.


***

އާޔާ ފެންވަރާލުމަށްފަހު ނަމާދުކުރިއެވެ. މޫނުމަތިން ޚުޝޫއަތްތެރިކަން ފާޅުވާން ހުއްޓެވެ. ދެއަތް އުފުލާލައިގެން ދުޢާކުރަން އިރުކޮޅަކުން އިނުމަށްފަހު ތެދުވުނުއިރު ހިތަށް ހަމަޖެހުން ގެނުވާދީފިއެވެ. އޭނަދެކޭގޮތުން ހުރިހާ ޝަކުވާތަކެއް ބަންޑުން ޖަހާ ކޮންމެ ކަމެއް ހިއްސާކުރެވޭނީ ހަމައެކަނި ހެއްދެވި ފަރާތާއެވެ.

"ގޯޑް އިޒް މައި ބެސްޓްފްރެންޑް. ކޮންމެ ވަގުތަކު ކޮންމެ އިރަކު އައި ކެން ޓޯކް ޓު ހިމް........................................." އާޔާ ހިނިތުންވެލިއެވެ.

އަލަމާރި ހުޅުވާލުމަށްފަހު "ރަފައިލް" ފޮތް ނަގާފައި ބޭރު ސަފުހާއަށް ނަޒަރު ހިންގައިލިއެވެ. ފުރިހަމަ ތަސްވީރެކެވެ. އިންސާނަކު މިހާ ފުރިހަމައެއް ނުވާނެއެވެ.

"އެކްސެޕްޓް އާރިޒް..." ސިކުނޑީގެ ކޮންމެވެސް ދިމާލަކުން ވައިއަޑަކުން ބުނެލިހެން ހީވިއެވެ.

އާރިޒްގެ ސަބަބުން ޖެހިގެން އަވަށްޓެރިގޭގެ ފިނިފެންމާބަގީޗާގެ ހިތްގައިމުކަމުން އުފާލިބިގަތުން މަހުރޫމްވެފައިވާތާ ދުވަސްކޮޅެކެވެ. ބައްޕަ ބުނިފަދައިން އޭނަ މާ ބަލިކަށިވީއެވެ. އޭނަ ބެލްކަންޏަށް ނުކުތުން އާރިޒްއަށް ހުރަސްއެޅިގެން ނުވާނެއެވެ. އޭނަ އާރިޒް އެތާ ހުރިކަމަށް ނަހަދާ އަމިއްލަ ގޭގައި އަމިއްލަ ބެލްކަނީގައި އުޅެންޖެހޭނެއެވެ. އޭނަގެ ބެލްކަނީގައި ހުރި މުށިތަކުގައިވާ ގަސްތައް ފެންނުދޭތާ ކޮން ދުވަހެއްހެއްޔެވެ؟ ފެންދިނުމުގެ ބަހަނާގައި ބެލްކަންޏަށް ނުކުތަސް އާރިޒް ދެކޭހިތުން މިދެދުވަހަކު ހިތް ތެޅިފޮޅޭވަރާއި ހުވަފެނުން ފެންނަވަރު އެނގޭނީ ހަމައެކަނި އާޔާއަށެވެ. ބެލްކަނީގެ ދޮރު ހުޅުވައިލުމާއިއެކު ވައިރޯޅިއާއިއެކު ނޭފަތުގައި އެޖެހުނީ ފިނިފެންމާތަކުގެ ލުއިލުއި މީރުވަހެވެ. އެތައް ސަތޭކަ ފިނިފެންމާތަކުން ބަގީޗާގައި ކުލަޖެހިފައިވާއިރު ޖަންބުމާގަހުގައިވެސް މާ އަޅާ ބަރާވެފައެވެ.

"ވާއު......" އާޔާއަށް ބުނެވުނެވެ.

ފޯނު ހުޅުވާލުމާއެކު ބެލްކަންޏަށް ނުކުތް އާރިޒްގެ ސޫރަ ފެނިފައި ސިހިފައި ފޯނު މޫނުމަތިން ދުރުކޮށްލެވުނެވެ.

ކޮފީއެއް ހިފައިގެން އާރިޒް ހުރިއިރު ދެންމެ ފެންވަރާލައިގެން ނުކުތްހާ ތާޒާއެވެ. އޭނަ އެއްލޯ މަރައިލީ "ފްލާޓް"ކުރާފަދަ ގޮތަކަށެވެ. އެލޮލުގެ ސިހުރުގައި އަންހެންކުދިން ޖެހޭފަދަ ރީތިކަމެއް އެ އަޅި ކަޅިއާއި އެސްފިޔަތަކުގައިވެއެވެ. އާޔާއަށްވެސް ދެލޯ ބޮޑުކޮށްގެން ބަލަން ހުރެވުނީއެވެ. އާރިޒް ހާދަ ހިތްގައިމެވެ. އެއްމިޔަކަނުން ހީލާއިރު ކޮންފަދަ ފުރިހަމަހެއްޔެވެ؟ ފޮތުގައިވާ ރަފާއިލްގެ ތަސްވީރާއި ވައްތަރުވާން އުޅުނަސް އަދި އާރިޒްގެ މޫނުގައި އެހާ ހަރު ގޮތެއްނެތީއެވެ.

"ހުއްދަނެތި މަގޭ ޕިކްއެއް ނެގީ؟" އާރިޒް ބުމަ އަރުވައިލިއެވެ.

"ނޮޓް ޔޫ.....މި ގަސްތަކުގެ ފޮޓޯ ނެގީ......." އާޔާ ބުމަ ކައިރިކޮށްލިއެވެ.

" ރުޅިއަންނަކަމަށް ބޭރުފުށުން ދައްކަން އުޅުނަސް ރުޅިވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް އެހިތުގައި ނެތެވެ. އެހިތުގައި ގަދަކުރަން ފަށާފައިވަނީ މުޅިން އެހެން ޖަޒުބާތެކެވެ. އާރިޒް ރެއިލިންއަށް ކުޑަކޮށް ލެނގިލައިގެން ހުރެ ކޮފީތަށި ތުބުގައި ޖެހިއިރު އެއިން އަރަމުންދިޔަ ދުން އެމޫނުގައި ބޮސްދޭންފެށިއެވެ. ދުންތަކުގެ ތެރެއިން އެ މޫނު ފެންނަލެއް ހިތްގައިމުކަމުން ދުރު ބަލައިލުން ފަސޭހަކަމަކަށް ނުވިއެވެ. އެވެސް އާޔާގެ ސިކުނޑިއަށް ފެންނަމުން ދިޔައީ އިތުރަށް މަންޒަރުތައް ވަރުގަދަކުރުވާފައެވެ. އެނަގެ ސިކުނޑިއަށް ކޮންމެ ކަމެއް ފެންނަނީ އެއަށްވުރެ ވަރުގަދަކޮށެވެ. ތްރީޑީ މަންޒަރެއް ފަދައިންނެވެ. އާޔާ ކަޅިޖަހާނުލާ އާރިޒްއަށް ގެއްލިފައި ހުރިކަން އެނގި އާރިޒް ދެންކޮށްލީ އަދި އާޔާ ހިތަށްވެސް ނާރާ ކަމެކެވެ. އަތް ފޯރުކޮށްލާފައި ފިނިފެންމަލުގެ ގޮފިކޮޅެއް ބިންދާލަފައި އޭނައާއި ދިމާލަށް މަޑުމަޑުން އެއްލައިލިއެވެ. މާތަކުން ފުރިފައިވާ އެގޮފިކޮޅު އޭނަގެ މޫނުގައި ބީހިލާފައި މާބްލް މަތީގައި ގޮސް ޖެހުނެވެ. އާރިޒް ދެން އަތުން އޭނަ ދައްކައިލީ ހިތެއްގެ ނިޝާނެވެ.

"ވަޓް......." އާޔާ އެއްޗެކޭ ބުނަން އުޅުނެވެ.

"އާޔާ. އަހަރެން ތި ބެލްކަންޏަށް ދަންތަ؟ " އާރިޒް އެހިއެވެ. އާޔާގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި އޭނަ ރެއިލިން މައްޗަށް ކޮޅަށް ތެދުވުނުތަން ފެނިފައި އާޔާ އުޅުނީ ހަޅޭއްލަވައިގަންނާށެވެ. ކައިރިކޮށް ބެލްކަނި ފެނުނަސް އެތަނުން ވެއްޓި އާރިޒްއަށް އަނިޔާއެއް ލިބެން ކީއްކުރަން އެމޫނުގައި ކޫރުމެއް އެޅޭކަށްވެސް އޭނަ ނޭދެއެވެ. އާރިޒް އަމިއްލަ ނަފުސަށް ލޯތްބެއް ނެތީހެއްޔެވެ؟ ފިރިހެނުންގެ މިޒާޖެވެ. އާޔާ ބަލަން ހުއްޓާ އާރިޒް އަރި އަޅާލިތަން ފެނުނެވެ.

"ނޫން ނޫން......" އާޔާގެ އަޑު ފަޒާގައި ގުގުމައިލިއެވެ.

އާޔާ ސިހުމާއި ބިރުވެރިކަމުން ފުރިފައިވާ ނަޒަރަކުން ބަލަން ހުއްޓާ އާރިޒް ކޮޅަށް ތެދުވުނުތަން ފެނުނެވެ. އެހާ މަތިން ވެއްޓިފައި އާރިޒްއަށް އަނިޔާއެއް ނުލިބި ސަލާމަތްވުމަކީ ހަމަ ކަރާމާތެކެވެ. ހިތާހިތުން އޭނަ ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. އާރިޒްއަށް ގެއްލުމެއްނުވުމުން އުފަލުން ހިތް ފަޅައިގެންދާވަރު ވިޔަސް ނުރުހުމުގެ ނަޒަރަކުން ބަލާލާފައި ބެލްކަނީގެ ދޮރު ލައްޕާލުމުން އާރިޒްއަށް ހެވުނެވެ.

***

އާރިޒް މިސްކިތުން ނުކުތްތަން ފެނި އާޔާއަށް ހިނިތުންވެލެވުނެވެ. ކާރު މަޑުކޮށްފައި އެއްޗެކޭ ބުނެލަން އުޅެފައިވެސް އޭނަ ކާރު ދުއްވާލައިފިއެވެ. ހަޔާތުގެ ބައިވެރިޔަކަށް އޭނަ ބޭނުމީ އަޅުވެރި އެކެވެ. އާރިޒްފަދަ ޒުވާނެކެވެ. މިޒަމާނުގައި މެދުމިނުގެ ރަގަޅު ޒުވާނުން ދެނެގަތުން ފަސޭހައެއްނޫނެވެ. ދީނީގޮތުން ހައްދު ފަހަނަޅާދިޔުމާއި ދީން ގަބޫލުނުކުރާ އެތީސްޓުންގެ އޮއިވަރުގައި ޖެހި މަގު އޮޅިގެންދާ ޒުވާނުން ދަނީ ދުވަހަކަށްވުރެ ދުވަހެއް ގިނަވަމުންނެވެ. ނަމަވެސް އާރިޒްއާއި ހިތް ގަޔާވެވިއްޖެއެވެ. ހުވަފެންތަކަށް ކޮންމެ ރެއަކުހެން އަންނަނީ އާރިޒްއެވެ.

"ހިތް އެދޭ ކަހަލަ ކުއްޖެއް އަލަށް މި ފެނުނީ. މޭބީ ހީޒް ދަ ވަން......" އާޔާ އަމިއްލަ ނަފުސަށް ބުނެލިއެވެ. "އެކަމަކު ބައްޕަ ގަބޫލުވާނެތަ؟ "

***

ފާނޫޒެއްގެ އަލިކަމުގެ ތެރެއަށް ގެނބިފައިވާ ސިޓިންރޫމްގައި ގޭމް ކުޅެން އާރިޒްއިނީ ގެއްލިފައެވެ. ފިޔަވަޅުތަކުގެ އަޑު ނީވި އާރިކް ޖެހިގެން ހުރި ސޯފާގައި އިށީނުމުން އާރިޒް ސިހިފައި ބަލައިލިއެވެ.

"ލޫސިފާ. އިތުރަށް އޮޅުމެއްގެ ތެރޭ ބަހައްޓާކަށް ބޭނުމެއްނޫން. ކުޑައިރުއްސުރެން އެތައް އަހަރެއްވާންދެން އަހަރެމެން ދެމީހުން ވަކިވީ މައިންބަފައިންނަށް ދިމާވި މަޖުބޫރީ ހާލަތުގެ ސަބަބުން. މިހާރު ނަސީބު އަހަރެމެންނާއި އެއްކޮޅުވެ ދެމީހުން އެއްތަންވުމުގެ ފުރުސަތުދީފި. އެނގޭތަ. ސާޖަރީ ހަދައިގެނެއް ނޫން އާރިޒް ސިފަ ބަދަލުވީ. ޖަނާ އޮޅުވައިލަން މަ އެހެން ބުނީ. އެކްސިޑެންޓްވިޔަސް މޫނަށް އެހާ ބޮޑުގެއްލުމެއް ނުވޭ. ލުސިފާ މޫނުގައި ކުރިން ހުރި އުފަން ލަފެއް. އެ ނައްތައިލީ. ޕްލާސްޓިކް ސާޖަރީ ނެހެދިޔަސް އަހަރެމެންތެރޭ ފަތްޕިލާވެލީގެ މޮޅު ހަކީމުން އުޅޭތީ އެކަހަލަ އެއްޗެއް އުގުޅައިލީމަ އެ ދިޔައީ. އަހަރެމެން އުފަންވިއިރު ދެމީހުންގެ ސިފަ ތަފާތެއް ނެތް. އަހަރެމެންނަކީ ޓްވިންސްއޭ ބުނެފިއްޔާ................................" އާރިކްގެ މޫނުމަތިން އެހެން ދުވަހު ނުފެންނަ ސީރިއަސްކަމެއް ފެނުނެވެ.

"ވަޓް..............." އާރިޒްގެ ހިތް ތެޅިގަތީ ހަމައެއް ލަމައެއް ނެތިއެވެ. ހިތް ހުއްޓިދާނެފަދައެވެ.

"ތިބުނަނީ އެރިކްގެ ޕޭރެންޓުންނަކީ އަހަރެންގެވެސް މަންމައާއި ބައްޕައޭތަ. އެޕްރީލް ފޫލް ހައްދަންތަ. އެރިކް ތިކަހަލަ ސަމާސާނުކުރޭ............." އާރިޒްއަށް ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ.

"ނޮޕް. އެޑޮޕްޓެޑް ޕޭރެންޓްސް. އަސްލު އެމީހުންނަކީ އަހަރެންގެ ހަގީގީ މައިންބަފައިންނެއް ނޫން. އެމީހުން އަހަރެން އެޑޮޕްޓްކުރީ.........." އާރިކް ހަގީގަތް ބުނެދިނެވެ.

"ދެން ހަގީގީ މަންމަމެން ކޮބާ...."

"ޑެޑް......." އާރިކްގެ ލޯ ފެންކަޅިވިއެވެ.

"އަހަރެމެން ވަކިވީ ކިހިނެއްތަ؟ "

"ހުރިހާ ސުވާލެއްގެ ޖަވާބު އެއްފަހަރާ ނުލިބޭނެ. އެކަމަކު އަހަރެން އާރިޒްއަށް އެންމެ ފުރަތަމަ ދުވަހުވެސް މިކަން އަންގަން ޖެހޭ. މާ ލަސްވީ ނުބުނެ. އަހަންނަށްވެސް އެނގުނީ މަންމަގެ އާއިލާގެ ފަރާތުން. ލުސިފާއަކަށް ނޭގޭނެ. ދޭ އާ ޕަވަފުލް. މިހެން ބުންޏަސް އިމޭޖިން އެއް ނުކުރެވޭނެ. އެހާވެސް އޯލްޑް ޕަވަފުލް ފެމިލީއަކުން އަހަރެމެން އައިސްފަ މިވަނީ. އަހަރެމެންގެ ބްލަޑްލައިން އެކަމަކު އިތުރު ސުވާލުތައް ނުކުރައްޗޭ. މަޑުމަޑުންގޮސް އާރިޒް ހަދާން އަންނަން ފެށީމަ ހުރިހާ އެއްޗެއް ވިސްނޭނެ........" އާރިކް ތެދުވެ ޖިންސްގެ ޖީބަށް އަތްޖަހައިލިއެވެ.

"މްމމް.....އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ. އަހަރެމެން ހަމަ ޓްވިންސްތަ........." އާރިޒް ހޭންފެށިއެވެ. މިހުރިހާ ދުވަހު އޭނަ އާރިކްއާއި މެދު އެކުވެރިއެއްގެ ގޮތުން ދެކެފައި ހަމަ ކުއްލިއަކަށް އެ ހައިސިއްޔަތު ބަދަލުވުމުން އޭނައަށް ވީގޮތްތައް ދެކެން އާރިކް ހުރީ މަޖާވެފައެވެ. އާރިކް މާ "ކޫލް" ވިޔަސް އޭނަ ތަންކޮޅެއް ލަދުރަކީކަން ނޭގެއެވެ.

"އޯކްވާޑް ވެފަތަ؟ " އާރިކް ލޮލަށް ގޮތެއް ހަދައިލިއެވެ.

"ހެލް ނޯ..އެކަމުން ވަކި ކަމެއް ޗޭންޖުވާނެތަ؟ މަށަކަށް ހިޔެއްނުވޭ. އަހަރެމެންނަކީ ބެސްޓްފްރެންޑްސް..................ޖަނާއަށް އެނގޭތަ؟ " އާރިޒްވެސް ހަމަޖެހެން މަސައްކަތްކުރިއެވެ. އަދިވެސް އޭނަ ހުރީ އެކަން ބަލައިގަންނަން ފަސޭހަ ނުވެފައެވެ. ހަމަ ކުއްލިއަކަށް އެކުވެރިއަކު ބޭބެއަކަށް ވީއެވެ. އެވެސް އެއްމާބަނޑު ބޭބެއަށެވެ.

"ނޭގޭނެ...." އާރިކް ކުރު ޖަވާބެއް ދިނެވެ. އާރިޒްވެސް ތެދުވުނެވެ. އާރިޒް އާރިކްގެ މޫނަށް ބަލަން ހުރީ އަލަށް އާރިކް ފެނުމުން ބަލާނެހާ ފަރުވާތެރިކަމާއިއެކު ދަސްކުރާ ނަޒަރަކުންނެވެ. އާރިޒްއަށް އެލޮލުގެ ތެރެއިން އޭނަގެ ސޫރަ ފެނުނެވެ. ކުރިން އޭނައަށް އެކަން ރޭކާނުލީ ކީއްވެހެއްޔެވެ؟ ޕްލާސްޓިކް ސާޖަރީ ހަދައިގެން މޫނުމަތީގެ ސިފަ ބަދަލުކުރެވިދާނެއެވެ. ނަމަވެސް ކަޅި ބަދަލެއް ނުކުރެވޭނެއެވެ.

އާރިކްގެ ބުނުމުގެ ތެދުކަން ސާބިތުކޮށްދިނީ ލޮލެވެ.

އާރިކް އާރިޒްގެ ކަނދުރާއަށް އެއް އަތް ވައްޓައިލަމުން ކައިރިކޮށްލާފައި ބޭބެއެއްގެ ހައިސިއްޔަތުން ބައްދައިލީ ފުރަތަމަ ފަހަރަށެވެ. އިރުކޮޅެއްވާންދެން ދެމީހުންނަށް ދުރުނުވެ ތިބެވުނުއިރު ހިތުގެ ތެޅުމުގެ އަޑު ފިޔަވާ އެތަނަށްވެރިވެފައި އޮތީ ހިމޭންކަމެވެ.

އާއިލާގެ އެހެން އެކަކު ނޭގުނަސް ވުޖޫދަށް އައީއްސުރެ އެކީ އުޅުނު އެއްމާބަނޑު ބޭބެއާއި ބައްދަލުވުމުގެ އުފާ މިއަދު އާރިޒްއަށްވެސް ހާސިލުކުރެވިއްޖެއެވެ. އާރިކްއަށްވެސް ކޮއްކޮގެ އަޑުގައި ވި ޖޯޝުގެ ސަބަބުން ޖަޒުބާތުގައި ޖެހޭގޮތްވި ނަމަވެސް އޭނަ ބަލިކަށިކަން ދައްކާކަށް ބޭނުމެއްނުވިއެވެ. އޭނަގެ ހިތްވަރުގަދަކަމާ ކުޅަދާނަކަމަށް ހިޔަނި އެޅިދާނެކަމެއް ކޮށްފިއްޔާ ރަފާއިލްމެންވެސް ޖޯކުޖަހާނެއެވެ. ދެން ހުރީ އޭނަގެ ބައްޕަ ޚުސްރޫއެވެ. ޖިންނީންގެ ދުނިޔޭގައި އެންމެ ބާރުގަދަ ރަސްކަލަކީ އޭނައެވެ. އެހެން ހުރިހާ ރަސްކަލުންގެ މައްޗަށް އަމުރު ހިންގާ ޝެހެންޝާހަކީ އޭނައެވެ. ޚުސްރޫގެ ހަތަރު އަނބިން ތިބޭއިރު އެތައް ޖާރިޔާއިންނެއް ގެންގުޅެއެވެ. ޝާހީކަމާއި ހައިބަވަންތަކަމުގެ ދެވަނައެއްނެތް ރަސްކަމާއި ތާޖަށްޓަކާ ވާދަކުރާނެ އެތައް ދަރިންނެއް ޚުސްރޫގެ އެބަތިއްބެވެ. އުމުރުން ކިތަންމެ ހަނގަސް ކޮންމެވެސް ޒަމާނެއްގައި އޭނައަށް އެ ނަސީބު ލިބުމަކީ އާރިކްގެ ހުވަފެނެވެ.


***

އާޔާ ފިނިފެންމާ ގޮފިކޮޅު މުށިގަނޑެއްގައި އިންދާފައި ފެންދިންއިރު ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ. އިރުގެ މަޑުއަވި އޭނަގެ ކޯތާފަތަށް ވެރިވެ ނާރިގުކުލަ އަރާފައިވިއެވެ.

"އާރިޒްގެ ހަދިޔާއަކަށްވީމަ މި ގޮފިކޮޅު ސްޕެޝަލްވެއްޖެ...." އާޔާ ކިޔައިލިއެވެ. ކުރިމަތީގައި ހުރި ބެލްކަންޏަށް ބަލައިލީ ޝައުގުވެރި ނަޒަރަކުންނެވެ. ދެލޯ ބޭގަރާރުވަނީ އެންމެ ސޫރައެއް ދެކޭހިތުންނެވެ.

"ވަރަށް އުފާވެއްޖެ އާޔާ...." އާރިޒްގެ މެސެޖެއް ލިބުނެވެ.

"ކިހިނެއް އެނގުނީ." އާޔާ ދެލޯ ބޮޑުކޮށްފައި ބަލައިލިއެވެ. ޖަންބުގަހުގެ ގޮފިގަނޑު ހެލުނުހެން ހީވެފައި ބަލައިލިއިރު އާރިޒް ނިކަން ހަމަޖެހިލައިގެން ގޮފިގަނޑުމަތީ އިށީދެލައިގެންނެވެ. އާޔާ ލަދުން މަރުވާވަރުވިއެވެ.

އާރިޒްއާއި އާޔާގެ އެކުވެރިކަން ފެށުނީ އެހިސާބުންނެވެ. އާޔާގެ ހިތުގައި އާރިޒްއަށްޓަކާ އުފެދުނު އިހުސާސްތައް ވަރުގަދަވެ ރުޅިވެރިކަން ދައްކައިގެން މާ ދުވަހަކަށް ނުހުރެވުނީއެވެ. ނަމަވެސް މި ގުޅުން ހަލާލުގޮތުގައި ކުރިއަށް ގެންދެވޭނީ ދީނުގައިވާ ގޮތަށް ކައިވެނީގެ މާތް ގުޅުމުން ގޮށްޖެހިގެންނެވެ. އަންހެންކުއްޖަކަށް އިސްވެ ކައިވެނި ހުށަހަޅަން ކެރޭނެ ހެއްޔެވެ؟ ނަމަވެސް އެ ނޫން ގޮތަކަށް ލޯބީގެ ގުޅުމެއް ކުރިއަށް ގެންދާކަށް އާޔާއަކަށް ނުކެރޭނެއެވެ. އޭނަ ދީން ދަސްކުރަމުން އަންނައިރު އެފަދަ ފާފައަކަށް އަރައިގަންނާކަށް ބޭނުމެއް ނޫނެވެ. ބައްދަލުކުރަންވެސް އާޔަ ތައްޔާރެއް ނޫނެވެ. އާޔާ ބުނީ އާރިޒް އޭނަދެކެ ލޯބިވަންޏާ ކައިވެނިކުރުމަށެވެ. އާރިޒް ބުނީ ބައްޕަ ކައިރިއަށް ވަލީ ހޯދަން ދާނެކަމުގައެވެ. އެހިސާބަށް ވާހަކަ ދެއްކުމަށްފަހު އާރިޒްގެ ހިތުގައި ބިރުވެރިކަން ހިނގައިލީ އޭނައަށް ލިބުނު އިންޒާރުތައް ހަދާންވެފައެވެ. އާޔާއާއި އޭނައާއި ދޭތެރެއަށް ވަންނަން އުޅޭ މަޚުލޫގުންތަކެއް ވާކަން ހަދާންވެ އެކަމުގެ ސަބަބު ހޯދަން ބޭނުންވިއެވެ.

***

ފައިނާ ޝަކީރާގެ ގާތުގައި އިނީ އާރިކްގެ އިންތިޒާރުގައެވެ. ޑޮކްޓަރ އާރިކްގެ މާމައަށް ޝަކީރާ ވީގޮތެއް ވިސްނުމަކަށް ނަޔަސް އާރިކްގެ ޑިއުޓީގަޑީގައި ޝަކީރާއަށް ޒިޔާރަތްކޮށް ނިކަން ލޯބިން ވާހަކަދައްކާކަން ނަރުހުންގެ ފަރާތުންވެސް އެނގިފައިވެއެވެ. އެކަން އެނގުނީއްސުރެން އޭނަ ޝަކީރާއާއިމެދު އަމަލުކުރާގޮތް ތަފާތެވެ. ފޯނާއި ކުޅެން އިންދާ ފިޔަވަޅެއްގެ އަޑު އިވިފައި ފައިނާ އަވަސް އަވަހަށް ހަށިގަނޑު ސީދާކޮށްލިއެވެ. ޝަކީރާގެ އަތުގައި ފިރުމަންފެށިއެވެ.

"ޝަކީރާއްތަ ދެކެލަން އަހަރެންގެ މާމަވެސް ގެނެސްދޭނަން. މާމަގެ ބެސްޓްފްރެންޑެއްނު ތީ.........................................................." ފައިނާ ވާހަކަދެއްކިއިރު މާމުޔަށްވުރެ އަޑު ފޮންޏެވެ.

"މާމާގެ ލޯބިވާ އާރިޒް......." ފެނުނު މީހަކުން ޝަކީރާގެ ދެލޯ ދިއްލިއްޖެއެވެ.

"އާރިޒް....ޝިޓް..." ފައިނާއަށް ބުނެވުނެވެ. އެއާއިއެކު އެނބުރި ބަލައިލީ ކަޅި އަޅާލަމުންނެވެ. ނަމަވެސް ކުރިމަތީގައި ހުރީ އިންސާނެއްގެ ބަދަލުގައި ޖިންނި ރަސްދަރިކަލެއްބާވައޭ ހިތަށް އެރިއެވެ. އާރިކްއާއި ތަފާތެއް ނެތެވެ. ތަފާތީ އިސްތަށިގަނޑުގެ ކުލައެވެ. އާރިޒްގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި އޮތުމުން މާތްގޮތެއް ހުރެފައި އެ އަޅި ދެލޮލުން އޯގާތެރިކަމާއި ލަދުރަކިކަންވެސް ފެނެއެވެ. ފައިނާގެ ހިތް އޭގެ މަގާމުދޫކޮށް އުދުއްސައިގަތެވެ. އާގަމަވެ އަނގަމަތީ އަތްއެޅިފައި ހުއްޓާ ނޭފަތުގައި ހަރުލީ އެހާ މީރުވަސް ދުވާ ސެންޓެއްގެ ވަހެވެ. މިއީ ހަމަ އާރިޒްހެއްޔެވެ؟ މޫނުމަތީގައި އިން ލަފު ނެތީމަ މިހާ ރީތިވާނެކަމަށް އޭނަ ހީކޮށްފައެއްނެތެވެ. އޭނައާއި އެކުވެރިންވެގެން އާރިޒްއަށް ބުލީކުރެވުނު ހަދާންތައް ހިތް މާޔޫސްކުރިއެވެ. އާރިޒް އޭނަ އެނގުނުކަމަކަށް ނަހަދާ ގޮސް އިށީނީ މާމަގެ މަގަތުގައެވެ.

"އާރިޒް އަހަރެންމަތިން ހަދާން އެބަހުރިތަ؟ "ލިބުނު ޝޮކް ފިލާ ދިޔުމުން އާރިޒްއާއި ކައިރިއަށް ފައިނާ ޖެހިލިއެވެ.

"އާރިޒް ކާރުގައި ދަތުރުކުރަނިކޮށް ހިނގި ހާދިސާގައި ސިކުނޑިއަށް އަނިޔާވެ މާޒީ ހަނދާން ނެތުނު ވާހަކަ ޝަކީރާއްތައަށް ނުބުނެވޭތަ؟ " ޝަކީރާ އަހާލައިފިއެވެ.

"ޕުއާ ބޭބީ...." ފައިނާ އާރިޒްގެ ކޯތާފަތުގައި ހިފައިލަން އުޅުނީ ލަދެއްނެތިއެވެ. އާރިޒްއަށް އެކަމުން އުދަގޫވިއެވެ. އެއަތް ދުރުކޮށްލަންވެގެން ހިފައިލި ގޮތަކުން ފައިނާއަށް ތަދުވެ އިނގިލިތައް ބިންދައިގެން ދިޔަފަދައެވެ. އާރިޒްގެ ބާރުގަދަކަންވެސް ފައިނާގެ މުޅި ހަށިގަނޑުގެ ނާރުތައް ހަލަބޮލިކޮށްލި ކަމަކަށް ވިއެވެ. އޭނަ ޝަކީރާގެ ބޮލަށް ވަދެގެން މާމައާއި ދެމީހުން ވި ވައުދު ހަދާންކޮށްދީ އާރިޒް އޭނަގެ މީހަކަށްވާން ބާރު އަޅާނެއެވެ. ޑޮކްޓަރ އާރިކް އެތަނަށްވަނުމުން ފައިނާއަށް އިތުރު އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބުނެވެ. އާރިޒްގެ އެއްމާބަނޑު ފިރިހެން ކުއްޖަކު ހުންނަކަން ކުރިން އެނގިފައެއްނެތެވެ. ދެމީހުން އެއްތާކުން ފެނުމުން ދެއިރު ވިދާފަދައެވެ. ހިތް އޮބަހައްޓަންވެސް ފަސޭހައެއްނުވިއެވެ. އަމިއްލަ މޮޔަކަމާއިމެދު ހާސްފަހަރު މަލާމާތްކުރެވިއްޖެއެވެ. އާރިޒް އޭނައާއި ރައްޓެހިވާން އެހުމުން އާއެކޭ ބުނެވުނުނަމައެވެ. މޮޔައީ ވަކިވަރަކަށް ނޫނެވެ. ބަލްސަމްއަށް ފައިނާ ފެނުމުން އެނގުނުކަމަކަށްވެސް ނެހެދިއެވެ. ފޮނި ކަމަނާއެކެވެ.

"ބަލްސަމް.........އާރިޒްގެ ހުރިހާ ހަދާންތައް އެކުއްޖާފުޅާއި ވަކިވެއްޖެ. އެއްވެސް މީހަކު ވަކިކުރާކަށް ނޭގޭ..............................." ޝަކީރާ ބަލްސަމްގެ އަތުގައި ހިފާލިއިރު ދެލޯ ފެންކަޅިވެއްޖެއެވެ.

"މަންމަ ކިޔަނީ ކީކޭ..."

"ޔަޕް. މާމަ އެބުނީ ރަގަޅަށް...އާރިޒް މަންމަ ކިޔަނީ ބަލްސަމްއަށް.." ޑޮކްޓަރ އާރިކް މާނަވީގޮތަކަށް ހީލައިފިއެވެ.

"ތިއީ ކާކު؟ " ބަލްސަމްގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. އާރިޒްއާއި ތަފާތެއް ނެތް ޒުވާނެއް ދުނިޔޭގައި ހުރުމުގެ މާނައަކީ ކޮބާހެއްޔެވެ؟

"ގެޓް އައުޓް...." އާރިކް ފައިނާއަށް ބަލައިލީ ލޯ ހަނިކޮށްލާފައެވެ. ފައިނާއަށް އެ ހަގީގަތް އެނގެން އާރިކް ބޭނުމެއްނޫނެވެ. ބަލްސަމްއަށް މިއަދު އޭނައާއި އާރިޒްއަކީ ބަލްސަމް ވިހޭދަރިން ނޫންކަން އެނގެން ޖެހޭނެއެވެ. ބަލްސަމް ވިއްސިއިރު ޝަކީރާވެސް އެތާކުނެތެވެ. ބަލްސަމްވެސް ހޭވެރިކަން ނެތުމުން އެވަގުތުކޮޅު ހިނގާދިޔަ ކަންތައް ނޭގުނީއެވެ. ހަގީގަތަކީ އެކުދިން އުފަންވީ ދުނިޔޭގެ އެހެން ބިމަކަށް ކަމެވެ. އެކުދިންގެ ތެރެއިން އާރިޒް ބަލްސަމް ގާތު ބާއްވާފައި އާރިކް ގެންދެވުނީ އެހެން ދިމާލަކަށެވެ. އާރިޒްގެ މޫނުގައި ހުރި ލަފަކީ ގުދުރަތީ ލަފެއްވެސް ނޫނެވެ. ނަމަވެސް އެކުދިން ދުނިޔެއަށް އައުމާއި ޖިންނިންނާއި ގުޅުވުމުގެ ބަދަލުގައި އާރިކް ބުނެދިނީ އެކުދިންގެ ހަގީގީ މަންމަ ބަލްސަމްއަށް ނުވާ ކަމަށާއި އާރިޒްއަކީ އެހެން މީހެއްގެ ދަރިއެއްކަމުގައެވެ.

"ތޭންކް ގޯޑް. އެހެންވެ މަގޭ ހިތުގައި އާރިޒްއަށްޓަކާ މައިވަންތަކަމުގެ ކުލުނު ނެތީ. ލޯބިވެސް ނުވެވުނީ. އަމިއްލަ ދަރިއެއް ނޫންކަމުގެ އިހުސާސް އެދުވަހުން ފެށިގެން ކުރެވުނު. ވީއިރު އަހަރެން އާރިޒްއަށް ކިރުނުދީ މަންމަ ބޮލަށް ޖަހާފައި ދިޔަސް މަ ކުށްވެރިވާނެގޮތެއް ނެތެއްނު. އާރިޒްއަކީ އަހަރެންގެ ލެޔެއްނޫން. ބީރައްޓެއްސެއް. އަހަރެން ވިހޭދަރިފުޅު މަރުވީމަ އެހެން މީހެއގެ ދަރިއެއް ގެނެސް ބާއްވާފައި އޮޅުވައިލި ބަޔަކަށް ލައުނަތް ހުރި. ކަލޭމެން ތީ މަކަރުވެރިބަޔެއް. ގޮތްކުޑަ ބަޔެއް. އަމިއްލަ އެދުމުން ފުރިފައިވާ ބަޔެއް. އަހަރެން އެންމެ އުފާކުރާކަމަކީ ނޭގިނަމަވެސް އަހަންނަށް ބަދަލު ހިފުނީތީ. އާރިޒްއަށް އަނިޔާވެރިވެވުނީ ހަމަ ރަގަޅަކަށް. ކުރެވުނު ވަރު ކުޑައީ....................." ބަލްސަމްގެ ރުޅިގަނޑު ފަޅައިގެންގޮސް ފާޑަކަށް ހަޅޭއްލެވެން ފެށިއެވެ. އަދި އާރިޒްގެ މޫނުމައްޗަށް ބާރު ހުރި އެތިފަހަރެއް ވީއްލާލައިފިއެވެ. އެއާއިއެކު ލޯމަތީ އެޅިފައިވާ ވިލާގަނޑެއް ކެހިގެންދާ ފަދައިން މަޑުމަޑުންގޮސް އާރިޒްގެ ސިކުނޑިއަށް ހުރިހާ އެއްޗެއް އަންނާން ފެށިއެވެ. އޭނަގެ މާޒީގެ ކޮންމެ ދުވަހެއް އޭގެ ފުރިހަމަކާއިއެކު ކުރިމަތީގައި ފެންނާންފެށިއެވެ. ހުރިހާ ސަފުހާތަކެއް ލަފުޒުތަކަކަށް ވެގެން އައިސް އޭނަގެ ހަޔާތުގެ ހިތި މާޒީ ކިޔައިދީފިއެވެ.

މަންމަގެ ރުޅިއާއި އަނިޔާތަކާއި މާމަގެ އޯގާތެރިކަމެވެ. އޭނަ ސްވިޒަލޭންޑަށް ކުރި ދަތުރެވެ. އާޔާގެ ނަފްރަތާއި ސިއެނާ އަދި އާރްޔާގެ ލޯތްބެވެ. ނޫރިއާއާއި ފުރުގާންއެވެ. ލޫގާއާއި އަލާނިއަލް އަދި ޒޭބާވެސް މެއެވެ. ޖަނާހުގެ ހިތްހެޔޮކަމާއި އޭނައަށް ކޮންމެކަމެއްގައި އެހީތެރިވެދީ އަޅާލީ ހަދާންތަކެވެ. ފައިނާމެން އޭނައަށް ކުރި ގޯނާތަކާއި ޖެއްސުންތަކެވެ. ހުރިހާ ހަދާންތަކެއް އެނބުރި އައުމުން ފެންކަޅިވާގޮތް ވުމުން ބޭނުންވީ ވަގުތުން އެނބުރި ދިޔުމަށެވެ. އެންމެ ބޮޑަށް ދެރަވީ މި ހަގީގަތް އެނގުމަށްފަހު އާޔާއާއި އޮތް ގުޅުން ކެނޑޭނެތީއެވެ. އޮޅުވާލުމެއްގެ ތެރޭ އާޔާ ނުބެހެއްޓޭނެއެވެ. އެ ހަގީގަތް އެނގުމަށްފަހު އާޔާ އޭނައާއި ވަކިވާނެކަމީ އިރުފެންނަ ފަދައިން ޔަގީންވާކަމެކެވެ.

***

އާރިޒްގެ ޚަބަރެއް ނުވެ މާ ގިނައިރުވާން ފެށުމުން އާޔާ ހާސްވިއެވެ. އާރިޒްއަށް ކަމެއްވީ ބާވައެވެ. އަމިއްލަ ނަފުސަށް އަޅާނުލާ ފަރުވާކުޑަކޮށް އުޅެނިކޮށް ގެއްލުމެއްވެސް ވެދާނެއެވެ. ރޭގަ ސިގްރެޓްބޯން ބެލްކަނީގައި ހުރިތަން އޭނަ ދެކުނެވެ. އޭނަ ދޮރު ހުޅުވައިލިއިރު އާރިޒްވެސް ކޮޓަރިއަށް ވަނީއެވެ. ކޮޓަރި ކަނު އަނދިރިކަމަށް ގެނބިފައެވެ. އޭނަ މެސެޖްކުރިއިރު ފޯނު ނިއްވާލާފައެވެ.

އާޔާ އެތައްފަހަރު މިސްކޯލްދިނެވެ. މެސެޖްކުރިއެވެ.

"އިރާދަކުރެއްވިއްޔާ އާރިޒްއަށް ގެއްލުމެއްނުވާނެ. މޭ ﷲ ޕްރޮޓެކްޓް ހިމް..." އާޔާއަށް ރޮވޭކަން އެނގުނީ ކޯތާފަތް ތެމުމުންނެވެ\.


***

ނޫރިއާ ކާރުން ފައިބަން ފުރުގާން އެހީތެރިވެދިނެވެ. މަންމަގެ އަތުގައި ހިފަހައްޓައިގެން ހުރެ މަޑުމަޑުން ހިނގާލާފައިގޮސް ސިޓިންރޫމްގައި މަންމަ އާއްމުކޮށް އިންނަން ބޭނުންވާ ގޮނޑީގައި ބޭންދުމަށްފަހު ފުރުގާން މަންމަގެ ނިތްކުރިއަށް ބޮސްދިނެވެ. އަދި ފައިތިލައަށް ފިނިވެދާނެތީ އިސްޓާކީނެއްލައްވާދިނެވެ. ނޫރިއާގެ ލޮލުން އުފާވެރިކަމުގެ ވިދުވަރު ފައުޅުވިއެވެ.

"ދަރިފުޅު ތިއުޅޭގޮތުންވެސް މަންމަ ހަދާންވަނީ ޖާސިމް....."

"އަޅުގަނޑުމެން އެންމެން އެކީ ސުވަރުގެއިން ބައްދަލުވާނެ އިރާދަކުރެއްވިއްޔާ..........." ފުރުގާން ކުރިމަތީ ހުރި ސޯފާގައި އިށީނެވެ.

"ދަރިފުޅާ. ސިއެނާ އަދިވެސް އެއްވެސް ވަރަކަށް ރަގަޅުނުވަނީތަ؟ މަންމަގެ ޖާސިމްއަށްވެސް ވީ ހަމަ މިހެން. އެކަމަކު ސިކުނޑީގެ މައްސަލައެއްނޫން. މަންމަ މިއަދު ބުނެފާނަން ދަރިފުޅަށްވެސް މަންމަ ފޮރުވާފައިވާ ސިއްރެއް.................................." ނޫރިއާ އަތް މޮޑެލަމުން މަޑުމަޑުން ބުނެލިއެވެ.

(ނުނިމޭ...)

https://sun.mv/121122

comment ކޮމެންޓް