އިމްރާންގެ ވާހަކަތައް އުމަރު ދޮގުކުރައްވައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު --- ސަން ފޮޓޯ

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން ހުރިތަން އެނގުމުން ވެސް ލުތުފީ ގެންނައުމަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް މުހިންމު ކަމަކަށް ނުވި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން އުމަރު އެކަން ދޮގު ކުރައްވައިފި އެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ 2014 ވަނަ އަހަރު ލުތުފީ ހުރިތަނުގެ މައުލޫމާތު ލިބުމުން، އޭނާ އަނބުރާ ރާއްޖެ ގެނައުމަށް ގިނަ މަސައްކަތަކެއް ދިވެހި ފުލުހުން ކުރި ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވީ އުމަރުގެ އިޒުނަ ނުލިބިގެން ކަމަށެވެ.

މިނިސްޓަރުގެ ވާހަކައަށް ރައްދު ދެއްވައި އުމަރު ދާދި ދެންމެއަކު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އިމްރާން ހެއްދެވީ ކަނޑައެޅިގެން ދޮގު ކަމަށާއި، ލުތުފީ ގެނައުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރީ ވެސް އޭނާ ކަމަށެވެ.

"މަޖިލީހުގައި މިނިސްޓަރު އިމްރާން، އަޅުގަނޑާ ބެހޭ ގޮތުން ހެއްދެވީ ކަނޑައެޅިގެން ދޮގެއް. ލުތުފީ ހޯދުމަށް އެންމެ ގިނަ މަސައްކަތް ކުރި ވަޒީރަކީ އަޅުގަނޑު،" އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ ލުތުފީ މާލެ ނުގެނެވުނީ އޭރުގެ ހޯމް މިނިސްޓަރަށް ލުތުފީ މާލެ ގެނައުމަކީ މުހިންމު ކަމަކަށް ނުވުމުން ކަމަށެވެ.

ލުތުފީ ހޯދައިގެން އަނބުރާ މާލެ ގެނައުމަށް ކުރީގެ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް މީގެ ކުރިން މަޖިލީހުގައި ގިނަ އެމްޑީޕީ މެމްބަރުންތަކެއް ވާހަކަ ދެއްކުމުން، އުމަރު ވަނީ އޭނާގެ ހޯމް މިނިސްޓަރު ކަމުގެ ދަށުން ލުތުފީ ހޯދަން ކުރި މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވައިފަ އެވެ.

އުމަރު ހާމަކުރެއްވި ތަފްސީލުތައް:

- ލުތުފީ ހައްޔަރު ކުރުމަށް މަގުފަހިކޮށްދޭ ވަރުގެ މައުލޫމާތެއް ދިން ފަރާތަކަށް 75،000 ރުފިޔާގެ އިނާމެއް ހުށަހަޅައި، ފަހުން އެ އިނާމު 10،000 އެމެރިކާ ޑޮލަރަށް ބޮޑުކޮށް އެ މައުލޫމާތު ސްރީލަންކާގެ ފުލުހުންނަށް ވެސް ފޯރުކޮށްދީފައިވޭ

- ލަންކާގެ ލޯ އެންޑް އޯޑާ މިނިސްޓަރާ އެކު ކޮލަމްބޯގައި ކުރިއަށް ދިޔަ ރަސްމީ ބައްދަލުވުމުގައި ލުތުފީގެ މައްސަލަ އެޖެންޑާ ކުރެވި، އެކަމުގައި ލަންކާގެ އެހީތެރިކަމަށް އެދިފައިވޭ

- ނޭޕާލްގައި ބޭއްވުނު ސާކް ގައުމުތަކުގެ ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރޭގައި ވެސް ލުތުފީ ހޯދުމާ ބެހޭ ގޮތުން ލަންކާގެ މިނިސްޓަރާ ވަކިން ބައްދަލުކޮށް ވާހަކަ ދެއްކެވި

- ލަންކާގެ ޕޮލިސް ޗީފް އާއެކު ކުރިއަށް ދިޔަ ރަސްމީ ބައްދަލުވުމުގައި ލުތުފީގެ މައްސަލަ އެޖެންޑާކޮށް ލަންކާގެ ފުލުހުންގެ އެހީތެރިކަމަށް އެދިފައިވޭ

- ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ އަހުމަދު ނަސީމް (ކެރަފާ ނަސީމް) އާ އެކު ލުތުފީ ހުރިކަމުގެ މައުލޫމާތު ލިބުމާއެކު ވަގުތުން ލަންކާ ފުލުހުން އެތަނަށް ފޮނުވި. ނަމަވެސް ފުލުހުންނަށް ދެވުނު އިރު ލުތުފީ ވަނީ އެތަނުން ފިލާފައި

- ލަންކާގެ ނުގޭގޮޑާގައި ލުތުފީ އުޅޭކަމުގެ މައުލޫމާތު ލިބުމުން، ދިވެހި ސިއްރު ފުލުހުންގެ ޓީމެއް ލަންކާއަށް ފޮނުވާ ފާރަލުމަށް އެއް މަސް ދުވަހުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ

އޭގެ އިތުރުން އުމަރު ވިދާޅުވީ ލަންކާގެ ވަކިވަކި ފުލުހުންގެ އަތުގައި ލުތުފީގެ ފޮޓޯ އާއި މައުލޫމާތު ހުންނާނެ ކަމަށާއި ލުތުފީ މިއަދު ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަދެ ފިލާ އޮންނަން ޖެހުނީ ކުރީގެ ސަރުކާރުން ހުށަހަޅައިފައި އޮތް 10،000 ޑޮލަރުގެ އިނާމުގެ ސަބަބުން ކަމަށެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ އާގުޅިގެން ލުތުފީގެ މައްޗަށް ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް ރައީސް މައުމޫން ވަނީ ލުތުފީގެ އަދަބު ލުއިކޮށްދީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދީފައެވެ.

އުމުރަށް ޖަލަށް ހުކުމްކޮށްފައިވާ ލުތުފީ، ބޭސްފަރުވާއަށް ރާއްޖެއިން ފޮނުވާލީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 16 ގައެވެ. އެފަހުން ލުތުފީ ފިލައިގެން ދިރިއުޅެމުން އަންނަނީ ލަންކާގައެވެ. އެއަށްފަހު މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އޭނާ އަމިއްލަ އަށް ދިވެހި އެމްބަސީއަށް ގޮސް އަމާންދީ ފުލުހުންނާ ވަނީ ހަވާލުވެފައެވެ.

comment ކޮމެންޓް