ލުތުފީ މާލެ ނުގެނެވުނީ އުމަރަށް އެކަން މުހިންމު ނުވުމުން: އިމްރާން

-- ސަން ފޮޓޯ

ނޮވެމްބަރު ތިނެއްގެ ހަމަލާގެ މޭސްތިރިޔާ، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލާ ހުރި ތަނުގެ މައުލޫމާތު 2014 ވަނަ އަހަރު ލިބުނު ކަމަށާއި، އޭރު އޭނާ މާލެ ނުގެނެވުނީ އޭރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އުމަރު ނަސީރުގެ އިޒްނަ ނުލިބުމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ލުތުފީ އަނބުރާ ރާޢްޖެ ގެނައުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ދޭތޯ އަދި ލުތުފީ މިހާރު ހުރި ގައުމެއް އޮޅުންފިލުވުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގެ ތަޅުމުގައި މިއަދު ކުރުމަތިކުރުވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އިމްރާން ވިދާޅުވީ 2014 ވަނަ އަހަރު ލުތުފީ ފިލައިގެން ހުރި ތަނުގެ މައުލޫމާތާއި ލުތުފީގެ ބައެއް މުއާމަލާތްތަކުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ.

އެ މައުލޫމާތުތަކާ ގުޅިގެން ލުތުފީ އަނބުރާ މާލެ ގެނައުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކޮށް، އެކަމުގެ ވަރަށް ފަހު ސްޓޭޖަކަށް ގޮސްފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށް އިމްރާން ވިދާޅުވި އެވެ.

"ނަމަވެސް އޭރުގެ ހޯމް މިނިސްޓަރުގެ އެޕްރޫވަލް އެއް ނުލިބިގެން އެކަންކަން ނުވެގެން ދިޔަ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މަސައްކަތް އެހާ ހިސާބަށް ދިޔަ ނަމަވެސް، ލުތުފީ މާލެ ނުގެނެވުނީ އޭރުގެ ހޯމް މިނިސްޓަރަށް ލުތުފީ މާލެ ގެނައުމަކީ މުހިންމު ކަމަކަށް ނުވުމުން ކަމަށެވެ.

"އޭރުގެ މިނިސްޓަރު އަނގަބަހުން ކުރައްވާފައި ހުރި މުއާމަލާތްތައް ހުރި ޓީމާ އެކުގައި. އޭރުގެ މިނިސްޓަރު ވިދާޅުވިކަމަށް ވަނީ އެހާ ބޮޑު އިސްކަމެއް ދެވޭ ކަމެއް ނޫން ކަމަށް ލުތުފީ އަނބުރާ މާލެ ގެނައުމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަ ނިންމާލީ ކުރީގެ ސަރުކާރަށް ލުތުފީ އަނބުރާ ރާއްޖެ ގެނައުން މުހިންމު ކަމެއް ކަމުގައި ނުވިޔަސް، މި ސަރުކާރަށް އެއީ މުހިންމު ކަމެއް ކަމުގައި ވިދާޅުވަމުންނެވެ.

އިމްރާން އެހެން ވިދާޅުވި ނަމަވެސް، އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ލުތުފީ ގެންނަން އެންމެ ބޮޑު މަސައްކަތެއް ކުރީ އޭނާގެ މިނިސްޓަރު ކަމުގައި ކަމަށެވެ. އަދި ލުތުފީ އަމިއްލައަށް އެމްބަސީއާ މިފަހުން ހަވާލުވީ ވެސް އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ލުތުފީ ގެންނަން، އޭނާ ހުރަސް ނާޅާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ސްރީލަންކާ ހަތިޔާރު އެޅި ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަހަމުތައްވެ އަނިޔާވި އެވެ.

އެ ހަމަލާއަށްފަހު ފުރަތަމަ ލުތުފީއަށް އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް ރައީސް މައުމޫންގެ ސަރުކާރުން ލުތުފީގެ ހުކުމް ލުއިކޮށްދީ، އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދިނެވެ.

ހުކުމުގެ މުއްދަތު ފުރިހަމަ ނުވަނީސް، ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވުމުން ލުތުފީ ފިލައިފައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއަށްފަހު އޭނާ ދިރިއުޅެމުން ދިޔައީ ލަންކާގަ އެވެ. އަދި މި އަހަރުގެ މެއި މަހު އޭނާ ވަނީ އަމިއްލައަށް ދިވެހި އެމްބަސީއަށް ގޮސް، ސަރުކާރާ ހަވާލުވެފަ އެވެ.

މިނިސްޓަރު އިމްރާން މިއަދު ވިދާޅުވީ ލުތުފީ ގެންނަން ކުރަންޖެހޭ ހުރިހާ ކަމެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، މިހާރު ބޭނުންވަނީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް އެކަނި ކަމަށެވެ. އެ ލިޔުން ލިބުނުހާ އަވަހަކަށް ލުތުފީ މާލެ ގެންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

comment ކޮމެންޓް