ރިލްވާން މައްސަލައިގައި އެޗްއާރުސީއެމްގެ މަސައްކަތްތައް މަޖިލީހާ ހިއްސާކޮށްފި

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ---

ވީނުވީއެއް ނޭނގި ގެއްލުވާލުވާލި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުރި މަސައްކަތްތައް ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފިއެވެ.

އެޗްއާރުސީއެމް އިން އެ މައުލޫމަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ހިއްސާ ކުރީ ރިލްވާން މައްސަލައާ ގުޅިގެން ގައުމީ ސަލާމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ.

އެޗްއާރުސީއެމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، މ. ޝައިނިން ސްޓާ، ރިލްވާން ގެއްލުވާލި މައްސަލައާ ގުޅޭގޮތުން އެ ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހާ މިއަދު ހިއްސާކޮށްފައިވާ ކަމަށެވެ.

ރިލްވާންގެ މައްސަލައިގައި ކުރި ކަންކަމަށް އަލިއަޅުވާލުމުން ބަޔާނުގައި ބުނީ އެ މައްސަލަގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލިސްތަކުގެ އަޑުއެހުންމަށް އެ ކޮމިޝަނުން ހާޒިރުވެފައިވާ ކަމަށެވެ. އަދި ކޯޓުން ކޮށްފައިވާ ހުކުމާއި ފުލުހުން ހިންގި ތަހުގީގާ ގުޅޭގޮތުން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފުލުހުންނާއި ޕްރޮސެކުއުޓާ ޖެނެލްގެ އޮފީހާ އެކު ބައްދަލުވުންތައް ބޭއްވުނު ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.

ރިލްވާން މައްސަލައިގައި ފުލުހުން އިހުމާލުވޭތޯ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އަންނަނީ ބަލަމުންނެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ހާޒިރު ކުރުމަށް އެ ކޮމިޓީން ވަނީ ނިންމާފައެވެ.

https://sun.mv/121245

މިދިޔަ ހަފްތާގައި ބޭއްވި ކޮމިޓީގެ ބައްދަލުވުމާ ގުޅޭ ގޮތުން ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް މީގެ ކުރިން "ސަން" އަށް ވިދާޅުވެފައިވަނީ، ރިލްވާން މައްސަލައާ ގުޅިގެން މައުލޫމަތު ސާފުކުރަން ޖެހޭ ފަރާތްތަކުގެ ކިބައިން މައުލޫމަތު ސާފުކުރުމަށް އެދިފައިވާ ކަމަށެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އައިލާގެ ފަރާތުން މި މައްސަލައިގައި ސާފު ކުރަން ހުރި ކަންކަން ސާފު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެެވެ.

ރިލްވާން ގެއްލިގެން ހޯދަން ފެށީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުއެވެ. އޭގެ ފަހުން ފަސް އަހަރެއްހާ ދުވަސް ވެފައިވާއިރު، އަދިވެސް ފުލުހުންނަށް ރިލްވާންއަށް ވީ ގޮތެއް ބުނެނުދެވެއެވެ.

comment ކޮމެންޓް