"ކޮޕާ އެމެރިކާ އޮތީ ކޮރަޕްޝަނަށް ގޮސް ހުސްވެފައި"

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ/ ޖޯ ރައިޓް

މިހާރު ބްރެޒިލްގައި ކުރިއަށްދާ ދެކުނު އެމެރިކާ ބައްރުގެ ކޮޕާ އެމެރިކާ މުބާރާތް ވަނީ ކޮރަޕްޝަނަށް ގޮސް ހުސްވެފައި ކަމަށާއި އެ މުބާރާތުގައި ވަކި ވަކި ޓީމުތަކަށް އެއްވެސް އިހުތިރާމެއް ނެތް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ރޭ އާޖެންޓީނާއާއި ޗިލީ ބައްދަލު ކުރި މެޗު ވެގެން ގޮސްފައި ވަނީ މިހާތަނަށް މި މުބާރާތުގައި އެންމެ ހަމަނުޖެހުން ބޮޑު މެޗަށެވެ. ގިނަ ކާޑުތަކަކާއި ރެފްރީގެ ގޯސް ނިންމުންތަކެއް ފެނިގެން ދިޔަ އެ މެޗުން އާޖެންޓީނާ މޮޅުވި ނަމަވެސް އެ ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމެންޓުން ތިބީ ރުޅި ގަދަ ވެފަ އެވެ. އަދި އެ ކަމުގެ ސަބަބުން އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ތިން ވަނައަށް ލިބުނު ޓްރޮފީ ބަލައި ވެސް ގޮސްފައެއް ނުވެ އެވެ.

ރޭ ކުޅުނު ފޯރިގަދަ މެޗުގެ ކުރީ ކޮޅު އާޖެންޓީނާއިން ވަނީ މަތި މައްޗަށް ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ ޕޯލޯ ޑިބާލާއާއި ސާޖިއޯ އަގުއޭރޯގެ ގޯލަށް ފަހު މެޗުގެ ފޯރި އިތުރަށް ގަދަ ވެގެން ދިޔައީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާގެ ކެޕްޓަން މެސީއަށާއި ޗިލީގެ ގެރީ މެޑަލްއަށް ދެއްކި ރަތް ކާޑަކުންނެވެ. އެ ދެ ކުޅުންތެރިންގެ ތެރޭގައި ޖެހުނު މައްސަލައިގައި ރަތް ކާޑު ދެއްކުމުން ގިނަ ބަޔެއް ތިބީ ހައިރާން ވެފަ އެވެ.

ސަބަބަކީ އާންމު ގޮތެއްގައި އެފަދަ މައްސަލަ ތަކަކީ ދެ ކުޅުންތެރިންނަށް ނަސޭހަތް ދީ ކާޑެއް ވެސް ނުދައްކާ ދޫކޮށްލާ ފަދަ ކަމަކަށް ވާތީ އެވެ. ދެ ޓީމު ވެސް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ދެން އޮތްބައި ކުޅުނު އިރު ދެ ޓީމުން ވެސް ކުޅުނީ ނުރައްކާތެރި ކުޅުމެކެވެ. އަދި ޗިލީއިން ވަނީ މެޗު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ގޯލެއް ވެސް ޖަހައިފަ އެވެ.

އެ މެޗަށް ފަހު މަދުން ނޫނީ ރުޅި އައިސްފައިވާ މަންޒަރު ނުފެންނަ މެސީ ވަނީ މުބާރާތުގެ އިންތިޒާމަށާއި މުބާރާތުގެ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އޭނާ ބުނީ މި ފަހަރުގެ މުބާރާތުގެ އަޑީގައި އޮތީ ބޮޑެތި ކޮރަޕްޝަންތަކެއް ކަމަށެވެ.

"މުބާރާތުގައި އޮތީ މުޅިން ވެސް ކޮރަޕްޝަން. ޓީމުތަކަށް އެއްވެސް އިހުތިރާމެއް ނެތް. ވަކި ބަޔަކަށް ތަށި ދޭން ވެގެން މާކުރިން ވެސް ރާވާފައިވާ ކަން މީގެން މި އިނގެނީ،"

މެސީއަށް ދެއްކި ރަތް ކާޑާ ބެހޭ ގޮތުން އޭނާ ބުނީ އެންމެ ކުޑަމިނުން ވީގޮތް ބަލާލަން ރެފްރީ ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީތެރިކަން ވެސް ބޭނުން ނުކުރާ ކަމަށެވެ. އަދި އޭނާއަށް ދެއްކި ރަތް ކާޑަކީ އެ މެޗުގެ ކުރިން މުބާރާތުގެ އިންތިޒާމަށް ފާޑު ކިއުމުން ބަދަލެއްގެ ގޮތުގައި ކުރި ކަމެއް ކަމަށް ވެސް މެސީ ވަނީ ތުހުމަތު ކޮށްފަ އެވެ.

comment ކޮމެންޓް