އެގްރިމެންޓްތައް އެފުށް މިފުށަށް ޖެހުމަކީ ޔާމީނަށް ވެރިކަން ނުދޭނެ ސަބަބެއް: ނަޝީދު

ރައީސް ނަޝީދު: އެގްރިމެންޓްތައް "އެފުށް މިފުށަށް"ޖެހުމަކީ ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ ސަބަބެއް ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް އިދާރާ

ސަރުކާރުން ހަދާ އެގްރިމަންޓްތައް އެފުށް މިފުށަށް ޖަހާނެ ކަމަށް ވިދާޅުވުމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުން އަނެއްކާވެސް ވެރިކަން ނުދޭނެ ސަބަބެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.

ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ސިޔާސީ ލީޑަރު، ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ބާރު ލިބޭ ދުވަހަކުން، މި ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާ އެގްރިމަންޓްތައް "އެފުށް މިފުށަށް" ޖަހާނެ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދުދެއްވާ ކުރީގެ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ޒިންމާދާރު ކަމެއް ނެތި އެގްރިމަންޓްތައް "އެފުށް މިފުށަށް" ޖެހުމުން ދައުލަތައް ލިބުނު ގެއްލުން އެތަށް ބިލިއަނަކަށް އަރާފައިވާ ކަމަށެވެ.

"ރައްޔިތުންނަށް ލިބޭ ގެއްލުމަށް ބަލާލުމެއް ނެތި، އަނެއްކާވެސް އެގްރީމަންޓްތައް އެފުށް މިފުށަށް ޖަހާން ވިދާޅުވުމަކީ، ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު،" ސަރުކާރު ހިންގައި މައި ޕާޓީ، އެމްޑީޕީގެ ރައީސް، ރައީސް ނަޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ކޯޓުން މިނިވަންވެ، ފުރަތަމަ ފަހަރަށް އެއްވުމެއްގައި ބައިވެރިވެ ވާހަކަ ދައްކަވަމުން ރޭ ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅުގައި ކުރިން އެޕާޓީ އޮތް އިރުވެސް، އެންމެ ބޮޑަށް ވަކާލާތު ކުރީ ބޭރުގެ ފަރާތްތަކަށް ހަރުމުދާ ކުއްޔަށް ދިނުމާ ދެކޮޅަށް ކަމަށެވެ. އެގޮތުން މިހާރުވެސް އެގޮތަށް ހަރުމުދާތައް ކުއްޔަށް ދިނުމަކީ އިދިކޮޅުން ތަހަންމަލް ކުރާނެ ކަމެއް ނޫން ކަމަށެވެ.

"ﷲގެ ރަހްމަތާއެކު ސަރުކާރު ބަދަލުވެއްޖެ ނަމަ، އަޅުގަނޑުމެންގެ ބާރު ހިނގާ ސަރުކާރެއް އަތުވެއްޖެ ނަމަ، މި ހުރިހާ އެގްރިމަންޓެއް އެފުށް މިފުށަށް ޖަހާނަން،" އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ވިދާޅުވިއެވެ.

ކުރިގެ ސަރުކާރުތަކުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި އަމިއްލަ ކުންފުނިތަކަށް ބަދަލު ދިނުމަށް ކޯޓުތަކުން އަންނަނީ ހުކުމް ކުރަމުންނެވެ. އަދި މިހާރުވެސް ބައެއް މައްސަލަތައް ކޯޓުގައި ދަނީ ހިނގަމުންނެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ، ދައުލަތުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށެވެ.

https://sun.mv/121291

comment ކޮމެންޓް