ފަލަ ސުރުޚީ އިން ނުގޮސްގެން އުޅޭ ޚާއިނު

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ: -

ރާއްޖޭގެ ފަހުގެ ތާރީޚުގައި ޤައުމަށް އެންމެ ނުރައްކާތެރިވި ދުވަހަކަށްވީ 1988 ވަނަ އަހަރު ގެ ނޮވެންބަރު މަހު ގެ ތިންވަނަ ދުވަހެވެ. ދިވެއްސަކު މޭސްތިރި އަކަށް ހުރެ ހަތިޔާރާ އެކު ކުލީ ސިފައިން ރާއްޖެ އަށް ގެނެވުނު ދުވަހެވެ. ރާއްޖޭގެ ޤާނޫނީ ވެރިކަން ބަދަލު ކުރުމަށް ފަހު ބަޣާވަތަކުން ރާއްޖޭގެ ވެރިކަމަށް އައުމަށެވެ. އެ އަނިޔާވެރި ހިތާމަވެރި ޙާދިސާގައި ނަވާރަ މަޢުސޫމް ދިވެހިން މަރުވި އެވެ. ރާއްޖެ ސަލާމަތުގެ އައްސޭރި އަށް ގެންގޮސް ދިނީ އަވައްޓެރި އިންޑިއާ އެވެ.

އެ އަނިޔާވެރި ޙާދިސާ ހިނގިތާ މިހާރު ތިރީސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެެވެ. އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތު ވެގެން ނިޔާކަނޑައެޅުނު މީހުންގެ ތެރެއިން ބައެއް މީހުން މެރުމަށް ވެސް ނިޔާކަނޑަ އެޅުނެވެ. މެރުމުގެ ނިޔާ ސަރުކާރުން ވަނީ އުމުރު ދުވަހުގެ ޖަލު ޙުކުމަކަށް ބަދަލު ކޮށްފަ އެވެ. ވަރަށް ގިނަ ޤައުމުތަކުގައި އޮންނަ ގޮތަށް ރާއްޖެ އިން ވެސް އުމުރު ދުވަހުގެ ޖަލު ޙުކުމުގެ މުއްދަތަކަށް ބަލަމުން އައިސްފައި ވަނީ ފަންސަވީސް އަހަރު ޖަލުގައި ހޭދަ ކުރުމެވެ. އެ ބަޣާވަތުގެ މޭސްތިރި ޚާއިނު ފިޔަވައި އެހެން ހުރިހާ ކުށްވެރިން ވެސް މިހާރު ވަނީ އެ މީހުން ނަށް ކަނޑައެޅުނު ޙުކުމުގެ މުއްދަތު ހަމަވުމަށް ފަހު މިނިވަން ވެފަ އެވެ. ބައެއް މީހުން ޙުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ވެސް އެއިރުގެ ސަރުކާރުން ޤަބޫލު ކުރާ ބައެއް ސަބަބުތަކެއް މެދުވެރިވެގެން މިނިވަން ކުރެވިފައިވެ އެވެ. މިހާރު ޖަލު ޙުކުމުގެ މުއްދަތު ހަމަ ނުވެ ހުރީ އެންމެ ޚާއިނެކެވެ. އޭނާ ބޭސްފަރުވާ އަކަށް ލަންކާ އަށް ފޮނުވުމުން ފިލީ އެވެ. އޭނާ ފިލާ ފާނެ ތީވެ އެއިރުގައި ވެރިކަމުގައި އޮތް ސަރުކާރުން އޭނާ ފިލިޔަ ނުދިނުމަށް އޭނާ އާއި އެކު ބަޔަކު ފޮނުވުނު ކަމުގައި ވެސް ވެ އެވެ. އޭނާ ހޯދުމަށް ކުށްވެރިން ހޯދާ ބައިނުލްއަޤްވާމި ފަރާތަށް ވެސް އެންގި ކަމުގައި ވެ އެވެ. އޭނާ އަކީ އެ ފަރާތުން ރަތް ނޯޓިސް ނެރެފައި އޮތް މީހެއް ކަމުގައިވެ އެވެ. ނުވަ އަހަރު ވާންދެން ލަންކާގައި ވިސާއެއް ނެތި، އެއްވެސް ޤާނޫނީ ކަރުދާހެއް ނެތި އޭނާ ފިލައިގެން އުޅުނެވެ. އޭނާ އަމިއްލަ އަށް އަމާން ދިނީ ލަންކާ އަށް ޓެރަރިސްޓު ހަމަލަ އެއް ދިނުމުގެ އެއް ދުވަސް ކުރިން ކަމުގައި ވާހަކަ ދެކެވެ އެވެ. ބަޔަކު އޭނާ ހޯދީ އެއް ނޫނެވެ. އޭނާ އަމިއްލަ އަށް ލަންކާގައި ހުންނަ ރާއްޖޭގެ ސަފީރު އޮފީހަށް ދިޔަ އީ އެވެ. އޭނާގެ ވާހަކަ ރާއްޖޭގެ މީޑިއާގައި ފަލަ ސުރުޚީގައި އޮންނަން ފެށީ އޭނާ ސަފީރު އޮފީހު ގައި ހުރިކަން އެގުނު ހިސާބުން ނެވެ. ސުވާލުތައް ނުކުންނަން ފެށީ އެހާ ހިސާބުން ނެވެ. ސަފީރު އޮފީހުގައި ހުރި ކަން ވަންހަނާ ކޮށްފައި އޮތުމުން ނެވެ.

ބަޣާވަތުގެ އިސް މޭސްތިރި ޚާއިނު ލަންކާގައި ހުރީ ވިސާ އެއް ނެތި އެވެ. ލަންކާ ގެ ޤާނޫނާއި ޚިލާފަށެވެ. އޭނާ ލަންކާގެ ރަސްމީ ފަރާތަކަށް ހިގައްޖެ ނަމަ އޭނާ ވަގުތުން ޖަލަށް ލެވޭނެ އެވެ. ލަންކާގެ އިމިގްރޭޝަނުގެ ޤާނޫނާ ޚިލާފަށް ލަންކާގައި ދިރިއުޅޭ މީހުން ލާ ޖަލަށެވެ. އޭނާ ސަފީރު އޮފީހަށް ދިއުމުން ބައިނުލް އަޤްވާމީ އެއްބަސްވުންތަކުގެ ދަށުން އޭނާ އަށް އެ ހުރެވުނީ ލަންކާގައި އޮތް ރާއްޖޭގެ "ބިންކޮޅެއް" ގަ އެވެ. އެތަނަށް ލަންކާގެ ރަސްމީ ފަރާތަކުން ވަދެ ވޭނީ ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެން ނެވެ. އެފަދަ ހުއްދަ އަކީ ސަފީރު އޮފީސްތަކުން ދޭ ހުއްދަ އެއް ނޫނެވެ. މިހާރު އުފެދޭ ސުވާލަކީ އިސް ޚާއިނު ލަންކާގެ ޖަލަށް ނުވަންނަން ވެގެން ސަފީރު އޮފީހަށް ދިޔައީ ބާވަ އެވެ. އޭނާ އެތަނަށް ދިއުމުން އޭނާ އަށް އެތަނުން "ޙިމާޔަތް" ލިބޭނެކަން ކޮންމެވެސް ގޮތަކުން ކުރިން އެނގިފައި އޮތީ ބާވަ އެވެ. އޭނާ އަކީ ފިލައިގެން އުޅޭ ކުށްވެރި އެކެވެ. ދިވެހި ސަރުކާރުން އޭނާ ހޯދަން ބޭނުން ވެ އެވެ. ސަރުކާރަށް ލިބުނު ފުރުޞަތުގެ ބޭނުން ނުކޮށްފި ނަމަ ފަހުން އުނދަގޫތަކަކާ ކުރިމަތިލާން ޖެހުމަކީ ވެސް ވެދާނެ ކަމެކެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އޭނާ ދިވެހި ސަފީރު އޮފީހުގެ ބެލުމުގެ ދަށުގައި ހުންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. ސަރުކާރުން އެކަން ސިއްރު ކޮށްފައި ބޭއްވުމާ މެދު ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. އޭނާ އަކީ ޤަވައިދާ ޚިލާފަށް ލަންކާގައި އުޅެމުން ގެންދިޔަ މީހަކަށް ވުމާ އެކު، ދިވެހި ޤައިދީ އަކަށް ވިޔަސް އޭނާ ފުރުވާލުމުގައި ބައިވަރު ރަސްމީ ކަންތައްތައް ފުރިހަމަ ކުރަންޖެހޭނެ އެވެ. އަދި އިންޓަރޕޯލުގެ ރެޑް ނޯޓިސްގައި އޮތް މީހެއް ކަމަށް ވުމާއި އެކު، އެތަނުގެ ރަސްމީ ލިޔެ ކިއުންތައް ވެސް ފުރިހަމަ ކުރަންޖެހޭނެ އެވެ. އަޅުގަނޑުމެންނަށް މި މައްސަލަ ކިތަންމެ މުހިއްމު މައްސަލަ އަކަށް ވިޔަސް ކުރިން ދެންނެވުނު ފަރާތްތަކަށް ހުށައެޅޭ މި ބާވަތުގެ ބައިވަރު މައްސަލަތަކުގެ ތެރެއިން މި މައްސަލަ ވެސް ވާނީ އެއް މައްސަލަ އަކަށެވެ. މިހެންވުމާ އެކު އެ ފަރާތްތަކުގެ ލިޔެ ކިއުންތައް ތައްޔާރުކޮށް ފޮނުވުމަށް ވެސް ވަގުތު ނަގާނެ އެވެ. އަދި އެފަރާތްތަކުން އެފަދަ ލިޔެ ކިއުންތައް ދޫކުރާނީ އެތަނެއްގެ އެތެރޭގެ ތަޙުޤީޤަކަށް ފަހުގަ އެވެ. އިސް މޭސްތިރި ޚާއިނުގެ މައްސަލަ އާ މެދު ފުން ކޮށް ވިސްނި ވަރަކަށް އަޅުގަނޑަށް އުނދަގޫތައް ފެނެ އެވެ. ޚާއިނު ދިވެހި ސަރުކާރަށް އަމާންކަން ދީފައި ވަނީ ލަންކާގައި ޓެރަރިޒަމްގެ ހަމަލައެއް ދިނުމުގެ އެއްދުވަސް ކުރިން ކަމުގައިވެ އެވެ. އޭނާ އަކީ ރާއްޖޭގައި ޓެރަރިޒަމްގެ އަމަލު ހިންގި މީހެކެވެ. މިހެން ކަމަށް ވުމާ އެކު ލަންކާގައި ހިނގި ކަންތަކުގައި އޭނާ އަށް އެއްވެސް މިންވަރެެއްގެ އެނގުމެއް ވޭތޯ ލަންކާގެ ތަޙްޤީޤް ކުރާ ފަރާތްތަކުން ބަލަން ބޭނުން ވުމަކީ ވެސް ވެދާނެ ކަމެކެވެ. އަދި އޭނާ ފިލުވައިދިނީ ކޮންބައެއްތޯ އާއި އޭނާ އުޅުނީ ކޮން ހިސާބެއްގައިތޯ ބަލަން ބޭނުން ވެސް ވެދާނެ އެވެ. މި ހުންނަނީ ކުށް ކުރާ މީހުންނާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް މުހިއްމު މަޢުލޫމާތެވެ. މިފަދަ މަޢުލޫމާތަކީ ސުވާލު ކުރާ މީހާ ސުވާލެއް ކޮށްލުމާ އެކު ލިބޭނެ މައުލޫމާތެއް ނޫނެވެ. ޚާއިނު ރާއްޖެ ގެނައުމުގެ މުޅި މައްސަލަ ދިރާސާ ކޮށްލާ އިރު، ގެނައުން ލަސްވަނީ، ގިރާ ކުރަން ޖެހޭ ޤާނޫނީ ހުރަސްތައް ގިނަ ކަމުން ކަމުގައި ފެނެ އެވެ. ޚާއިނު ލަންކާގައި އުޅުނީ ފިލައިގެންނެވެ. އޭނާ ޤާނޫނާ ޚިލާފަށް ލަންކާގައި ދިރިއުޅުނު އަހަރުތަކުގެ ވިސާ ފީ އާއި ޖޫރިމާނާގެ ފައިސާ ދިވެހި ސަރުކާރުން ދައްކަން ޖެހޭނެ ކަމަށް ޤަބޫލު ކުރަން އުނދަގުލެވެ. އޭނާ އަކީ ފިލައިގެން އުޅުނު ޤައިދީ އަކަށް ވީ ތީ ވެ އެވެ. ޢާޢްމު ގޮތެއްގައި އިމިގްރޭޝަން އޮފީސްތަކުން މިކަހަލަ މައްސަލަ ތަކުގައި އަމަލު ކުރާ ގޮތަކީ ޤައުމުން ފުރުވާލުމެވެ. ދުވަހަކު ވެސް އެ ޤައުމަށް ނާދެވޭ ގޮތަށެވެ. ކޮންމެ ގޮތަކަށް ލަންކާގެ އިމިގްރޭޝަނުން މި މައްސަލަ ނިންމި އަސް މި ދަތުރުވާނީ ޚާއިނު ލަންކާ އަށް ކުރި އެންމެ ފަހު ދަތުރަށެވެ.

މި މައްސަލަ އިގެ ތަޖުރިބާ ގެ އަލީ ގައި އަޅުގަނޑުމެން ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އުމުރު ދުވަހަށް ޖަލަށް ލުމަށް ކުރެވޭ ޙުކުމަކީ ފަންސަވީސް އަހަރު ކަމުގައި ބެލުމުގަ އެވެ. ނަވާރަ މީހުން މެރުމުގެ ޒިއްމާ އުފުލާ މީހާ ވެސް ފަންސަވީސް އަހަރު ޖަލު ގައި ހޭދަ ކުރުމަށް ފަހު މިނިވަން ވެގެން ނުކުމެވޭ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު ގޮތަށް ވެދާނެ ބާވަ އެވެ. ބައެއް ޤައުމުތަކުގައި އެފަދަ ކުށްވެރިންގެ މުޅި ޙަޔާތް ހޭދަ ކޮށްލަން ޖެހެނީ ޖަލު ގައެވެ. އެއްވެސް މަޢާފެއްގެ ލިސްޓެއްގައި ނުހިމެނޭ ގޮތަށެވެ. މީހަކު މެރުމަކީ ހަމަ އެކަނި ތިމާ އަމިއްލަ އަށް މީހެއްގެ ގަޔަށް ބަޑި ޖަހާ މެރުމެއް ނޫނެވެ. ތިމާ އެހެން މީހަކަށް ފައިސާ ދީގެން މީހަކު މެރުން ވެސް ވާނީ ތިމާ ކުރި ކަމަކަށެވެ. މި ދަނޑިވަޅުގައި، ޤާނޫނު ހައްދަވާ ބޭފުޅުން އުމުރަށް ޖަލަށް ލުމު ގެ އަދަދު ކަނޑައެޅުމުގައި ތަފާތެއް ގެންގުޅުމާ މެދު ވިސްނެވުން ރައްކާތެރި އެވެ. މީހަކު މަރައިގެން މަރަށް ޙުކުމް ކުރެވެނީ އަދަބެއްގެ ގޮތުގައެވެ. ދެވަނަ ފަހަރަށް އެފަދަ ކަމެއް ކުރުމުގެ ފުރުޞަތު ޒާލިމަށް ނުދޭށެވެ. މެރުމުގެ ޙުކުމް ޖަލު ޙުކުމަކަށް ބަދަލު ކުރެވޭ އިރު، މީހަކު މެރުމުގެ ކުށް ކުރި މީހާ، އެއްވެސް މަޢާފެއްގައި ނުހިމެނޭ ގޮތަށް އޭނާގެ ޙަޔާތުގެ ބާކީ އޮތް ދުވަސްތައް ޖަލުގައި ހޭދަ ކުރާ ގޮތަށް އޮތުމަކީ، އަޅުގަނޑުގެ ނަޒަރުގައި، ކުށް ކުރި މީހާ އަށް، މެރުމުގެ އަދަބަށް ވުރެ، ބޮޑު އަދަބެކެވެ. އެހެންނަމަވެސް އުމުރަށް ޖަލަށް ލުމަކީ ފަންސަވީސް އަހަރު ކަމުގައި ބަލަން އޮންނަ ގޮތަށް ބަދަލެއް ގެނެވުނަސް، މިހާރު ޙުކުމް ތަންފީޒު ކުރަމުންދާ ބައެއްގެ އުމުރު ދުވަހުގެ ޖަލު ޙުކުމް ބެލުމުގައި މިހާރު އަމަލު ކުރަމުން ދާ ގޮތް ނޫން އެހެން ގޮތަކަށް ބެލުމަކީ އިންޞާފް ވެރި ގޮތަކަށް ނުވާނެ އެވެ.

comment ކޮމެންޓް