ރެފްރީގެ ނިންމުންތައް ގޯސް ކަމަށް ބުނެ މެސީ ރުޅިގަދަވެއްޖެ

އާޖެންޓީނާއާއި ބްރެޒިލް ބައްދަލު ކުރި މެޗަށް ފަހު ލިއޮނެލް މެސީ ރެފްރީންނާ ވާހަކަ ދައްކަނީ --- ފޮޓޯ// ޑެޔަން ކަލިނިޗް

މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި މިއަދު ބްރެޒިލްއާ ވާދަކޮށް އާޖެންޓީނާ ބަލިވި އިރު އެމެޗުގައި އިންސާފު ކުރި ރެފްރީގެ ނިންމުންތަކަށް ލިއޮނެލް މެސީ ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ އެންމެ ދަށް ފެންވަރުގެ ކުޅުމެއް ދެއްކުނު މުބާރާތް ކަމަށް ޚުދު އޭނާ ވެސް ގަބޫލު ކުރާ މިއަހަރުގެ ކޮޕާ އެމެރިކާއިން އާޖެންޓީނާ ކެޓީ 0-2 ގެ ނަތީޖާއަކުން މުބާރާތް ބާއްވާ ބްރެޒިލް އަތުން ބަލިވެގެންނެވެ. ނަމަވެސް އާޖެންޓީނާއިން ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ކުޅެ ބްރެޒިލްއަށް ގިނަ އުނދަގޫތަކެއް ކުރިމަތި ކުރުވާފަ އެވެ.

އާޖެންޓީނާއާއި ބްރެޒިލް ބައްދަލު ކުރި މެޗަށް ފަހު ލިއޮނެލް މެސީ ރެފްރީންނާ ވާހަކަ ދައްކަނީ --- ފޮޓޯ// ޑެޔަން ކަލިނިޗް

މެޗުގައި ގިނަ ހަމަލާތަކެއް އުފައްދައި އާޖެންޓީނާއިން މެޗު އެއްކޮށް ޑޮމިނޭޓް ކުރި ނަމަވެސް މެޗުގެ ކާމިޔާބު ލިބުނީ ބްރެޒިލްއަށެވެ. އާޖެންޓީނާއިން އުފެއްދި ނުރައްކާތެރި ދެ ހަމަލާއެއް ވެސް ގޯލުގެ ދަނޑީގައި ޖެހުނު އިރު ބްރެޒިލްއަށް ރޭގެ މެޗުގެ ގޯލުތައް ފިޔަވައި މާގިނަ ފުރުސަތު ތަކެއް ލިބިފައެއް ނުވެ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު އެ މެޗުގައި އެންމެ ހައިރާން ކުރުވަނިވި ކަމަކަށް ފެނުނީ މެޗު އެންމެ ހޫނު ވެގެން ދިޔަ ހާލަތް ތަކުގައި ވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ބޭނުން މެޗަށް އިންސާފު ކުރަމުން ދިޔަ ރެފްރީ ބޭނުން ނުކުރުމެވެ. ފައުލުތަކާއި ހަމަނުޖެހުންތައް ވެސް ގިނަ އެ މެޗުގައި ރެފްރީގެ ނިންމުމަށް އާޖެންޓީނާގެ ގިނަ ބަޔަކު ފާޑު ކިޔަމުންދާ އިރު އެކަން އެންމެ ބޮޑަށް ކުށްވެރި ކުރަނީ އެ ޓީމުގެ ކެޕްޓަން މެސީ އެވެ.

މެސީ ބުނީ އެ މެޗަކީ ރެފްރީގެ ނުފޫޒުން ބްރެޒިލް ކޮޅަށް ވަރަށް ބޮޑަށް ބުރަވެގެން ކުޅުނު މެޗެއް ކަމަށެވެ. އަދި އެ މެޗުގައި ރަނގަޅު ރެފްރީއެއް ހުރި ނަމަ ނަތީޖާ ތަފާތު ވާނެ ކަމަށެވެ.

"ބްރެޒިލްއަށް ވުރެން އެ މެޗުގައި މާ ބޮޑުތަނުންވެސް މޮޅަށް ކުޅުނީ އާޖެންޓީނާ. އެއީ މެޗު ބަލަން ތިބި އެންމެނަށް ވެސް އެނގޭނެ ހަގީގަތެއް. އެ ޓީމުން ފަހުން ޖެހި ގޯލަކީ ވެސް އަގުއޭރޯއަށް ފައުލު ކުރުމަށްފަހު އުފެއްދި ކައުންޓާ އަކުން ޖެހި ގޯލެއް،" މެސީ ބުންޏެވެ.

އޭނާ ބުނީ މެޗުގެ ތެރޭގައި އާޖެންޓީނާއަށް ގިނަ ރީނދޫ ކާޑުތަކެއް ވެސް ދެއްކި ކަމަށާއި ނަމަވެސް ބްރެޒިލްއިން ކުރި ފައުލު ތަކަށް ކާޑު ނުދައްކާ ކަމަށެވެ. އެންމެ ކުޑަ މިނުން ކާާޑު ދައްކާ އިރު ވީޑިއޯ ވެސް ބަލައި ނުލާ ކަމަށެވެ.

"މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. ރެފްރީއެއްގެ ސަބަބުން މިފަދަ ބޮޑެތި މެޗުތަކުގެ ނަތީޖާ އެތައް ގޮތަކުން ތަފާތުވޭ. މި މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ކުރުމަށް ގޮވާލަން." މެސީ ބުންޏެވެ.

comment ކޮމެންޓް