ގްރީން ޓެކުހުގެ ފަންޑްގައި 286 މިލިއަން ރުފިޔާ

ހިިންމަ ފުށީ އަތިރިމަތީގައި ފަތުރުވެރިން ތަކެއް ވަގުތު ހޭދަކުރަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ މެއި މަހު ގްރީން ޓެކުހުގެ ގޮތުގައި 77.6 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެ ފަންޑްގައި މިދިޔަ މަސް ނިމުނު އިރު 286 ރުފިޔާ ހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މެއި މަހު އެންގެ ގިނަ އަދަދަކަށް ޓެކްސް ދެއްކީ މާލެ އަތޮޅުންނެވެ. އެއީ 28 މިލިއަން ރުފިޔާ އެވެ. ކ. އަތޮޅުގެ ރިސޯޓުތަކުން 27 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވާ އިރު މި އަތޮޅުގެ ގެސްޓު ހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައި ވަނީ 184،688 ރުފިޔާ އެވެ.

ދެން އެންމެ ބޮޑު އަދަދެއް ގްރީން ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ އދ. އަތޮޅުންނެވެ. އެއީ 10 މިލިއަން ރުފިޔާ އެވެ. އދ. އަތޮޅުގެ ރިސޯޓުތަކުން 988،380 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވާ އިރު އެ އަތޮޅުގެ ގެސްޓު ހައުސްތަކުން ދައްކާފައި ވަނީ 245،127 ރުފިޔާ އެވެ.

ބ. އަތޮޅުން ހަ މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އިރު އެ އަތޮޅުގެ ރިސޯޓުތަކުން 5،790،590 ރުފިޔާ ވަނީ ގްރީން ޓެކުހުގެ ގޮތުގައި ދައްކައިފަ އެވެ. އެ އަތޮޅުގެ ހޮޓެލްތަކުން 297،492 ރުފިޔާ ގްރީން ޓެކުހަށް ދައްކާފައިވާއިރު ބ. އަތޮޅުގެ ގެސްޓް ހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި 149،614 ރުފިޔާ ވަނީ ދައްކައިފަ އެވެ.

ރިސޯޓު، ހޮޓެލް އަދި ގެސްޓްހައުސްތަކުން މެއި މަހު ގްރީން ޓެކުހުގެ ގޮތުގައި ޖުމްލަ 75 މިލިއަން ރުފިޔާ ދައްކާފައިވާ އިރު ލިވަބޯޑުތަކުން ދައްކާފައިވަނީ 2.3 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސް ފަންޑުން މެއި މަހު 22 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ ފައިސާ ހަރަދުކޮށްފައި ވަނީ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތަކަށެވެ. މެއި މަސް ނިމުނުއިރު ގްރީން ޓެކްސް ފަންޑުގައި 286 މިލިއަން ރުފިޔާ އެބަހުއްޓެވެ.

ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ރިސޯޓުތަކުން ރެއަކަށް ހަ ޑޮލަރު އަދި ގެސްޓު ހައުސްތަކުން ރެއަކަށް ތިން ޑޮލަރު ނަގަ އެވެ.

comment ކޮމެންޓް