ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ގާޒީން ހޯދަން ކުރި އިއުލާން ބާތިލް ކޮށްފި

ކްރިމިނަލް ކޯޓް: އެ ކޯޓާއި ސިވިލް ކޯޓަށް ގާޒީން ހޯދުމަށް ކުރި އިއުލާން ވަނީ ބާތިލް ކޮށްފައި ---

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ގާޒީން ހޯދުމަށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާން އެ ކޮމިޝަނުން މިއަދު ބާތިލްކޮށްފިއެވެ.

ޖޭއެސްސީން އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ 40 ވަނަ ބައްދަލުވުމުގަ އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ގާޒީން ހޯދުމަށް އިއުލާން ކުރުމުން އެކަމަށް އެދި ބައެއް ފަރާތްތަކުން ކުރިމަތިލި ކަމަށެވެ.

ނަމަވެސް އެ ދެ އިއުލާން ބާތިލް ކުރުމަށް ނިންމީ އެ ކަމަށް ޓަކައި އެކުލަވާލި ކޮމެޓީއަށް ފާހަގަވި ބައެއް ކަންތައްތަކަށް ބަލާއިރު، މި ދަނޑިވަޅުގައި އެކަން ކުރިއަށް ނުގެން ގޮސް ބައެއް އިދާރީ ކަންކަން ރަނގަޅު ކުރުމަށްފަހު އަލުން އިއުލާން ކުރުމަށް ކަމަށް ޒަހީން ވިދާޅުވި އެވެ.

"މިވަގުތު ސިވިލް ކޯޓަށް އަދި ކްރިމިނަ ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާން ވަނީ ބާތިލް ކޮށްފައި،" ޒަހީން ވިދާޅުވި އެވެ.

ޖޭއެސްސީން ވަނީ އޭޕްރިލް 23 ގައި ސިވިލް ކޯޓަށް ދެ ގާޒީން ހޯދުމަށް އިއުލާން ކޮށްފަ އެވެ. އަދި އެ އިއުލާނުގެ މުއްދަތު ހަމަވެ އެކަމަށްޓަކައި ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އަދި ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދުމަށް އިއުލާން ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އިއުލާނުގެ މުއްދަތު ހަމަވާނެ ކަމަށް އޭރު ބުނެފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

comment ކޮމެންޓް