ލުތުފީއަށް މަރުގެ އަދަބު ދިން ނަމަ މި ޑްރާމާއެއް ނުހިނގާނެ: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު--

ނޮވެމްބަރު ތިނެއްގެ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއަށް އިއްވި ހުކުމާ އެއްގޮތަށް އޭނާއަށް މަރުގެ އަދަބު ދިން ނަމަ ލުތުފީގެ ޑްރާމާ މިއަދާ ހަމަޔަށް ދެމިގެން ނުދިޔައީސް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ސަރުކާރު މެމްބަރުން ވަނީ ލުތުފީ ހޯދަން ކުރީގެ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް ވިދާޅުވެ އުމަރު ނަސީރަށް ތުހުމަތުތައް ކުރައްވައިފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އުމަރު ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހަމަލާ ދިން އިރު އޭނާއަކީ ދިވެހި ސިފައިންގެ މީހެއް ކަމަށާއި، އެ ހަމަލާ ތަޖުރިބާކޮށްފައި ވާނެ ކަމަށެވެ. އަދި ލެއިން ތަތްތެޅި ބިންމައްޗަށް ވެއްޓިފައި ތިބި ދިވެހި ޝަހީދުންގެ ހަށިގަނޑުތައް ފެނުނު ކަމަށާއި، ހަށިގަނޑުތައް ވެސް ނަގައިފައި ވާނެ ކަމަށެވެ.

"މިހެންވެ އަޅުގަނޑުގެ ވަޒީރު ކަމުގައި ލުތުފީ ހޯދުމަށް ވަރަށް ގިނަ ގުނަ މަސައްކަތް ކުރެވުނު،" އުމަރު ވިދާޅުވި އެވެ.

އެގޮތުން ލުތުފީ ހައްޔަރު ކުރުމަށް މަގުފަހިކޮށްދޭ ވަރުގެ މައުލޫމާތެއް ދިން ފަރާތަކަށް 75،000 ރުފިޔާގެ އިނާމެއް ކުރީގެ ސަރުކާރުން ހުށަހެޅި ކަމަށާއި، ފަހުން އެ އިނާމު 10،000 އެމެރިކާ ޑޮލަރަށް ބޮޑުކޮށް އެ މައުލޫމާތު ސްރީލަންކާގެ ފުލުހުންނަށް ވެސް ފޯރުކޮށްދީފައިވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

ލަންކާގެ ލޯ އެންޑް އޯޑާ މިނިސްޓަރާ އެކު ކޮލަމްބޯގައި ކުރިއަށް ދިޔަ ރަސްމީ ބައްދަލުވުމުގައި ލުތުފީގެ މައްސަލަ އެޖެންޑާ ކުރެވި، އެކަމުގައި ލަންކާގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ނޭޕާލްގައި ބޭއްވުނު ސާކް ގައުމުތަކުގެ ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރޭގައި ވެސް ލުތުފީ ހޯދުމާ ބެހޭ ގޮތުން ލަންކާގެ މިނިސްޓަރާ ވަކިން ބައްދަލުކޮށް ވާހަކަ ދެކެވުނު ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ލަންކާގެ ޕޮލިސް ޗީފް އާއެކު ކުރިއަށް ދިޔަ ރަސްމީ ބައްދަލުވުމުގައި ވެސް ލުތުފީގެ މައްސަލަ އެޖެންޑާކޮށް ލަންކާގެ ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ.

ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ އަހުމަދު ނަސީމް (ކެރަފާ ނަސީމް) އާ އެކު ލުތުފީ ހުރިކަމުގެ މައުލޫމާތު ލިބުމާއެކު ވަގުތުން ލަންކާ ފުލުހުން އެތަނަށް ފޮނުވި ކަމަށާއި، ނަމަވެސް ފުލުހުންނަށް ދެވުނު އިރު ލުތުފީ އެތަނުން ފިލާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ލަންކާގެ ނުގޭގޮޑާގައި ލުތުފީ އުޅޭކަމުގެ މައުލޫމާތު ލިބުމުން، ދިވެހި ސިއްރު ފުލުހުންގެ ޓީމެއް ލަންކާއަށް ފޮނުވާ ފާރަލުމަށް އެއް މަސް ދުވަހުގެ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވާނެކަން އުމަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އުމަރު ވިދާޅުވީ ލަންކާގެ ވަކިވަކި ފުލުހުންގެ އަތުގައި ލުތުފީގެ ފޮޓޯ އާއި މައުލޫމާތު ހުންނާނެ ކަމަށާއި ލުތުފީ މިއަދު ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަދެ ފިލާ އޮންނަން ޖެހުނީ ކުރީގެ ސަރުކާރުން ހުށަހަޅައިފައި އޮތް 10،000 ޑޮލަރުގެ އިނާމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.

"މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދޭން އަޅުގަނޑު ވަކާލާތު ކުރަނީ މިހެން ވެގެން. ލުތުފީއަށް މަރުގެ އަދަބު ދެވުނު ނަމަ މި ޑްރާމާ މިގޮތަށް ހިނގާކަށް ނުޖެހުނީސް. ޝަހީދު ވެގެންދިޔަ 19 ދިވެހިންނަށް އިންސާފު ލިބުނީސް،" އުމަރު ވިދާޅުވި އެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ އާގުޅިގެން ލުތުފީގެ މައްޗަށް ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް ރައީސް މައުމޫން ވަނީ ލުތުފީގެ އަދަބު ލުއިކޮށްދީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދީފައެވެ.

އުމުރަށް ޖަލަށް ހުކުމްކޮށްފައިވާ ލުތުފީ، ބޭސްފަރުވާއަށް ރާއްޖެއިން ފޮނުވާލީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 16 ގައެވެ. އެފަހުން ލުތުފީ ފިލައިގެން ދިރިއުޅެމުން އަންނަނީ ލަންކާގައެވެ. އެއަށްފަހު މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އޭނާ އަމިއްލަ އަށް ދިވެހި އެމްބަސީއަށް ގޮސް އަމާންދީ ފުލުހުންނާ ހަވާލުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެކަން ހާމަނުކޮށް ލަސްކުރުމުގެ އިތުރުން، ލުތުފީ އަދިވެސް ރާއްޖެ ނުގެނެވިގެން އުޅޭތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި ލުތުފީ ރާއްޖެ ނުގެނެވި ލަސްވާ މައްސަލައިގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައެވެ.މ

comment ކޮމެންޓް