އަމާޒަކީ އަތުލައިގަނެވޭ މަސްތުވާތަކެތި ގިނަވެގެން އެއް މަސް ތެރޭ ނައްތާލުން: ހަމީދު

ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވާހަކަ ދައްކަވަނީ: އަމާޒަކީ މަސްތުވާތަކެތި ގިނަވެގެން އެއް މަސް ތެރޭ ނައްތާލުން ކަމަށް ވިދާޅުވި -- ސަން ފޮޓޯ

ފުލުހުންގެ އަމާޒަކީ، މިއަދުން ފެށިގެން އަތުލައިގަނެވޭ މަސްތުވާތަކެތި ގިނަވެގެން އެއް މަސް ދުވަސްތެރޭ ނައްތާލުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވަމީ ގޮތުން ފާހަގަ ކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ދޫނިދޫގައި ފުލުހުން ވަނީ 414 މިލިއަން ރުފިޔާގެ 420 ކިލޯގެ މަސްތުވާތަކެތި ނައްތާލާފައެވެ. އެއީ 2014 ވަނަ އަހަރުން ފެށިގެން މި މަހުގެ އެއް ވަނަ ދުވަހަށް 3،165 ކޭސްގައި އަތުލައިގަތް މަސްތުވާތަކެއްޗެވެ.

މަސްތުވާތަކެތި ނައްތާލުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ، މަސްތުވާތަކެތި އަތުލައިގަނެ އެ މައްސަލަ ފައިލްކޮށް، ޝަރީއަތުގެ ބޭނުމަށް ބަހައްޓަން ޖެހޭ މިންވަރު ބެހެއްޓުމަށްފަހު، ގިނަވެގެން އެއް މަސްދުވަސް ތެރޭ މަސްތުވާތަކެތި ނައްތާލުމަކީ ފުލުހުންގެ އަމާޒެއް ކަމަށެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި އަތުލައިގަނެވޭ މަސްތުވާތަކެތި ގިނަ ވެގެން އެއްމަސް ދުވަސްތެރޭ ނައްތާލެވޭނެ،" ހަމީދު ވިދާޅުވިއެވެ.

https://sun.mv/120935

މަސްތުވާތަކެތި ނައްތާލަނީ: 419 ކިލޯގެ މަސްތުވާތެކެތި ވަނީ -- ސަން ފޮޓޯ/ މުޒައިޔިން ނާޒިމް

މަސްތުވާތަކެތި އަތުލައިގަތުމަށްފަހު، ފުލުހުންގެ ތެރެއިން އެއްޗެހި ދޫވެގެންދާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެއެވެ. އެކަމާ ގުޅިގެން ހަމީދު ވިދާޅުވީ، މިހާތަނަށް އެފަަދަ މައްސަލައެއް ތަހުގީގު ކުރެވިފައިނުވާ ކަމަށެވެ.

އެގޮތަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ހާމަ ކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދެވޭތީ ކަމަށާއި މަސްތުވާތަކެތި ނައްތާލުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، މިއަދު 2014 ވަނަ އަހަރުގެ ފަހުގެ ކޭސްތަކުގެ މަސްތުވާތަކެތި ނައްތާލި ނަމަވެސް 2014 ގެ ކުރީގެ ކޭސްތަކުގައި ވެސް ވަރަށް ބައިވަރު މަސްތުވާތަކެތި ނައްތާ ނުލެވި އެބަހުރި ކަމަށެވެ.

"2014 ގެ ކުރިގެ މައްސަލަތަކުގެ މަސްތުވާތަކެތިވެސް އޮޑިޓް ކުރަމުން އަޅުގަނޑުމެން އަންނަނީ. އެ މަސައްކަތް ނިމުމުން ވީހާވެސް އަވަހަށް ނައްތާލާން،" ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، މީގެ ކުރިން މަސްތުވާތަކެތީގެ ރިކޯޑު ބަލަހައްޓަމުން އަންނީ ލިޔުމުން ކަމަށާއި މިހާރު އެ ރިކޯޑު ޑިޖިޓަލް ކޮށް ބެލެހެއްޓުމަށް ފަށައިފައިވާ ކަމަށެވެ.

މަސްތުވާތެކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާއި މެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދުގައިވާ ދަށުން، މަސްތުވާތަކެތި ނައްތާލުމަށް ހަމަޖެހިފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވާލާ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ. މިއަދު މަސްތުވާތަކެތި ނައްތާލީ އެ ކޮމިޓީގެ ހާޒިރުގަ އެވެ.

މިއަދު ނައްތާލާފައިވަނީ ބަރުދަނަށް ބަލައި ދައުވާކުރެވޭ މިންވަރުގެ ދެ ގުނަ ބެހެއްޓުމަށްފަހު ބާކީ ބައެވެ.

މިއަދުގެ މަސްތުވާތަކެތި ނައްތާލިއިރު، އެތަނުގައި ނައިބު ރައީސް ފައިސަލް ނަސީމް، ހޯމް މިނިސްޓަރު އިމާރާން އަބްދުﷲ، ޕްރޮސިކުއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަދި ސަރުކާރުގެ ބައެއް އިސްވެރިންވެސް ތިއްބެވިއެވެ.

comment ކޮމެންޓް