ރިލްވާން ގެއްލުވާލި މީހުންގެ މައުލޫމާތު ފަނޑިޔާރު ދީދީ އަށް ފޮނުވީ އަދީބު

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ---

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައި ތިބި ދެމީހުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގެ ކުރިން އެ މީހުންގެ މައުލޫމާތު ފަނޑިޔާރު އަބްދުﷲ ދީދީ އަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެސެޖްކޮށްފައިވާ ކަން 'ސަން' އަށް އެނގިއްޖެ އެވެ.

ރިލްވާން ގެއްލުނު މައްސަލައިގައި ތުހުމަތުވާ، ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދާއި ސ. މީދޫ ސީދާ މަންޒިލް އަބްދުﷲ ހައިޝަމް ދޫކޮށްލުމަށް އަމުރު ނެެރުއްވީ އޭރު ކްރިމިނަލް ކޯޓްގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަމުންދާއިރު، ފުލުހުން ޖޭއެސްސީއާ ހިއްސާކޮށްފައިވާ ގިނަ ހެކިތަކެއް މިއަދު މައްސަލަ އަޑުއެހުން ކުރިއަށް ދިޔަ އިރު ޖޭއެސްސީގެ މެމްބަރު ހިސާން ހުސައިން މައްސަލަ ބަލާ މަޖިލީހުގައި އިއްވެވި އެވެ.

ހިސާން ވިދާޅުވީ މ. ޝައިނިން ސްޓާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައި ހުރި ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދާއި ސ. މީދޫ ސީދާ މަންޒިލް އަބްދުﷲ ހައިޝަމް ބަންދުން ދޫކުރެވޭނޭ އިންތިޒާމު ހަމަޖެއްސުމަށް މާލޭގެ ކުށުގެ މާހައުލުގައި އުޅޭ ކަމަށް ފާހަގަ ކުރެވިފައިވާ މީހަކު "ސަސްޕެކްޓް އެކަކާ" މުއާމަލާތް ކުރި ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން 'ސަން' އަށް ބުނީ އެމައްސަލާގައި ވާހަކަދެއްކި "ސަސްޕެކްޓް އެކެއް" އެއީ އަދީބު ކަމަށެވެ.

އެ ދެ މީހުންގެ މައުލޫމާތު "ސަސްޕެކްޓް އެކެއް"، ފަނޑިޔާރު އަބްދުﷲ ދީދީއަށް ޓެކްސްޓް މެސެޖެއް މެދުވެރިކޮށް ފޮނުވި ކަމަށް ހިސާން އިއްވެވި ސިޓީގައިވެ އެވެ. އަދި އެ މައުލޫމާތު ފަނޑިޔާރު އަބްދުﷲ ދީދީއާ ހިއްސާކުރި ފަހުން، ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދު، އެވަގުތު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ބަންދުން ދޫކޮށްލާފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ކަން ފާހަގަ ކުރެވިފައިވާ ކަމަށް މިއަދު ފުލުހުން ޖޭއެސްސީއާ ހިއްސާކޮސް ތަހުގީގުގެ އަޑުއެހުމުގައި އިއްވި ހެކިތަކުގައި ބުނެފައިވެ އެވެ.

އެމައްސަލާގައި ދެން ތުހުމަތު ކުރެވޭ ސ. މީދޫ، ސީދާ މަންޒިލް އަބްދުﷲ ހައިޝަމް ވެސް ދުކޮށްލާފައިވަނީ ސަސްޕެކްޓް އެކެއްގެ އިރުޝާދުގެ ދަށުން ކަން ޖޭއެސްސީއިން މިއަދު އާންމު ކުރި ހެކިތަކުން އެނގެ އެވެ.

ރިލްވާނު ގެއްލުވާލި މައްސަލައިގެ އަޑީގައި އަދީބު ހުރި ކަމަށް ބުނެ ގިނަ ބަޔަކު އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. އެކަމަކު އޭނާ އެ ތުހުމަތުތައް ދޮގު ކުރައްވާފައިވެ އެވެ.

މީގެ އިތުރުން، ވަގުތީ ގޮތުން އަދީބު ޑިފެންސް މިނިސްޓަަރަކާ ހަވާލުވެ ހުންނަވަނިކޮށް ރިލްވާން މައްސަލަ އާއި އެހެން ވެސް ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ އަޒްލިފް ރައޫފް ރާއްޖެއިން ފުރި މައްސަލައެއް ވެސް ފެންމަތިވި އެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ވަނީ ރިލްވާނުގެ މައްސަލައިގެ ތަހުގީގަށް އަދީބުގެ ބަޔާންވެސް ނަގާފަ އެވެ.

comment ކޮމެންޓް