ވެން ޑައިކަށާއި ޑެ ލީޙްއަށް ރޮނާލްޑޯ ހުއްޓުވޭނެ: ކޮއެމަން

ނެދަލެންޑާއި ޕޯޗުގަލް ބައްދަލު ކުރި މެޗެއްގެ ތެރެއިން ކުރިސްޓިއާނޯ ރޮނާލްޑޯއާއި މެތިއަސް ޑެ ލީޙް ސަލާންކޮށްލަނީ --- ފޮޓޯ/ޑޮމް ފެރަލް

މިހާރު ކުރިއަށްދާ ޔޫއެފާ ނޭޝަންސް ކަޕުގެ ފައިނަލުގައި މިރޭ އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލާއި ދެކޮޅަށް ނުކުންނަ ނެދަލެންޑު ޓީމުގެ ދެ ޑިފެންޑަރުން، ވާޖިލް ވެންޑައިކާއި ޑެ ލީޙްއަށް ކުރިސްޓިއާނޯ ރޮނާލްޑޯ ހިފެހެއްޓޭނެ ކަމަށް އެ ޓީމުގެ ކޯޗު ރޮނާލް ކޮއެމަން ބުނެފި އެވެ.

މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޕޯޗުގަލްގެ އެސްޓާޑިއޯ ޑެ ޑްރެގާއޯ ސްޓޭޑިއަމުގައި މިރޭގެ ފައިނަލް ކުޅޭ އިރު އެންމެ ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލަކީ ނިމިގެން މިދިޔަ ސީޒަނުގައި އެންމެ ފާހަގަ ކޮށްލެވުނު ދެ ޑިފެންޑަރުން ކަމަށްވާ ވެން ޑައިކާއި ޑެ ލީޙްގެ އަތްދަށުން ފޯމުގައި ހުރި ރޮނާލްޑޯއަށް ސަލާމަތް ވެވިދާނެތޯ އެވެ.

ރޮނާލްޑޯ ވަނީ އެންމެ ފަހުން އެ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު މެޗުގައި ސްވިޒަލެންޑު ކޮޅަށް ހެޓްރިކެއް ހަދާފަ އެވެ. އެއީ އޭނަގެ ކެރިއަރުގައި އޭނާ ހެދި 53 ވަނަ ހެޓްރިކެވެ. އުމުރުން 34ގެ ރޮނާލްޑޯ މިހާތަނަށް ވަނީ 88 ގޯލު ޕޯޗުގަލްއަށް ޖަހައިދީފަ އެވެ.

ނަމަވެސް ނެދަލެންޑުގައި ތިބި އާދަޔާ ޙިލާފު ދެ ޑިފެންޑަރުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ލިވަޕޫލްގެ ވެން ޑައިކާއި އަޔެކްސްގެ ޑެ ލީޙްއަށް ރޮނާލްޑޯ ހިފަހައްޓައިލެވޭނެ ކަމަށް ނެދަލެންޑުގެ ކޯޗު ކޮއެމަން ވަނީ ވަރަށް އުންމީދާ އެކު ބުނެފަ އެވެ.

"ދާދި ފަހަކުން ވެސް ސުވިޒަލެންޑުގައި ޕޯޗުގަލާއި ދެކޮޅަށް އަހަރަމެން މެޗެއް ކުޅުނިން. އެ މެޗުގައި ޑެ ލީޙް ވަނީ ވަރަށް ރަނގަޅަށް ރޮނާލްޑޯ ހިފަހައްޓާފައި. ނަތީޖާއެއްގެ ގޮތުން އެ މެޗުން އަހަރަމެން މޮޅުވީ 0-3 ގެ ނަތީޖާ އަކުން،" ކޮއެމަން ބުންޏެވެ.

އޭނާ ބުނީ ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއެއް ކަމަށާއި އޭނާ ހުއްޓުވުމަށް ވަރަށް އުނދަގޫވާނެ ކަމަށެވެ. ނަމަވެސް ޓީމުގައި ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށާއި މިފަހަރުގެ ތަށި ނެދަލެންޑުން ކާމިޔާބު ކުރާނެ ކަމަށެވެ.

comment ކޮމެންޓް