ޔޫރޯ ކޮލިފިކޭޝަން 2020: ފަރޯ އައިލަންޑްސް ގާތުން ސްޕެއިންއަށް ފަސޭހަ މޮޅެއް

ސްޕެއިންގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ/ޖޭމްސް ވިލޫބީ

ޔޫއެފާ ޔޫރޯ 2020ގެ ކޮލިފިކޭޝަނުގައި ރޭ ކުޅުނު މެޗުން ފަރޯ އައިލަންޑްސް ގާތުން ސްޕެއިން ފަސޭހަ ކަމާ އެކު މޮޅުވެ ތާވަލުގެ އެއްވަނައަށް ޖެހިލައިފަ އެވެ.

ރަށުން ބޭރުގައި ރޭ ފެރޯ އައިލަންޑްސްއާ ވާދަ ކުރި މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 1-4ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ސްޕެއިން އިން ވަނީ ކޮލިފިކޭޝަން ގުރޫޕުގެ އެއްވަނައަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށް ނުވަ ޕޮއިންޓް އެ ގައުމުން ހޯދާފައިވާ އިރު އެންމެ ގާތުން ވާދަ ކުރާ ސްވިޑަންއަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.

ސްޕެއިންއިން ރޭ ކުޅުނު މެޗުގެ ފުރަތަމަ ފަސް މިނަޓުގެ ތެރޭގައި ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފަ އެވެ. ޓީމުގެ ކެޕްޓަން ސާޖިއޯ ރަމޯސް ޖަހައިދިން އިރު އޭނާ ވަނީ އެންމެ ފަހުން ސްޕެއިންއާ އެކު ކުޅުނު ހަތް މެޗުގައި ހަ ގޯލު އެ ޓީމަށް ޖަހައިދީފަ އެވެ.

ރާމޮސްގެ ގޯލާ އެކު ފެރޯ އައިލަންޑްސްއަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް ސްޕެއިން އިން ވަނީ އެމީހުންގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވެލެންސިއާގެ ޑިފެންޑަރަކަށް ކުޅެމުން އަންނަ ޖީސަސް ނަވާސް އެވެ.

ސްޕެއިންގެ ދެ ގޯލަށްފަހު ފެރޯ އައިލަންޑްސްއަށް ލިބުނު ފުރުސަތެއްގައި އެ ޓީމުން ވަނީ ގޯލެއް ޖަހައިފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ފެރޯ އައިލަންޑުގެ ގޯލްކީޕަރުގެ އަތުން ބައިކޮޅަށް ވަތް ގޯލަކާ އެކު ސްޕެއިންއަށް ވަނީ އެމީހުންގެ ލީޑު އަނެއްކާ ވެސް ބޮޑުވެފަ އެވެ.

ސްޕެއިންއިން އެމީހުންގެ ފަހު ގޯލު ޖެހީ ދެވަނަ ހާފުގަ އެވެ. މާކޯ އެސެންސިއޯގެ ހިތްގައިމު ޕާހަކުން އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ޒުވާން ފޯވާޑް ހޯސޭ ގަޔާ އެވެ.

ކޮލިފިކޭޝަނުގައި ދެން އެންމެ އަވަހަށް ސްޕެއިން ވާދަ ކުރާނީ ގްރޫޕު އެފްގައި އެންމެ ވާދަވެރި ސްވިޑަންގަ އެވެ.

comment ކޮމެންޓް