މުޖުތަމަޢުގައި ހަމަޖެހުން އޮންނާނެ ގޮތެއް ހޯއްދަވާ ދެއްވާ

ކުޑަކުދިންނާ ބެހުނުކަމަށް ބުނާ މީހާ ގަން ހިންގާފައި ގެންދަނީ--- ފޮޓޯ: މީސް މީޑިއާ

އަޅުގަނޑުމެންގެ މުޖުތަމަޢަ މި ދަނީ މަޑު މަޑުން ރޫޅެމުން ނެވެ. އެއް ފަހަރަށް ވުރެ ގިނަ ފަހަރު، އެއްތަނަށް ވުރެ ގިނަ ތަންތަނުގައި ރައްޔިތުން، އަމިއްލަ އަށް އެމީހުންގެ އަމިއްލަ "ޢަދާލަތު" އިން ކުށް ކުރާ މީހުންނަށް "އަދަބު" ދެމުން އެބަ ގެންދެ އެވެ. މި ގޮތަށް "އަދަބު" ދެނީ ކުށް ކުރަނިކޮށް ހިފުމުން ނެވެ. މިއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ކުށް ކުރާ މީހާ ކުށް ކުރަނިކޮށް ފެނުމުން އެތަނެއްގައި ތިބި އެންމެން ވެގެން އެ މީހަކަށް އަނިޔާ ކުރަނީ އެވެ. ކަމާ ބެހޭ ފަރާތަކަށް އެ މަންޒަރު ފެންނަން ދެންނެވެ. ނުވަތަ ކަމާ ބެހޭ ފަރާތަކުން އެ މީހަކާ ޙަވާލު ވާންދެން ނެވެ. މިގޮތަށް ކަންތައް ކުރުމަކީ، ދެކުނު އޭޝިއާގެ ބައެއް ޤައުމުތަކުގައި އާ ކަމެއް ނޫނެވެ. އެހެންނަމަވެސް، އެ ގޮތަށް ކަންތައް ކުރުމަކީ އެއްވެސް ޤައުމެއްގައި ހުއްދަ ކުރެވޭ ކަމެއް ނޫނެވެ. ޤާނޫނާ ޚިލާފް ކަމެކެވެ. ކުށްވެރި ވާނެ އަމަލެކެވެ. ކުށް ކުރާ މީހުންނަށް ތިމާ އަމިއްލަ އަށް އަނިޔާ ކުރުމުގެ ބައެއް ޙާދިސާތަކުގައި، ބައެއް ޤައުމުތަކުގައި، ލިބުނު އަނިޔާގެ ސަބަބުން ކުށް ކުރި މީހުން މަރުވެފައި ވެސް އެބަހުއްޓެވެ. މި ގޮތަށް ކަންތައް ކުރާ ޤައުމުތަކުގައި، މިގޮތަށް ކަންތައް ކުރާ ބައެއް މީހުން ބުނާ ކަމުގައި ވަނީ އެ ގޮތަށް ކަންތައް ކުރުމަށް، އެމީހުންގެ އެ އިރުގެ ޙާލަތު މަޖުބޫރު ކުރުވަނީ އެވެ. ކަމާ ބެހޭ ފަރާތަށް ރިޕޯޓު ކުރުމުން ފިޔަވަޅެއް ނޭޅެ އެވެ. ބައެއް ފަހަރަށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އޮފީހަށް ގެންދެވޭ މީހާ އެއް ދޮރުން ވަދެގެން އަނެއް ދޮރުން ނުކުމެގެން އަންނަ ކަމުގައި ވެސް އެމީހުން ބުނެ އެވެ. އަދި އެ މީހާ އަށް، އެ ކުށް ކޮންމެވެސް އެހެން ހިސާބެއްގައި ތަކުރާރު ކުރުމުގެ ފުރުޞަތު އޮވެ އެވެ. މިހެންވުމުގެ ސަބަބުން، އަމާން ކަމާ އެކު އަމިއްލަ ދިރިއުޅުން ހަމަހިމޭންކަމާ އެކު އުޅެން ބޭނުންވާ މީހުންނަށް އަމާން ކަމުގެ ހުރިހާ މަގެއް އޮންނަނީ ބަންދު ވެފަ އެވެ.

މި އުނދަގޫ ކަންތައްތައް އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް މިހާރު ތަޖުރިބާ ކުރަމުން ގެންދާ އިރު އަޅުގަނޑުމެންގެ ކަންތައްތައް ކުރިއަށް ދަނީ ރަނގަޅަށްތޯ ބެލުމަށް، އަޅުގަނޑުމެންގެ ފަރާތުން ހޮވާފައި ތިބި އަޅުގަނޑުމެންގެ މަންދޫބުންނަށް މިކަހަލަ ކަމެއްވާ ކަމުގެ ހިލަމެއް ވާ ހެން ވެސް ހީ ނުވެ އެވެ. މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިނގާ ކަން އެ ބޭފުޅުންނަށް އެގިވަޑައިގަންނަވާ ކަމުގެ ކުޑަ ކުޑަ އެއްޗެއް ވެސް ރަސްމީ ގޮތުން ވިދާޅުވާ ތަނެއް ނުފެނެ އެވެ. އަޅުގަނޑުމެންގެ ރައްކާތެރިކަމާއި ޙިމާޔަތާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަވާ ފައި ވާ ކަން، އަދި، އެގިފައެއް ނުވެ އެވެ. ހަތަރު ގަޑިއިރު ވާންދެން ޖަލްސާއެއް ދެމިގެންދިޔައަސް، ފާޚާނާ އަށް ދިޔަ ނުދީ ހިފެހެއްޓުނަސް، މުސާރަ އާއި ޢިނާޔަތަށް ކޮންމެ މަހަކު ލައްކައެެއް ހާ ރުފިޔާ އަޅުގަނޑުމެން ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކާ ފައިސާ އިން ހޭދަ ކުރިއަސް، ނަމުގެ ކުރިއަށް ޢިއްޒަތްތެރި ގެނެވުނަސް، ހަށިފާރަވެރިން ގޭދޮށު ގައްޔާއި ފަހަތުގައި ނުވަތަ ކުރީގައި ބޭތިއްބުނަސް، އަަޅުގަނޑުމެން، އެ ބޭފުޅުން އެ ހިސާބަށް ގެންގޮސް ދީ އެ ޢިއްޒަތާއި ޤަދަރު ހޯދައި ދިނުމުން، އަޅުގަނޑުމެންނަށް ކުރީ ކޮން ފައިދާ އެއް ތޯ އެވެ؟ އަޅުގަނޑުމެން އެ ބޭފުޅުން ނަށް އެ މަޤާމާއި ޤަދަރު ހޯދައިދިނީ ފައިސާގެ ބޭނުމަކު ނޫނެވެ. މަޝްރޫޢުތައް ހޯދައިދިނުމުގެ ބޭނުމަކު ވެސް ނޫނެވެ. އަޅުގަނޑުމެންނަށް ރައްކާތެރި ކަމާއި ސަލާމަތްތެރި ކަން ހޯދައި ދިނުމަށް އަޅުގަނޑުމެންގެ ފަރާތުން ވަކާލާތު ކުރުމަށެވެ. މުޖުތަމަޢުގެ ހެވާއި ލާބަ އަށް މަސައްކަތް ކުރެއްވުމަށެވެ. އަޅުގަނޑުމެން ހިނގަންޖެހޭ ރާސްތާ ނާމާން ވެއްޖެ ނަމަ އަމާން ރާސްތާއެއް ހޯދައި ދިނުމަށެވެ. އަޅުގަނޑުމެން ކުރިއަށް ދާންވީ މަގުގައި ހުރަސްތަކެއް ހުރި ނަމަ އެ ހުރަސްތަކެއް ގިރާ ކުރުމަށް އެހީތެރި ވެ ދިނުމަށެވެ.

ރައްޔިތުން ނުކުމެ ކުށް ކުރާ މީހުންނަށް އަނިޔާ ކުރާ ހިސާބަށް ކަންތައް ގޮސްގެން މިއުޅެނީ ކީއްވެތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް ކުއްލި މައްސަލަ އެއް ހާ ވަރު ވެސް ހުށަނޭޅެ އެވެ. މި ކަހަލަ ކަންތަކުގައި މަޖިލީހުގެ ކަންބޮޑުވުން ފާޅު ކުރަންޖެހެ އެވެ. ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަށެވެ. އެއިރުން އެ މަސައްކަތެއް ހަވާލު ކުރެވިފައި އޮތް އޮފީހަކުން ހަރުދަނާ ފިޔަވަޅެއް އެޅުމަށް އަވަސްވެ ގަތުމަކީ ކައިރި ކަމެކެވެ. އެ ތަނުގެ މަސައްކަތް ރައްޔިތުންގެ މަންދޫބުންގެ ދުރުމީ އަށް އެރުމުންނެވެ. ފިޔަވަޅެއް އަވަހަށް ނުއަޅައިފި ނަމަ ރައްޔިތުންގެ މަންދޫބުންގެ ފަރާތުން އިތުރު ފިޔަވަޅެއް އަޅާފާނެ ކަމުގެ ބިރު އޮންނާނެ ތީވެ އެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މާނަ އަކީ ކޮންމެހެން ސަރުކާރާ އިދިކޮޅު ވުމެެއް ނޫނެވެ. ސަރުކާރުގެ މުއައްސަސާ އަކުން ކަމެއް ރަނގަޅަށް ނުހިގާ ކަމަށް ފެނިއްޖެ ހިނދެއްގައި އެކަމެއް ރަނގަޅު ކުރުމަށް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވާ ވެރިކަން ކުރާ ޕާޓީގެ މެމްބަރުންނަށް ވެސް މިކަން ކުރެއްވިދާނެ އެވެ. ސަރުކާރުގެ އޮފީސްތަކުން ކުރާ މަސައްކަތްތައް ހަރުދަނާ ކުރެވޭނީ މިކަހަލަ ތަފާތު ފިޔަވަޅުތައް އެޅިގެންނެވެ.

ދާދި ފަހުން އިވުނު ޚަބަރަކީ، މުޖުތަމަޢު ހަލާކު ވެގެން ދާނެ ފަދަ ބޮޑު ކުށެއް ކުރި ދެ މީހަކު، ބަންދުގައި ނުބޭތިއްބި ގެން އުޅުނު ޚަބަރެވެ. މި ކަމުގައި ޝާމިލު ވާ ދެ އޮފީހުން ވެސް ނެރެނީ ނޫސް ބަޔާނެވެ. އެ ބައެއްގެ ފަޅިން ކަން ހިނގި ގޮތް ސާފުކޮށް ދޭށެވެ. އެ ފަރާތުގެ ކުށެއް ނެތް ކަން ދައްކާ ށެވެ. ޤަވައިދުގައި ހުރި ކަން ރައްޔިތުން ނަށް އަންގާށެވެ. އެއްބަޔަކު ބުނަނީ ބަންދުގައި ބަހައްޓަން އެދުނު ގޮތް ކަމު ނުދަނީ ކަމުގަ އެވެ. އަނެއް ބަޔަކު ބުނަނީ ބަންދުގައި ބެހެއްޓުމަށް އެދުނީ ޢާއްމުކޮށް އަމަލު ކުރާ މިންގަނޑާ އެއްގޮތަށް ކަމަށެވެ. ކުށުގެ ވެށިން އަތުލައިގަތް ދެ މީހުން، ބަންދުގައި ބަހައްޓަން ނުޖެހޭނެ ކަމުގައި، އެއްވެސް ބަޔަކު ނުބުނެ އެވެ. މި، އަކުރުގައި ހިފެހެއްޓުމުގައި ފައިދާ ވީ ތުހުމަތު ވި ފަރާތަށެވެ. ހެއްކާއި ޤަރީނާއާ އެކު ހިފުނު ފަރާތަށެވެ. އެ މީހުން މިނިވަން ވެފައި ތިބެވިއްޖެ ނަމަ ބޭނުންވެއްޖެ ހިނދެއްގައި ބައެއް ކަންތައްތައް ފޮރުވުމަށް މަސައްކަތް ކުރުމުގެ ފުރުޞަތު އޮންނާނެތީވެ އެވެ. ގެއްލުން ވީ ސަރުކާރަށެވެ. ރައްޔިތުން ނަށެވެ. މުހިއްމު ދެ މުއައްސަސާ އެއްގެ "މާތް ކޯޅުމެއް" ރައްޔިތުން ނަށް ފެނުނެވެ. އެ ދެ އޮފީހުގައި ވެސް ލޭންޑު ލައިންގެ ފޯނު ހުންނާނެ އެވެ. އަދި ހުރިހާ ފެންވަރެއްގެ މީހުންގެ އަތުގައި ވެސް މޮބައިލް ފޯނު އޮންނާނެ ކަން ޔަޤީނެވެ. ހަމަ އެންމެ ފޯނުކޯލެއް، ކަން ކަން ނިންމޭ ހިސާބުގެ ވެރިއަކަށް ކޮށްގެން ކަމުނުގޮސްގެން އުޅޭ ބައި ސާފުކޮށްދެވިދާނެ އެވެ. އަދި ކަމުދާ ގޮތަކަށް ފޯމު ބަދަލު ކުރުމަށް ނުވަތަ ފޮނުވާފައި އޮތް ގޮތަކީ ވެސް ރަނގަޅު ގޮތެއް ކަމަށް ސާފު ކޮށް ދެވިދާނެ އެވެ. އެއްބަސްވުމަށްކަށް ވެސް އާދެވިދާނެ އެވެ. މިއީ ޝަރީޢަތެއް ކުރަނީ އަކީ ނޫނެވެ. ޢާއްމުންގެ ތެރޭގައި ހަޑި ފޮތި ނުދޮވެ ވެސް މިކަން އޮމާން ކޮށް ކުރެވުނީ ހެވެ.

ހުޅުމާލޭގެ ބޮޑު މަގުގައި ބައި ކޮށްފައި އޮންނަ ބައި، މިހާރު އެތައް ފަހަރަކު ބާރަށް ދުއްވާ ކާރުން ޖައްސާ ފައި ފުނޑު ފުނޑު ކޮށްލައިފި އެވެ. އެ ކުށް ކުރުން ތަކުރާރު ވަނީ ކީއްވެގެން ބާވަ އެވެ. ޓުރެފިކާ ބެހޭ ޤާނޫނުތައް ފަރުމާކޮށް ޤަވައިދު ހަދާ ޚާއްޞަ އޮފީހެއް ވެސް ހުރެޔޯލަ އެވެ. ޓުރެފިކްގެ ކަންތައްތައް ދިރާސާކޮށް ބަލަހައްޓާ ބަޔަކު ވެސް އުޅެޔޯލަ އެވެ. ހުޅުމާލޭގެ ތަރައްޤީ އާއި ކުރިމަގަށް ވިސްނާ ފިޔަވަޅު އަޅާ އޮފީހެއް ވެސް ހުރެ ޔޯލަ އެވެ. މިފަދަ އޮފީސްތަކުން ކުރާ މަސައްކަތްތައް ބަލައި ޖަވާބުދާރީ ކުރުވާ މަޖިލީހެއް ވެސް އޮވެޔޯލަ އެވެ. ނަމެއް އޮވެ އެވެ. ކަމެއް؟؟ މަޢާފް ކުރައްވާށެވެ! އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި މިކަން ހައްލު ކުރެވެން އޮތް އެންމެ އަވަސް ހަރުދަނާ ގޮތަކަށް ވާނީ އެކުވެރި އަވައްޓެރި ޤައުމަކުން މާލޭގެ ޓުރެފިކް ބަލަހައްޓަން އެހީ ހޯދުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް